09 އޯގަސްޓް 2018 - 13:07

ޓިއުރިން (އޮގަސްޓް 9) – ޔުވެންޓަސް އެހެން ލެވެލަކަށް ގެންދިއުމުގެ ގާބިލްކަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކިބައިގައި އެބަހުރި ކަމަށް އެ ޓީމުގެ ބްރެޒިލް ވިންގާ ޑަގްލަސް ކޮސްޓާ ބުނެފި އެވެ.
ރެއާލް މެޑްރިޑާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ޔުވެންޓަސް އިން ދެކެމުން އަންނަ ހުވަފެނެވެ. މިދިޔަ އަހަރުތަކުގެ ތެރޭ ދެ ފައިނަލުން ބަލިވެފަ އެވެ.
"ރޮނާލްޑޯ މިހާރު ވެސް ހުރީ މަތީ ފެންވަރުގައި. އެކަމަކު އޭނާ ބޭނުންވީ ކެރިއަރުގައި ބަދަލެއް ގެނައުމަށް އެހެން ފިޔަވަޅެއް އަޅަން. އަހަރެން ދެކޭ ގޮތުގައި މި ޓީމު އަނެއް ލެވެލަށް ގެންދިއުމުގެ ގާބިލްކަން ރޮނާލްޑޯގެ ކިބައިގައި އެބަހުރި. އޭނާ މި ސީޒަނުގައި ބޮޑެތި ކަންތައްތަކެއް ހާސިލްކުރާނެ،" ކޮސްޓާ ބުންޏެވެ.
ބަޔާން މިއުނިކުގެ ލޯނެއްގެ ދަށުން މިދިޔަ ސީޒަނުގައި ޔުވެންޓަސްއާ ގުޅުނު ކޮސްޓާ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ އެކަމުގެ ކްރެޑިޓް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީއަށް ދީފަ އެވެ.
"އެލެގްރީ އަށް ޑިފެންސިވް ބަޔަށް އިސްކަންދޭ ކޯޗެއް. އަހަންނަކީ ކުރިއަށް އަރާ ކުޅުންތެރިއެއް އެހެންވެ އަހަރެންގެ ޑިފެންސިވް ބައި ރަނގަޅުވުމުގެ ސަބަބުން އަހަރެމެން ފުރިހަމަ ކުޅުންތެރިއަކަށްވެއްޖެ. އަހަރެންގެ ކެރިއަރުގައި އޭނާ މުހިއްމު ދައުރެއް އަދާކުރި،" ކޮސްޓާ ބުންޏެވެ.