އިންޑިއާގައި ހައިވޭ ބްރިޖެއް ވެއްޓި ގިނަ ބަޔަކު ގެއްލިއްޖެ
އިންޑިއާގައި ހައިވޭ ބްރިޖެއް ވެއްޓި ގިނަ ބަޔަކު ގެއްލިއްޖެ

ގޯއާ (އޮގަސްޓް 3) - އިންޑިއާގެ ހުޅަނގުގެ ގޯއާ ސްޓޭޓާއި މުމްބާއީ ގުޅުވާލަ ދިނުމަށް ހަދާފައިވާ ހައިވޭ ބްރިޖެއް ވެއްޓި އެތައް ބަޔަކު ގެއްލިއްޖެ އެވެ.

އޮފިޝަލުން ބުނީ ބްރިޖު ވެއްޓުމުން ވަނީ ޕަސިންޖަރުން ގޮވައިގެން ދަތުރުކުރި ދެ ބަސް ކޯރަކަށް ވެއްޓުމުން މިހާތަނަށް 22 މީހުން ގެއްލިފައިވާ ކަމަށެވެ. ފުލުސް އޮފިސަރެއް ކަމަށްވާ ސަންޖޭ ޕަޓިލް ވިދާޅުވީ މީހުން ސަލާމަތްކުރާ ޓީމުތަކަށް އަދި މިހާތަނަށް ދެ ބަސް ވެސް އަދި އޭގައި ތިބި މީހުންގެ ތެރޭން އެކަކު ވެސް ފެނިފައި ނުވާ ކަމަށެވެ. ބޯ ވިއްސާރައިގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނަށް ހުރަސް އެޅެމުންދާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. އަދި އެ ހިސާބުގެ ޓްރެފިކް މިހާރު ވަނީ އެހެން ބްރިޖަކާ ދިމާލަށް ބަދަލުކޮށްފަ އެވެ.

ސްޓޭޓުގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ ވެރިޔާ އޯޕީ ސިންގު ވިދާޅުވީ މީހުން ސަލާމަތް ކުރާ ޓީމުގައި 80 މީހުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ޑައިވަރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޑިޒާސްޓާ ފޯސްގެ ރާކޭޝް ރަންޖަން ވިދާޅުވީ ސަވިތުރީ ކޯރުގެ ތެރޭން ބަސް ފެނިފައި ނުވާ ކަމަށާއި ލަފާކުރެވެނީ ވާރޭ ވެހި ފެންގަނޑު ބޮޑުވެފައިވާ ކޯރުގެ އޮއިވަރާ އެކު ބަސް ވަރަށް ދުރަށް ގެންގޮސްފައިވާނެ ކަމަށެވެ.

ކޮލްކަތާ ސިޓީގައި ހަދަމުން ދިޔަ ފްލައިއޯވާއެއް މިދިޔަ މާޗު މަހު ވެއްޓި 20 މީހުން މަރުވެ ގާތްގަނޑަކަށް 100 މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި ވެސްޓް ބެންގާލުގައި ސިޔާސީ ހަރަކާތެއް ބާއްވަމުން ދަނިކޮށް 2011 ވަނަ އަހަރު ބްރިޖެއް ވެއްޓި 32 މީހުން މަރުވެ 132 މީހުން ވަނީ ޒަޚަމްވެފަ އެވެ.