09 އޯގަސްޓް 2018 - 11:22

ރޯމް (އޮގަސްޓް 9) – މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އަށް ވުރެ ލާޒިއޯގެ މިޑްފީލްޑަރު ސާގެއީ މިލިންކޮވިޗް-ސަވިޗް އަގުބޮވާނެ ކަމަށް ލާޒިއޯގެ ރައީސް ކްލައުޑިއޯ ލޮޓިޓޯ ވިދާޅުވެއްޖެ އެވެ.
މި ވަގުތު ދުނިޔޭގައި ހުރި އެންމެ ޒަމާނީ އެއް ސެންޓްރަލް މިޑްފީލްޑަރު ގެންދަން ރެއާލް މެޑްރިޑް، ޔުވެންޓަސް، މެންޗެސްޓާ ޔުނައިޓެޑް އަދި އޭސީ މިލާނުން ޝައުގުވެރިވެ އެވެ.
"ސާގެއީ އަކީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިއާ، އޭނާގެ ކިބައިގައި ވަރަށް ފެންވަރު އެބަހުރި،" ލޮޓިޓޯ ވިދާޅުވި އެވެ. "އަހަންނަކަށް މިލާނުން ނުވަތަ ޔުވެންޓަސް، ނޫނީ ރެއާލާއި ޔުވެންޓަސް އިން ވެސް ރަސްމީ އޮފާއެއް ނުލިބޭ."
ބެލްޖިއަމްގެ ގެންކުން 2015 ގައި ލާޒިއޯއާ ގުޅުނު މިޑްފީލްޑަރު ވިއްކާލުމަށް އެއްވެސް ވަރަކަށް މަސައްކަތްނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިލިންކޮވިޗް-ސަވިޗަށް ލިބުނު 110 މިލިއަން ޔޫރޯގެ އޮފާއެއް މިދިޔަ އަހަރުގެ އޮގަސްޓް 29 ގައި ދޫކޮށްލި ކަމަށް ވެސް ލޮޓިޓޯ ވިދާޅުވި އެވެ.
"މެންޗެސްޓާ ޔުނައިޓެޑަށް ޕޮގްބާ ވިއްކާލީ ކިހާވަރަކަށް؟ 105 މިލިއަން ޔޫރޯއަށްދޯ؟ އެހެންވީމާ އޭނާ އެއަށް ވުރެ އަގުބޮޑުވާނެ. ސަބަބަކީ ޕޮގްބާ އަށް ވުރެ އޭނާ ވަރުގަދަ،" ލޮޓިޓޯ ވިދާޅުވި އެވެ.
މިލިންކޮވިޗް-ސަވިޗަކީ އެޓޭކިން ހަރަކާތްތަކުގައި ބައިވެރިވެ ލަނޑު ޖަހާ އަދި އިސްކޮޅާއި ހަށިގަނޑުގެ ބޭނުންކޮށްގެން ޑިފެންސުގައި ވެސް ބައިވެރިވާ ކުޅުންތެރިއެކެވެ. އޭނާ އަކީ މިޑްފީލްޑަރެއްގެ ހުރިހާ ސިފަތަކެއް ލިބިފައިވާ ޒަމާނީ ފުރިހަމަ މިޑްފީލްޑަރެއް ކަމަށް ތަކުރިބާކާރުން ދެކެ އެވެ.