03 އޯގަސްޓް 2016 - 12:19

މަނާގުއާ (އޮގަސްޓް 3) - ނިކަރާގުއާގެ ރައީސް ޑެނިއަލް އޮރްޓެގެ ރަނިން މޭޓަކަށް އެމަނިކުފާނުގެ އަނިބަނބަލުން ހަމަޖައްސައިފި އެވެ.

ރައީސް އޮރްޓެގާ މިހާރު މަސައްކަތް ކުރައްވަނީ ވެރިކަމުގެ ތިން ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށެވެ. އާ ދައުރުގެ ނައިބް ރައީސްއަކަށް އަނބިކަނބަލުން ފަސްޓް ލޭޑީ ރޮސާރިއޯ މުރިއްލޯ ހަމަޖެއްސެވި އިރު އޭނާ އަކީ މިހާރު ވެސް ސަރުކާރުގެ ވަރަށް އިސް ބޭފުޅެކެވެ. ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމު މިހާރު އަދާކުރައްވާ މުރިއްލޯ މިހާރު ވެސް ކޮންމެ ދުވަހަކު ވެސް އެ ގައުމުގެ ޓީވީތަކަށް އަރުއްވާ ބަޔާންތައް ދެއްވަ އެވެ. ރައީސް އޮރްޓެގާ އަކީ ވަރަށް މަދުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ބޭފުޅެކެވެ. ރައީސްގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތުތަކާ ބެހޭ ގޮތުން ޓީވީތަކުގައި ވާހަކަ ދައްކަވަނީ ވެސް އަނބިކަނބަލުންނެވެ. އެކަމަނާ މިހާރު ތައްޔާރުވެވަޑައިގަންނަވަނީ ފިރިކަލުންނާ އެކު ވެރިކަމުގެ ބާރުތައް ހިއްސާ ކުރެއްވުމަށެވެ.
ނޮވެމްބަރު މަހު އޮންނަ އިންތިޚާބަށް ވާދަކުރެއްވުމަށް ރައީސް އޮރްޓެގާ އާއި އަނބިކަނބަލުން މުރިއްލޯ ފޯމު ހުށަހެޅުއްވުމަށް ފަހު ވަޑައިގެންނެވުމުން ރައީސްގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ މެދުތެރޭ އެމެރިކާގެ ގައުމުގެ ވެރިކަން އާއިލީ މުދަލަކަށް ހަދަން ކުރާ މަސައްކަތެއް ކަމަށެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަނީ ރައީސް އޮރްޓެގާ އާއި އަނބިކަނބަލުން މުރިއްލޯ ގައުމު ހިންގަވަނީ އަމިއްލަ ތަނަކަށް ހައްދަވައިގެން ކަމަށެވެ.
ހަތް ކުދިންގެ މަންމަ ފަސްޓް ލޭޑީ މުރިއްލޯ އަކީ އިނގިރޭސި ބަހާއި ފްރާންސް ބަހަށް ފަރިތަ އަދި އެ ގައުމުގައި މަޝްހޫރު ޅެންވެރިއެއް ވެސް މެ އެވެ. ގިނަ ބަޔަކު މިހާރު ވެސް ބުނަނީ މުރިއްލޯ އަކީ ނިކަރާގުއާގެ އެންމެ ބާރުގަދަ މީހާ ކަމަށެވެ.
އުމުރުފުޅުން 70 އަހަރުގެ އޮރްޓެގާ އަކީ ނިކަރާގުއާގައި 40 އަހަރު ވެރިކަން ކުރި ސޮމޮޒާ އާއިލާގެ ހުދުމުޚްތާރުވެރިކަން އިންގިލާބަކުން ބަދަލުކޮށްލުމުގައި އިސްކޮށް ހަރަކާތްތެރިވި ވާތު ފިޔާގެ ހަނގުރާމަވެރިއެކެވެ.