10 އޯގަސްޓް 2018 - 08:46

ބޮގޯޓޯ (އޮގަސްޓް 10) - ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކޮލަމްބިއާ އިން ބަލައިގެންފި އެވެ.
ކޮލަމްބިއާގެ ފޮރިން މިނިސްޓްރީން އެކަން އާއްމުކޮށްފައި ވަނީ އާ ރައީސް އިވާން ޑުކިއު މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިންނެވެ. ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނަކީ މިނިވަން، ވަކި ދައުލަތެއް ކަމަށް ކުރީގެ ރައީސް ހުއާން މެނުއަލް ސަންތޯސް ނިންމަވާފައިވާ ކަމަށެވެ. ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތް ލިޔުމުގައި ސޮއިކުރައްވާފައި ވަނީ ސަންތޯސްގެ ސަރުކާރުގެ ފޮރިން މިނިސްޓަރު މާރިއާ އެންޖެލާ ހޮލްގުއިން އެވެ.
އާ ފޮރިން މިނިސްޓަރު ކާލޯސް ހޮލްމްސް ވިދާޅުވީ ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންކަން، ބައިނަލްއަގުވާމީ ގާނޫނުތަކާއި ޑިޕްލޮމެޓިކް ޕްރެކްޓިސް އަށް ބަލައި، ބަދަލު ގެންނާނެ ކަމަށެވެ.
"ސިޔާސީ ގޮތުން ހުރިހާ ގައުމަކާ ވެސް އެއްބާރުލުން ދިނުމަކީ އާ ސަރުކާރުން އެންމެ އިސްކަން ދޭ ކަންތައް،" ހޮލްމްސް ވިދާޅުވި އެވެ.
އެމެރިކާގެ ގާތް ގައުމެއް ކަމަށްވާ ކޮލަމްބިއާ އިން ކުރިން ދިޔައީ އިޒްރޭލާ ވެސް ގާތްކަން ބާއްވަމުންނެވެ.