09 އޯގަސްޓް 2018 - 12:52

ލޮމްބޮކް އައިލެންޑް (އޮގަސްޓް 9) - އިންޑޮނީޝިއާގެ ލޮމްބޮކް އައިލެންޑަށް އަނެއްކާ ވެސް ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެ އެވެ.

ރިކްޓާ މިންގަނޑުން 6.2 ގެ ބާރު މިނުގައި މިއަދު އައި ބިންހެލުމުގެ އަސްލު ހުރީ 12 ކިލޯ މީޓަރު ބިމު އަޑީގައި ކަމަށް އެ ގައުމުގެ ޖިއޮލޮޖިކަލް އެޖެންސީން ބުންޏެވެ. ބިންހެލުން އައި ނަމަވެސް ސުނާމީއެއް އުފެދިދާނެ ކަމުގެ ނުރައްކަލެއް ނެތް ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުންޏެވެ.
މިއީ ގާތްގަނޑަކަށް ހަފުތާއެއްގެ ތެރޭގައި ލޮމްކޮބް އައިލެންޑަށް އައި ތިން ވަނަ ބިންހެލުމެވެ. މިދިޔަ ހަފުތާގައި 6.9 ގެ ބާރު މިނުގައި ލޮމްބޮކަށް އައި ބިންހެލުމުގައި ވަނީ 160 މީހުން މަރުވެ އެތައް ހާސް އިމާރާތެއް ވެއްޓިފަ އެވެ.
މިއަދުގެ ބިންހެލުމުގައި ވަނީ ލޮމްބޮކްގައި ޕާކްކޮށްފައި ހުރި މޮޓޯސައިކަލްތައް ވެއްޓި ބައެއް އިމާރާތްތަކަށް ވެސް ގެއްލުން ލިބިފަ އެވެ. ބިންހެލުން އައުމާ އެކު ކާރުތަކުގައި ދުއްވަމުން ދިޔަ މީހުން ވެސް ވަނީ ވެހިކަލް މަޑުކޮށް ބޭރަށް ނުކުމެފައި ކަމަށް މަންޒަރު ދުށް މީހުން އޭއެފްޕީ އަށް ބުންޏެވެ.