10 އޯގަސްޓް 2018 - 11:30

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ހުށަހެޅި ހުސައިން ނަސީރުގެ ފޯމް އިލެކްޝަންސް ކޮމިޝަނުން މިއަދު ބާތިލްކޮށްފި އެވެ.
އިލެކްޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ހުސައިން ނަސީރުގެ ފޯމް ބާތިލް ކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަމަ ހުށަހަޅަން ޖެހޭ 1500 މީހުން ސޮއިގައި މައްސަލަތަކެއް އުޅުމުގެ އިތުރުން އޭނާގެ ރަނިން މޭޓެއްގެ ގޮތުގައި ހުށަހެޅި ޝައިޚް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގައި މައްސަލަތަކެއް އުޅޭތީ ކަމަށެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ނަސީރުގެ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް އުޅޭ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
ނަސީރުގެ ފޯމް ހުށަހެޅުމަށް އިތުރު ވަގުތެއް އިލެކްޝަންސްއިން ނުދެ އެވެ. އިންތިހާބުގައި ވާދަކުރަން ބޭނުން ނަމަ އިސްލާހުތަކާއެކު މިއަދު 4 ޖެހުމުގެ ކުރިން އަލުން ފޯމް ހުށަހަޅަން ޖެހެ އެވެ. އެއީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާ ވަގުތެވެ.
ހޮސްޕިޓަލިޓީ މެނޭޖުމަންޓާއި ގްލޯބަލް މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހުސައިނަކީ މިހާރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ފައިނޭންޝަލް ސްޓްރެޓެޖީސްގެ ސީއީއޯ އެވެ. އޭނާ މައިގަނޑު ގޮތެއްގައި ވަޒީފާ އަދާކުރައްވާފައި ވަނީ ހިއުމަން ރިސޯސަސްގެ ދާއިރާގަ އެވެ.
އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ކުރިމަތިލައްވާފައިވަނީ ތިން ބޭފުޅުންނެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ނަސީރެވެ.
އެނގިފައިވާގޮތުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ފޯމް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.