09 އޯގަސްޓް 2018 - 16:23

ވޮޝިންޓަން (އޮގަސްޓް 9) - އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ތައްޔާރުވެފައި ވަނިކޮށް ހޮރްމޫޒް ކަނޑުއޮޅީގައި ތެހެރާނުން އަސްކަރީ ތަމްރީނުތަކެއް ބޭއްވީ އެމެރިކާ އަށް މެސެޖެއް ދޭން ކަމަށް އެމެރިކާގެ ޖެނެރަލަކު ވިދާޅުވެއްޖެ އެވެ.
އީރާނުން ކުރިން ވަނީ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ތެލުގެ އެކްސްޕޯޓް ހުއްޓުވައިފި ނަމަ ހޮޒްމޫޒް ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ޕެންޓަގަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރު، ޖެނެރަލް ޖޯސެފް ވޮޓެލް ވިދާޅުވީ އީރާނުން ތަމްރީނުތަކެއް ބޭއްވީ އެ ގައުމުގައި ކޮންމެވެސް ވަރެއްގެ ގާބިލްކަން ހުރިކަން އެމެރިކާ އަށް އެނގުމުގެ ގޮތުން ކަމަށެވެ. އަދި އީރާނުން ބޭއްވި ތަމްރީނުތަކުގެ ޒިންމާ އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑުގެ ގުދުސް ފޯހުގެ ކޮމާންޑަރު އުފުލަން ޖެހޭނެ ކަމަށް ވެސް ވޮޓެލް ވިދާޅުވި އެވެ.
އެމެރިކާ އިން އަންގާރަ ދުވަހު އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް ޓާގެޓްކޮށްފައި ވަނީ އީރާނުގެ މަރުކަޒީ ބޭންކަށާއި ކާރާއި ކާޕެޓް ފަދަ އިންޑަސްޓްރީ ތަކަށެވެ. ނޮވެމްބަރު 5 ވަނަ ދުވަހު އަޅާ ދެ ވަނަ ފިޔަވަހި ޓާގެޓް ކުރާނީ އީރާނުގެ ތެލުގެ އިންޑަސްޓްރީއަށެވެ.