09 އޯގަސްޓް 2018 - 17:58

"ފަރުކޮއެ" ޕްރޮގްރާމްގެ ވެބްސައިޓަކާ އެކު ފަރުކޮއެ މަޝްރޫއު ރަސްމީކޮށް މިއަދު އިފްތިތާހް ކޮށްފި އެވެ.
ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ފަރުކޮއެ ޕްރޮގުރާމުގެ ވެބްސައިޓް އިފްތިތާހް ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ފަރުކޮއެ މަޝްރޫއަކީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލައި ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމުގެ މައްޗަށް ހޭލުންތެރި ކުރުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ ފަރުތަކުގެ ރީތި ކަމާއި ނާޒުކުކަން އެނގިގެންދާނީ އެ މަންޒަރު އަމިއްލަ އަށް ބަލާލުމުން ކަމަށާއި އެކަން ތަޖުރިބާކުރުމަކީ ކޮންމެ ކުއްޖަކަށް ވެސް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ސްކޫލްތަކުގެ 40 ޕަސެންޓް ދަރިވަރުން މިހާރު ފަރުކޮއެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީން މި ސަރުކާރުގެ ތައުލީމީ ނިޒާމުގެ ތެރޭގައިވާ އަމާޒަކީ ތަހުޒީބު މުޖްތަމައަކަށް ތައުލީމު ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ޕްރޮގުރާމަށް ފަހު އެ ކުދިން އަމިއްލަ އަށް ފަރުތައް ރައްކާތެރި ކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފަރުކޮއެ ޕްރޮގުރާމުގައި ބައިވެރިވި އިމާދުއްދީން ސްކޫލުގެ ދަރިވަރެއް ބުނީ މި ފްރޮގްރާމުގެ ތެރެއިން އައު ކަންކަން ދަސްވެ މޫދުގެ ވަރަށް ރީތި މަންޒަރުތައް ފެނިގެންދިޔަ ކަމަށެވެ. އަދި އެ މަންޒަރުތަކުގެ އިތުރުން ޕްލާސްޓިކް ފުޅި ފަދަ ތަކެތި ފަރުތަކުގައި ހަރުލާފައިވާ ތަން ފެނުނު ކަމަށާއި ޕްލާސްޓިކް ފަދަ ތަކެތި މޫދަން އެޅުން އެންމެން ވެސް ހުއްޓަންޖެހޭ ކަމަށް އެ ދަރިވަރު ބުންޏެވެ.
ފަރުކޮއެ ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނާއި އެ ކަމުގައި އެހީތެރިވެދޭ ބައެއް ޖަމިއްޔާތަކުގެ މަސައްކަތްތައް މިއަދާއި މާދަމާ ނޭޝަނަލް އާޓް އެގްޒިބިޝަންގައި ދައްކާލާނެ އެވެ.
ފަރުކެއޮ ޕްރޮގްރާމްގެ ތެރެއިން މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްލާސްޓިކް ބޭނުންކުރުން ވެސް މަނާ ކުރަން ނިންމައިފަ އެވެ. އެ ގޮތުން މިހާތަނަށް 35406 ދަރިވަރުން މި ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ އިރު، ރާއްޖޭގެ 182 ސްކޫލެއްގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.