10 އޯގަސްޓް 2018 - 07:04

ބޮލީވުޑަށް ތައާރަފުވާން ތިބި ތަރިންގެ ލިސްޓް ހުހެއް ނުވާނެ އެވެ.
އިންޑިއަން ސިނަމާގެ ކުރީގެ އެންމެ ވަރުގަދަ އެއް ވިލަން ކަމަށްވާ އަމްރިޝް ޕޫރީގެ ކާފަ ދަރި ވަރްދާން ޕޫރީ ވެސް މިހާރު އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ.
ވަރްދާން މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަށް ފުރަތަމަ ކުޅެން ލިބުނީ ޖަޔަންތިލާލް ގާޅާ ޕްރޮޑިއުސް ކުރާ ޕީރިއަޑް ޑްރާމާއެއް ކަމަށެވެ.
އެކަމަކު ބައެއް ސަބަބުތަކާ ހެދި އެ ފިލްމް ހެދޭ ގޮތް ނުވުމުން، ޖަޔަންތި ޕްރޮޑިއުސް ކުރާ އެހެން ފިލްމަކުން ފުރުސަތު ލިބި އޭގެ މަސައްކަތް އަންނަ މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
ވަރްދާން ބުނި ގޮތުގައި އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ 2014 ގައި ރިލީޒް ކުރި ހޮލީވުޑްގެ ސައިކޮލޮޖިކަލް ތުރިލާ "ގޯން ގާލް" ކަހަލަ ފިލްމެކެވެ.
"ފިލްމްގެ ނަމާއި މީގެ ޑައިރެކްޓަރު ވަރަށް އަވަހަށް އިއުލާން ކުރާނެ. އަހަރެން މި އަންނަނީ އަންނަ މަހު ފިލްމްގެ ޝޫޓިން ވެސް ފަށަން ތައްޔާރުވަމުން،" ވަރްދާން ބުންޏެވެ. "އަދި މީގެ ބަތަލާއަކީ ވެސް ކާކުކަން ވަރަށް އަވަހަށް އެނގިގެން ދާނެ."
"އިޝަގްޒާދޭ" ފަދަ ފިލްމްތައް ގެނެސް ދިން ހަބީބް ފައިސަލާއި "ޝުދް ދޭނީ ރޮމޭންސް" ގެ ޑައިރެކްޓަރު މަނީޝް ޝަރްމާގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ވަރްދާން ބުނި ގޮތުގައި ބޮލީވުޑަށް ނުކުންނަ އިރު، ކާފަ އަމްރިޝް ޕޫރީގެ ލެގަސީ ދިރުވުމަކީ އޭނާގެ އެއް މަގުސަދެވެ. ތަފާތު އެކި ކަހަލަ ރޯލްތައް ކުޅެގެން އެތައް ބައެއްގެ ލޯބި ހޯދި އަމްރިޝް ޕޫރީ އުމުރުން 72 އަހަރުގައި މަރުވީ 2005 ގަ އެވެ.
"އަހަރެންގެ ފުރަތަމަ ފިލްމް ޑެޑިކޭޓް ކުރާނީ ވެސް ކާފަ އަށް،" އޭނާ ބުންޏެވެ.
އަމްރިޝް ޕޫރީގެ އެންމެ ފާހަގަކޮށްލެވޭ އެއް ކެރެކްޓާއަކީ "މިސްޓަ އިންޑިއާ" ގައި ކުޅުނު މޮގެމްބޯގެ ރޯލެވެ.
ވަރްދާން ބުނި ގޮތުގައި އޭނާއަކީ ކުޑައިރުއްސުރެ ވެސް ފިލްމީ ކަންކަމަށް ވަރަށް ލޯބި ހުންނަ މީހެކެވެ.
"އަހަރެން ވަރަށް ހަނދާން ހުރޭ ކާފައާ އެކު ދިލިޕް ކުމާރްގެ ފިލްމްތައް ވަރަށް ފޯރީގައި ބެލި ހަނދާން،" އޭނާ ބުންޏެވެ. "އަހަންށް ވަރަށް ކަމުދާ އެކްޓަރެއް އެއީ އަބަދުވެސް."