އިތުރު ކުރި 1000 ކޯޓާ އަދި ގްރޫޕުތަކަށް ނުބަހާ
އިތުރު ކުރި 1000 ކޯޓާ އަދި ގްރޫޕުތަކަށް ނުބަހާ

ހައްޖަށް ދިއުމަށް ދިވެހިރާއްޖެ އަށް ސައުދީ އަރަބިއްޔާއިން އިތުރު ކުރި 1000 ކޯޓާ މިހާތަނަށް ހައްޖު ގްރޫޕުތަކަށް ބަހާފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިި އެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް މީގެ ކުރިން ރާއްޖެއަށް ކަނޑައަޅާފައި އޮތީ 1000 ޖާގަ އެވެ. ނަމަވެސް އޭގެ އިތުރުން 1000 ކޯޓާ ސައުދީން ރާއްޖެ އަށް ދީފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ އިއްޔެ އިއުލާން ކުރައްވައިފަ އެވެ.

އިތުރު ކުރި ހައްޖު ކޯޓާތަކާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލަކު ބުނީ މިހާތަނަށް އިތުރަށް ލިބުނު ކޯޓާތައް ބަހާފައިނުވާ ކަމަށެވެ.

އެކަމަކު އިތުރު ކުރި 1000 ކޯޓާއަށް މި އަހަރު ވެސް ހައްޖުވެރީން މައްކާ އަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ހައްޖު ކުރަން ދިޔަ އެންމެ ފުރަތަމަ ގްރޫޕުގެ މީހުން ޖުލައި، 26ގައި ވަނީ މައްކާ އަށް ފުރައިފަ އެވެ.

މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުގެ ހައްޖު ކޯޕަރޭޝަންގެ އިތުރުން ހުއްދަ ދީފައިވަނީ ހަތަރު ޖަމާއަތަކަށެވެ.

އެއީ އަލްހަރަމައިން އާއި ސިސިލްފަރު އަދި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި ޒައީ ހައްޖު ގްރޫޕެވެ. މިއިން ކޮންމެ ޖަމާއަތަކަށް ހުއްދަ ދިނީ 100 މީހުން ހައްޖަށް ގެންދިއުމަށެވެ. މިއަހަރު ހައްޖަށް ގެންދިއުމަށްޓަކައި މީހެއްގެ އަތުން ނެގުމަށް ސަރުކާރުން ހުއްދަ ދިނީ 69،965ރ. އެވެ.