09 އޯގަސްޓް 2018 - 09:11

ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް، ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ގޮވައިލާތާ ކިތަންމެ ދުވަހެކެވެ. ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ޖަމިއްޔާތަކުން ވެސް ސަރުކާރަށް ގޮވައިލަނީ އެކަމަށެވެ. ވިލާތުގެ އިއްތިހާދުން ރާއްޖޭގެ ބައެއް ވެރިންނަށާއި ވިޔަފާރިވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމި މައިގަނޑު ސަބަބަކީ ވެސް، ސަރުކާރުން އެކަމަށް އިޖާބަ ނުދިނުމެވެ.

ނަމަވެސް ސަރުކާރުން ބުނަނީ ރާއްޖޭގައި އެއްވެސް ސިޔާސީ ކުށްވެރިއެއް ނުހުންނާނެ ކަމަށެވެ. ސިޔާސީ ބޭފުޅަކު ޖަލަށް ލާފައި ހުއްޓަސް ހުންނާނީ ޝަރުއީ ކޯޓުގެ ހުކުމަކާ ގުޅިގެން ކަމަށް ސަރުކާރުން ބުނެ އެވެ. އެހެންކަމުން އެއީ ސިޔާސީ ކުށްވެރިން ކަމަކަށް ސަރުކާރުން ނުދެކެ އެވެ.

ހަމަގައިމު ވެސް ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަ ޕާޓީގެ ތެރެއިން ހަތަރު ޕާޓީގެ ލީޑަރުން ތިއްބެވީ ޖަލު ހުކުމްގަ އެވެ. ޕީޕީއެމްގެ މައުމޫން އަބްދުލްގައްޔޫމް ޖަލަށްލީ ތަހުގީގަށް ފޯނެއް ނުދިނުމުގެ ކުށުގަ އެވެ. އެމްޑީޕީގެ މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ޝައިޚް އިމްރާން އަބްދުﷲ ޖަލަށް ލީ ޓެރަރިޒަމްގެ ކުށް ސާބިތުކޮށްފަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޖަލަށް ލީ ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތު ކޮށްފަ އެވެ.

ދެން އޮތީ އެ ބޭފުޅުންނަކީ ސިޔާސީ ކުށްވެރިންތޯ ކުރެވޭ ބަހުސެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނާ މެދު ސަރުކާރުން އަމަލު ކުރާ ގޮތުން، އެއީ ހަމަ ހަގީގަތުގައި ވެސް ސިޔާސީ ކުށްވެރިން ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެންމެ ފުރަތަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އަށް ބަލައިލަމާ ހެއްޔެވެ؟

ފުރަތަމަ ކަމަކަށް، 13 އަހަރުގެ ޖަލު ހުކުމެއްގައި ޖަލުގައި ބަންދުކޮށްފައި ހުންނެވި ނަޝީދު، ބޭސްފަރުވާއަކަށްޓަކައި ޖަލުން ނެރެ، ރަސްމީ ޕާސްޕޯޓްގައި ވަކި މުއްދަތަކަށް އިނގިރޭސި ވިލާތަށް ފޮނުވައިލުމެވެ. ނަމަވެސް ކުރައްވަން ވަޑައިގެންނެވި އޮޕަރޭޝަން ވެސް ނުކުރައްވައި ރާއްޖެ އަށް ވެސް އެނބުރި ވަޑައިނުގެން، މުޅި ދުނިޔޭގައި ދަތުރުކުރައްވަނީ އެވެ.
ބޭރުފުށަށް ފެންނަ މަންޒަރަކީ އަދި ސަރުކާރުން ދައްކަން ބޭނުންވި މަންޒަރަކީ ވެސް، ނަޝީދު ފިއްލަވައިގެން ރާއްޖެ ވަޑައިނުގެން އުޅުއްވަނީ އެވެ. ނަމަވެސް ހަގީގަތުގައި ނަޝީދު ރާއްޖޭން ބޭރަށް ވަޑައިގަތީ، ސަރުކާރުން ބޭނުންވި ކަމެއްގައި އެމްޑީޕީ އާއި ސަރުކާރާ ދެމެދު ހެދި ޑީލެއްގެ ދަށުންނެވެ.
އެއީ، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު، ނައިބު ރައީސް ކަމަށް ގެނައުމަށްޓަކައި، އުމުރުން 30 އަހަރު ފުރުމުން ރައީސްކަމާއި ނައިބު ރައީސްކަން ކުރެވޭ ގޮތަށާއި، އުމުރުން 65 އަހަރުވުމުން އެ ދެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ސަރުކާރުން ހުށަހެޅި އިސްލާހަށް އެމްޑީޕީން ވޯޓު ދިނުމެވެ. ޖޫން 24، 2015 ގައި އެ އިސްލާހު ފާސްކުރީ އެމްޑީޕީ އާއި ޖޭޕީގެ މެމްބަރުންނާ އެކު ޖުމްލަ 77 މެމްބަރުންގެ ވޯޓުންނެވެ.
ދެ ވަނަ ޑީލަކީ، ސައޫދީ އަރަބިއްޔާއާ އެކު ފ. އަތޮޅު މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހަށް އެމްޑީޕީން ވޯޓު ދިނުމެވެ. ޖުލައި 22، 2015 ގައި މަޖިލީހުން އެ އިސްލާހު ފާސްކުރީ އެމްޑީޕީ އާއި ޖޭޕީ މެމްބަރުން ހިމެނޭ ގޮތަށް ޖުމްލަ 70 މެމްބަރުންގެ ވޯޓުންނެވެ.
"އެމްޑީޕީން އެ ދެ ޑީލް ހެދީ ނަޝީދު މިނިވަން ކުރަން. އެ ނޫން ކަމެއް ނެތް އެ ޑީލަކު. ނަޝީދު މިނިވަން ކުރުމުގެ ބޭނުމުގައި ރައީސް ޔާމީނާ ގުޅިގެން ގާނޫނުއަސާސީ އަށް ހިތުހުރި ގޮތެއް ހެދި އިރު، ރައްޔިތުންނަށް ވީ ފައިދާއެއް، ގައުމަށް ވީ ފައިދާއެއް ކޮބައިތޯ؟" މި ސަރުކާރުގެ ކުރީގެ މިނިސްޓަރަކު ވިދާޅުވި އެވެ.
ނަޝީދާ ގުޅޭ އެހެން ވާހަކައެކެވެ. ބޭސްފަރުވާ އަށް ލަންޑަނަށް ވަޑައިގަތް ގޮތަށް އެނބުރި ގައުމަށް ވަޑައިނުގަތުމުން އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް އަންގައި ސަރުކާރުން އެކި ބަޔާންތައް ވެސް އާންމުކޮށް ނެރެމުން ދިޔަ އެވެ. ނަމަވެސް އޭރު ސަރުކާރުން ދިޔައީ، ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ސިއްރިޔާތުގައި ނަޝީދާ މަޝްވަރާ ކުރަމުންނެވެ. މި އަހަރުގެ ކުރީކޮޅު ވެސް ނަޝީދާ އެކު ސަރުކާރުން ސިއްރު މަޝްވަރާތަކެއް ކުރި ކަމަށް ފިޝަރީޒް މިނިސްޓު ޑރ. މުހައްމަދު ޝައިނީ ވެސް މީޑިއާތަކުގައި އެއްބަސްވެވަޑައިގަތެވެ.
މި ކަންކަމަށް ރިއާޔަތް ކުރާ އިރު، ނަޝީދަކީ ހަމަ ހަގީގަތުގައި ވެސް ޓެރަރިޒަމްގެ ކުށެއް ކުރައްވައިގެން ހުންނެވި މުޖުރިމެއްތޯ ސުވާލު އުފެދެ އެވެ. އެހެންކަމަށްވާ ނަމަ، މަޖިލީހުގެ ތެރެއިން ސަރުކާރަށް ބޭނުންވާ ވޯޓުކޮޅެއް ހޯދުމަށްޓަކައި ނަޝީދު ދޫކޮށްފާނެ ހެއްޔެވެ؟ ނުވަތަ އިދިކޮޅު ސިޔާސީ ޕާޓީތަކާއި ސަރުކާރާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށުމަށްޓަކައި އެޖެންޑާއެއް އެކަށައެޅުމަށްޓަކައި ސަރުކާރުން މަޝްވަރާ ކުރަން ޖެހޭނީ އެވަރުގެ ބޮޑު މުޖުރިމަކާ ހެއްޔެވެ؟
މި ކަންކަމަށް ބަލާއިރު، ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވިޔަސް، އެ ހުކުމަކީ ސިޔާސީ މަގްސަދެއްގައި، ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައިގެން އިއްވާފައި އޮތް ހުކުމެއް ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ. ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވެސް ބުނެފައި އޮތީ އެ ވާހަކަ އެވެ.
ދެން އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވާހަކަ އެވެ. އެ މަނިކުފާނު ޖަލަށް ލާފައި އެ ހުންނެވީ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމަށް އިއުތިރާފްވެވަޑައިގަތީ ޚުދު އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީނެވެ.
މިދިޔަ ޖުލައި 19 ގައި ހދ. ހަނިމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މައުމޫންގެ މައްޗަށް ކުރި ތުހުމަތުގެ ތަހުގީގަށް މައުމޫންގެ ފޯނު ފުލުހުންނަށް ދެއްވި ނަމަ، އެމަނިކުފާނު މިހާރު ހުންނަވާނީ ޖަލުގައި ނޫން ކަމަށާއި ގޭގައި ކަމަށެވެ.
ރައީސް ސާފު ބަހުން އެ ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ފޯނު ދެއްވި ނަމަ މައުމޫން ހުންނަވާނީ ގޭގައި ކަމަށެވެ. އެ ވާހަކަފުޅުން އެނގެނީ، މައުމޫންގެ ފޯނުގައި އެމަނިކުފާނު ކުށްވެރިވާ ފަދަ އެއްވެސް އެއްޗެއް ނެތް ކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމެވެ. އެއާ ޚިލާފަށް، މައުމޫންގެ ފޯނުގައި އެމަނިކުފާނާ ދެކޮޅަށް ބޭނުންކުރެވިދާނެ އެންމެ ހެއްކެއް އޮތް ނަމަވެސް، ފުލުހުންނަށް އެ ހެކި ފެނިއްޖެ ނަމަ، މައުމޫން ގެއަށް ބަދަލު ކުރުމުގެ ބަދަލުގައި، އެމަނިކުފާނުގެ މައްޗަށް އިއްވާނީ މިހާރަށް ވުރެ ބޮޑު ޖަލު ހުކުމެކެވެ.
ރައީސް މައުމޫންގެ ބައެއް ވަކީލުންނާއި އެމަނިކުފާނުގެ ބައެއް އަރިސް ބޭފުޅުންގެ ވާހަކަތަކަށް ބަލާއިރު، ސަރުކާރާ އެކު "ޑީލެއް" ހަދައިގެން ޖަލުން ނުކުމެވަޑައިގެން އަމިއްލަ ގެކޮޅުގައި އާއިލާއާ އެކުގައި ދިރިއުޅުއްވުމުގެ ފުރުސަތު މައުމޫނަށް އެބަ އޮތެވެ.
މިދިޔަ އާދީއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މި ސަރުކާރާ ބައިވެރިވެގެން ގައުމުގެ މަސްލަހަތު ގުރުބާންކޮށްފައި ދިވެހި ރައްޔިތުންނަށް އޮޅުވާލައިގެން ގެއަށް ވަޑައިގަތުމަކީ މައުމޫން ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުގެ މަތީ މަގާމުތަކުގެ ބޭފުޅުން ދޭތެރެ ދޭތެރެއިން ރައީސް މައުމޫނާ ބައްދަލުކުރައްވައި ޑީލެއް ހަދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ޑީލެއް ނުހެއްދެވޭނެ ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.
މި ސަރުކާރުގެ ދެ މިނިސްޓަރަކު ޖަލަށް ވަޑައިގެން މައުމޫނާ ބައްދަލުކުރެއްވީ ހަގީގަތުގައި ވެސް، ސަރުކާރާ ދެކޮޅަށް ފާޑު ވިދާޅުނުވެ ހުންނަވަން މައުމޫން އެއްބަސްވެވަޑައިގެންފިއްޔާ ގެއަށް ބަދަލު ކޮށްދެއްވާނެ ކަމުގެ ޚަބަރު ދެއްވަން ކަމަށް ވާ ނަމަ، މައުމޫނު ބެލޭނީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ނޫން ބާވަ އެވެ؟ ނަމަވެސް ދެ މިނިސްޓަރުން މައުމޫނަށް އެ ފަދަ ޑީލެއް ދެއްވި ކަން ރަސްމީކޮށް އަދި ނޭނގެ އެވެ.
ދެން އޮތީ ޝައިޚް އިމްރާންގެ ވާހަކަ އެވެ. އޭނާ ހައްޔަރު ކުރީ މެއި، 1، 2015 ގައި ސަރުކާރާ ދެކޮޅަށް މާލޭގައި ބޭއްވި ބިޔަ މުޒާހަރާގައި، ސަރުކާރުގައި ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ފަސާދަ އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެއާ އެކު ޓެރަރިޒަމްގެ ކުށް ސާބިތުކޮށް މިހާރު އެ ހުންނެވީ 12 އަހަރަށް ޖަލަށް ލައިފަ އެވެ.
މިދިޔަ މަހުގެ މެދެއްހާ ތަނުން ފެށިގެން ގެ އަށް ބަދަލުކޮށްފައި ހުންނެވި އިމްރާނާ އެކު ޑީލެއް ހެދުމަށް ސަރުކާރުގެ މަންދޫބުންތަކެއް އޭނާގެ ގެއަށް ވަޑައިގެން ބައްދަލުކުރެއްވި އެވެ.
އޭގެ އިތުރުން އިދިކޮޅު ޚިޔާލު ދޫކޮށްލައި ރައީސް ޔާމީނާ ގުޅިވަޑައިގަތުމަށް އިމްރާނަށް ދައުވަތު ދެއްވަން ވަޑައިގަތް އެއް ބޭފުޅަކީ، ރައީސް ޔާމީންގެ ރަނިން މޭޓް، ޑރ. މުހައްމަދު ޝަހީމް ކަމަށް ވެ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އިމްރާނާ ބައްދަލުކުރެއްވި މަންދޫބުން އިމްރާނަށް ހުށަހެޅުންތަކެއް ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި ސަރުކާރާ އަލުން ގުޅިވަޑައިގަތުން ނުވަތަ އާއިލާ އެކު ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވުމުގެ ހުށަހެޅުއްވުމެއް ވެސް ހިމެނެ އެވެ. އެ ހުރިހާ ހުށަހެޅުންތަކަށް ވެސް އިމްރާން ވަނީ އިންކާރު ކުރައްވައިފަ އެވެ.
ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ފަދައިން، އިމްރާނަކީ ވެސް ހަގީގަތުގައި ވެސް ކުށްވެރިއެއް ކަމަށްވާ ނަމަ، ސިޔާސީ ޑީލެއް ހަދަން ސަރުކާރުން އުޅެންވީ ކީއްކުރަން ހެއްޔެވެ؟ ޑީލެއް ހަދައިގެން "ބޮޑު ޓެރަރިސްޓެއް" ޖަލުން މިނިވަންކުރުމުގައި ސަރުކާރަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟
ނޫން ނަމަ، ޝައިޚް އިމްރާނަކީ ވެސް، މައުމޫނާއި ނަޝީދު ފަދައިން ސިޔާސީ ކުށްވެރިއެއް ނޫން ހެއްޔެވެ؟