ފޭވަރިޓަށްވުމުގެ ޕްރެޝަރު ގާޑިއޯލާ އަށް އަލެއް ނޫން
ފޭވަރިޓަށްވުމުގެ ޕްރެޝަރު ގާޑިއޯލާ އަށް އަލެއް ނޫން

ލަންޑަން (އޮގަސްޓް 11) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނަށް ކުރިމަތިލާއިރު ލީގު ކާމިޔާބުކުރާނީ މެންޗެސްޓާ ސިޓީ ކަމަށް ގިނަ ބަޔަކު ބުނާތީ އޭގެ ޕްރެޝަރު އޮތް ނަމަވެސް ލީގުގެ ފޭވަރިޓަށް ވުމަކީ އޭނާ އަށް އާ ކަމެއް ނޫން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ ގިނަ ރެކޯޑްތަކެއް މުގުރާލުމަށް ފަހު އެވެ. ކުރިއަށް އޮތް ސީޒަނުގައި ވެސް ސިޓީ އަށް އެ ކާމިޔާބީ ތަކުރާރުކުރެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

"މިދިޔަ ނުވަ އަހަރު ތެރޭގައި އެންމެ ސީޒަނެއް ފިޔަވައި އަހަރެން މި އުޅެނީ ކޮންމެ ޓީމެއްގައި ހުއްޓަސް ފޭވަރިޓެއްގެ ގޮތުގައި. އެ ގޮތަށް އޮވެ އަހަރެން ވާނީ ތިން ތަށި ނޫނީ އެ އަށް ވުރެން ގިނަ ކާމިޔާބީތައް ވެސް ހޯދާފައި. އެހެންވީމަ އަހަންނަށް މި ޕްރެޝަރު އަލެއް ނޫން،" ލީގުގައި މާދަމާރޭ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އޭގެ ފަހުން ލީގުގެ ޗެމްޕިއަންކަން ހޯދި ގިނަ ކޯޗުންނަށް ވަނީ ހީކުރި ވަރަށް ވުރެ އަވަހަށް ވަޒީފާ ވެސް ގެއްލިފަ އެވެ. އޭގެ ތެރޭގައި ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ އާއި މޮރީނިއޯ އަދި ކޮންޓޭ ހިމެނެ އެވެ.

ގާޑިއޯލާ ބުނީ އޭނާ ތަށީގެ ވާހަކަ ދައްކާނީ އަންނަ އަހަރުގެ އޭޕްރީލް މަހާ ހިސާބުން ކަމަށެވެ.

"އެންމެ ފުރަތަމަ ޓާގެޓަކީ ތަށްޓެއް ނޫން. ފުރަތަމަ ޓާގެޓަކީ ފުރަތަމަ އޮންނަ މެޗު (އާސެނަލް މެޗު) ދެން އޮންނާނެ ޓާގެޓަކީ 19 ވަނަ ދުވަހު ހަޑްސްފީލްޑް މެޗު. އަންނަ އަހަރު އޭޕްރީލް ނޫނީ މެއި މަހާ ހަމައިން އެނގޭނެ. ހަގީގަތުގައި އަހަރެންގެ ނަޒަރުގައި މިދިޔަ އަހަރު އަހަރެމެން ކުޅުނު ގޮތަށް ކުޅެފިނަމަ ހާސިލްކުރި ކަންތައްތައް ތަކުރާރު ވެސް ކުރެވޭނެ،" ގާޑިއޯލާ ބުންޏެވެ.

ސިޓީން މި ފަހަރުގެ ޓީމަށް ގެނައި އެންމެ ފެންވަރު ރަނގަޅު ކުޅުންތެރިއަކީ ލެސްޓާ ސިޓީގެ ރިޔާދު މާރޭޒް އެވެ. ގާޑިއޯލާ ބުނީ އެ ޓީމުގައި އޮތް ސްކޮޑާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ވޯލްޑް ކަޕަށް ފަހު ސިޓީގެ ބައެއް މުހިއްމު ކުޅުންތެރިން ޓީމާ ގުޅުނީ ޕްރީ ސީޒަން މެޗުތައް ނިމުނު ފަހުންނެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ކުޅުންތެރިން ކުޅެވޭ ހާލަތުގައި ތިބުމަކީ ގާޑިއޯލާ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. އެ ގޮތުން މާދަމާ އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގައި ކެވިން ޑިބްރޭނާ އާއި ރަހީމް ސްޓާލިން ކުޅޭނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ސިޓީ އާއި އާސެނަލް މެޗު އޮންނާނީ މާދަމާރޭ 8 ޖަހާއިރު އެވެ.