09 އޯގަސްޓް 2018 - 14:22

ރ. އުނގޫފާރު ނެރުގެ ބޭރު ތޮއްޓަށް ރޭ އެރި ކޮޅުވެއްޓި މިއަދު ފުންކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ އެމްޓީސީސީގެ "ލީމާ" ކޮޅުވެއްޓި ނެރަށް އެރި ނަމަވެސް އޭގައި ތިބި އަށް ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.
އެހެން ރަށަކަށް ދިޔަ މަގުމަތީގައި ރޭ އުނގޫފާރުގައި ބަނދަރުކުރަން ވަންނަން އުޅެނިކޮށް ފަރަށް އެރި ކޮޅުވެއްޓީގައި އެކްސްކަވޭޓަރަކާއި ލޮރީއެއް އޮތެވެ. ކޮޅުވެއްޓި ފުންކުރީ އެމްޓީސީސީ އާއި އެމްޓީސީސީ ގުޅިގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އުނގޫފާރު ނެރު ތޮއްޓަށް މީގެ ކުރިން ވެސް އުޅަނދުފަހަރު އަރާ ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ. އަދި މި ވަގުތު އެ ނެރުގައި ނެރު ބައްތިއެއް ވެސް ނުހުރެ އެވެ.
"މި ދިޔަ ހަތަރު، ފަސް އަހަރުގެ ތެރޭގައި ތިން އުޅަނދެއް ވަރު އަރާފައިވޭ،" އެ ރަށު ކައުންސިލް މެމްބަރު ހުސެއިން އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގެ ކަނޑިންމަ އާއި ނެރު ތޮށި ހަދާފައި އޮންނަ ގޮތުން އުޅަނދުފަހަރު ބީހެ އެވެ. ނެރު ބައްތި ހުރި އިރު ވެސް އެ ހާދިސާތައް ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ރަށުގެ ކަނޑިންމަ ހަދާފައި އޮތީ ތަންކޮޅެއް ބޭރުގައި. އެކަމަކު ތޮށި އަޅާފައި އޮތީ އެންމެ ބޭރަކު ނޫން،" އާރިފް ވިދާޅުވި އެވެ.