ރިޓަޔަކުރާ އުމުރު މަތިކުރަންވީ ކިހާ ވަރަކަށް؟
ރިޓަޔަކުރާ އުމުރު މަތިކުރަންވީ ކިހާ ވަރަކަށް؟

މީހުންގެ ދުޅަހެޔޮކަން އިތުރުވެ، އުމުރު ދިގުވަމުން އަންނަ އިރު ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަނީ ވަޒީފާ އިން މުސްކުޅި ކުރާ އުމުރު މައްޗަށް ޖައްސަން މަސައްކަތްކުރަމުންނެވެ. ޚާއްސަކޮށް، ތަރައްގީވެފައިވާ ގައުމުތަކުން ގެންނަން ބޭނުންވާ މި ބަދަލު ރާއްޖެ އަށް ވެސް ގެންނަވާނެކަން ރައީސް އަބްދުﷲ ޔާމީން މި ހަފްތާގައި ވަނީ އިއުލާންކުރައްވައިފަ އެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ރިޓަޔަމެންޓް އުމުރު 65 އިން 74-75 އަށް މަތިކުރައްވަން ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލު ގެންނާށެވެ.

އުފަންވާ އިރު، ދިރިހުންނާނެ ކަމަށް ލަފާކުރެވޭ އުމުރު (ލައިފް އެކްސްޕެކްޓެންސީ)އާ ގުޅުވައިގެން ރިޓަޔަމެންޓް އުމުރު މަތިކުރަން ބޭނުންވާ ގައުމުތަކުން ކުރިމަގަށް ހަދާފައިވާ އަންދާޒާތަކަށް ބަލާ އިރު ގިނަ ގައުމުތަކުން އަދިވެސް ބޭނުންވަނީ 70 އަހަރު ވުމުގެ ކުރިން ރިޓަޔަކުރާ ގޮތަށް ބާއްވާށެވެ. އިންސާނީ ތަރައްގީގެ އެންމެ ކުރީ ސަފުގައި އުޅޭ ފިންލެންޑް ފަދަ މަދު ގައުމަކުން މީގެ 30 އަހަރު ފަހުން އެ އުމުރު 70 އަހަރަށް ވުރެ މަތިކުރަން ބޭނުންވިޔަސް 74-75 އަހަރު ވަންދެން މަސައްކަތުގައި އުޅޭ ގޮތަށް ހަމަޖައްސަން މިހާތަނަށް އެއްވެސް ގައުމަކުން ނިންމާފައިވާ ކަމެއް އެނގޭކަށް ނެތެވެ. އަދި ގިނަ ގައުމުތަކުގައި މި ވަގުތު ރިޓަޔަމެންޓް އުމުރު އުޅެނީ 62-65ގަ އެވެ.

މިހާރު 64-65 އަހަރުގައި ރިޓަޔަކުރާ ގޮތަށް އޮންނަ އިނގިރޭސިވިލާތުގައި އެ އުމުރު 2037ގައި މަތިކުރާނީ 68 އަށެވެ. އެމެރިކާގައި ރިޓަޔަމެންޓް އުމުރު 2029ގައި މަތިކުރާނީ 67 އަށެވެ. ސިންގަޕޫރުގެ ރިޓަޔަމެންޓް އުމުރަކީ 62 އެވެ. އެ ގައުމުގައި އަލުން ވަޒީފާ އަށް ނުކުންނަން ބޭނުންވާ މީހުންނަށް 67 އަހަރު ފުރެންދެން މަސައްކަތުގައި އުޅެވިދާނެ އެވެ. ޖަޕާނުގައި ރިޓަޔަކުރާ އުމުރު 62 އިން 65 އަށް ބަދަލުވާނީ 2025ގަ އެވެ. ރާއްޖެއާ އަވައްޓެރި ސްރީ ލަންކާގައި ވަޒީފާ އިން މުސްކުޅިކުރާ އުމުރަކީ 55 އެވެ.

ވަޒީފާ އިން މުސްކުޅިކުރާ އުމުރު މުހިއްމުވާ ސަބަބަކީ ރިޓަޔަމެންޓް ޕެންޝަނެވެ. އަސާސީ މުސާރައިގެ ހަތް ޕަސެންޓް މުވައްޒަފު އަތުން އަދި ވަޒީފާ ދޭ ފަރާތުން ވެސް ހަތް ޕަސެންޓް ޖަމާކުރަން ޖެހޭ ޕެންޝަން ސްކީމުން ފައިސާ ނެގެނީ ރިޓަޔަމެންޓް އުމުރު ކަމަށްވާ 65 އަހަރު ފުރުމުންނެވެ.

ގައުމީ ރިޓަޔަމެންޓް ޕެންޝަން ސްކީމްގައި މުވައްޒަފުން ބައިވެރިކުރުމަކީ ވަޒީފާ ދޭ ހުރިހާ ފަރާތްތަކަކަށް ލާޒިމް ކަމެކެވެ. އަދި އެ ސްކީމްގައި ބައިވެރިވުން ވަޒީފާ އަދާކުރާ އެންމެންގެ މައްޗަށް ލާޒިމެވެ. އެއީ އުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނެވެ. ފަސްދޮޅަސް ފަސް އަހަރުން މަތީގެ މީހުން އެ ސްކީމްގައި ބައިވެރިއެއް ނުކުރެ އެވެ.

ސިވިލް ސާވިސްގެ ރިޓަޔަމެންޓް އުމުރު ގާނޫނުގައި ކަނޑައަޅާފައި އޮންނަނީ އުމުރުން 55 އަހަރު ވުމުން ވަޒީފާ އިން މުސްކުޅިކުރުމުގެ އިޚްތިޔާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބޭ ގޮތަށާއި އުމުރުން 65 އަހަރު ފުރުމުން ރިޓަޔަކުރަން މަޖުބޫރުވާ ގޮތަށެވެ. ވަޒީފާ ދޭ އަމިއްލަ ފަރާތްތަކުން ވެސް، މުސްކުޅިކުރުމުގައި، ސަރުކާރުން ގެންގުޅޭ އުސޫލަށް ބަލަ އެވެ.

(ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ އާއްމު އުސޫލެއްގެ ގޮތުން ދޫކުރަނީ އުމުރުން 65 އަހަރު ފުރުމުން ކަމަށް ވިޔަސް އެއަށް ވުރެ ކުރިން ޕެންޝަން ފައިސާ ނަގަން ޝަރުތު ހަމަވާ މީހުންނަށް، އުމުރުން 55 އަހަރު ފުރުމުން ޕެންޝަނަށް އެދެވިދާނެ އެވެ. އެ ޝަރުތު ހަމަވާނީ 55 އަހަރު ފުރޭއިރު ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި ޖަމާވެފައިހުރި ފައިސާ 22 އަހަރަށް ބަހާލުމުން، މަހެއްގެ މައްޗަށް، އެ އިރެއްގައި ދޭ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ އަދަދުގެ ދެ ގުނަ އަށް ވުރެ ބޮޑު އަދަދެއް ޖެހޭ މީހުންނެވެ.)

ރާއްޖޭގައި ރިޓަޔަމެންޓް އުމުރު 74-75 އަށް މައްޗަށް ޖައްސަން ސަރުކާރުން ބޭނުންވާ އިރު، އުމުރުގެ ދިގުމިން (ލައިފް އެކްސްޕެކްޓެންސީ) މިހާރު އުޅެނީ 78 އަހަރުގަ އެވެ. އެހެންކަމުން އެ ބަދަލު ގެނެސްފި ނަމަ، ވަޒީފާ އިން މުސްކުޅިކުރުމަށް ފަހު އުމުރުގެ ބާކީ ބައިގައި އޮންނާނީ އެވްރެޖްކޮށް ތިން-ހަތަރު އަހަރު ކަމަށް މާނަކުރެވިދާނެ އެވެ.

ރާއްޖޭގެ މަސައްކަތްކުރާ އާބާދީ އަށް އަންނާނެ ބަދަލަށް ބަލާ އިރު، އިގްތިސޯދީ ނަޒަރަކުން، އުމުރުން ދުވަސްވީ މީހުން ރިޓަޔަކުރާ އުމުރު މަތިކުރުމުގެ ބޭނުމެއް މި ވަގުތު ނުވަތަ ކައިރި ކުރިމަގެއްގައި ވެސް އެބަ އޮތްތޯ އެއީ ސުވާލެކެވެ. ސަބަބަކީ، ކުރިއަށް އޮތް 30 އަހަރު ނިމޭ އިރު ވެސް މަސައްކަތްކުރާ އާބާދީގެ ނިސްބަތް ހުންނާނީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް ސަރުކާރުން ލަފާކުރާތީ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މި މަހު ނެރުނު އާބާދީ އަންދާޒާގައި ފާހަގަކޮށްފައިވާ ގޮތުގައި 2050 ވަނަ އަހަރު އަންނަ އިރު، ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ އާބާދީ ފަސް ޕަސެންޓުން 14 ޕަސެންޓަށް އިތުރުވިޔަސް މަސައްކަތްކުރާ އާބާދީގައި ޅަކުދިންނާއި ޒުވާނުން ވެސް ގިނަވާނެ އެވެ. އެހެންކަމުން، 65 އަހަރުން މަތީގެ މީހުންގެ ނިސްބަތް މައްޗަށް ދިޔަޔަސް، މިހާރު މަސައްކަތްކުރާ އުމުރު ކަމަށް ބަލާ އާބާދީ އަށް ބަދަލެއް އަތުވެދާނެ ކަމަށް ނުބެލެވޭ އިރު، އުމުރުން ދުވަސްވީ މީހުން ލައްވައި 75 އަހަރު ވަންދެން މަސައްކަތްކުރުވުން މުހިއްމުވޭތޯ ވިސްނާލުން މުހިއްމެވެ.

އުމުރު ދިގުވުމާއި ދަރިން ހޯދާ ނިސްބަތް ދަށަށް ދިޔުމާއި ރިޓަޔަކޮށްފައިވާ އާބާދީ އަށް ވުރެ މަސައްކަތްކުރާ އާބާދީ ކުޑަވުމަކީ ތަރައްގީވެފައިވާ ގައުމުތަކުން، ވަޒީފާ އިން މުސްކުޅިކުރާ އުމުރު މަތިކުރަން ބޭނުންވާ ސަބަބުތަކެވެ. އެކަމަކު އޭގެ ފަހަތުގައި އޮތް މައިގަނޑު ކަންބޮޑުވުމަކީ އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ދިނުމަށް ދައުލަތުން ކުރަން ޖެހޭ ޚަރަދު ބޮޑުވަމުން ދިޔުމެވެ.

ދުޅަހެޔޮކަން އިތުރުވެ މީހުންގެ އުމުރު ދިގުވަމުންދާ އިރު ޕެންޝަން ދޭން ޖެހޭ މުއްދަތު ވެސް ދިގުވެ، މިހާރު ވެސް ދަރަނި ބޮޑު ބައެއް ގައުމުތަކަށް މާލީ ބުރަ ބޮޑުވެގެން އަވަސް ހައްލެއްގެ ގޮތުގައި ރިޓަޔަމެންޓް އުމުރު މައްޗަށް ޖައްސަން ބޭނުންވަނީ އެވެ. ފަހަރުގައި، ރިޓަޔަމެންޓް އުމުރު މަތިކުރުން ރާއްޖެ އަށް ވެސް މުހިއްމުވާ ގޮތަކީ މި އެވެ؛ ޚަރަދު ކުޑަކުރުމެވެ. އެކަމަކު އެކަމާ މެދު ސުވާލު އުފެދެނީ 65 އަހަރުން މަތީގެ މީހުންނަށް ދޭ 5،000 ރުފިޔާ އިނާޔަތް ނުވަތަ ސީނިއާ ސިޓިޒަން އެލަވަންސް ބޮޑުކުރަން ރައީސް ޔާމީން ވައުދުވެޑައިގެންފައިވާތީ އެވެ.