10 އޯގަސްޓް 2018 - 15:08

މި އަހަރުގެ ރިޔާސީ އިންތިޚާބު ގައި ވޯޓުލުމަށްޓަކައި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓަރީ ކޮށްދިނުމަށް އެދި މިހާތަނަށް 72،000 ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓަރީ ވުމުގެ މުއްދަތު މާދަމާ ރޭގެ ނިޔަލަށް ހަމަވާއިރު، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ، އެ ކޮމިޝަނަށް ލިބޭ ފޯމުތައް އެންޓާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް، މިހާތަނަށް އެންޓާ ކުރި ފޯމުތަކުގެ އަދަދެއް އީސީއަކުން ނުބުނެ އެވެ.
އެ ކޮމިޝަނުން ނިންމާފައި ވަނީ ހުރިހާ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން، ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
"އަޅުގަނޑުމެން މި ފަހަރު މި ބަލަނީ ރީ-ރެޖިސްޓަރީ ކުރުމަށް އެދި 75،000 ފޯމު ލިބޭނެ ކަމަށް. ރޭ ވެސް 15،000 ފޯމު ބަލްކް ކޮށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވޭ. މިހާރު ފޯމުތައް ލިބެމުންދަނީ ބަލްކްކޮށް. އެހެންވީމާ ފޯމުތައް ޕްރޮސެސް ކުރުމަށް ވަގުތު ނަގާނެ ކަމަށް މި ބަލަނީ. ހުރިހާ ޕާޓީތަކުން ވެސް ފޯމު ހުށަހަޅަމުން އެބަދޭ،" އަކްރަމް ވިދާޅުވި އެވެ.
ރީ-ރެޖިސްޓްރޭޝަނަށް އެއްފަހަރާ އެތައް ހާސް ފޯމެއް ހުށަހަޅަމުން އަންނާތީ، އީސީން ދެންމެ ވަނީ ފޯމުތައް ބަލައިގަންނަ ވަގުތު ވެސް އިތުރުކޮށްފަ އެވެ. އެގޮތުން، މިރޭ 9:00 ގެ ނިޔަލަށް އަދި މާދަމާ ރޭ ދަންވަރު 12 އާ ހަމައަށް ފޯމު ބަލައިގަންނަ ގޮތަށް އެ ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ ރޭ ގެ ދަންވަރު 12:00 އެވެ.
ރީ-ރެޖިސްޓަރީ ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމުތަކުގައި ޖަހާފައިވާ އިނގިލީގެ ނިޝާން ވެރިފައި ކުރުމަށް ފުލުހުންނަށް އީސީން ފޮނުވަނީ އެ ފޯމުތައް ޕްރޮސެސް ކުރުމަށް ފަހު އެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ. އަދި އިންތިޚާބުގައި ރާއްޖެ އަދި ބޭރުގެ ބައެއް ގައުމުތަކުގައި 490 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އެވެ.