ކުދިން ސްކްރީނަށް ބަލަން ހޭދަކުރާ ވަގުތަށް ހައްލެއް
ކުދިން ސްކްރީނަށް ބަލަން ހޭދަކުރާ ވަގުތަށް ހައްލެއް

ޑިޖިޓަލް ސްކްރީނަށް ބެލުމުގެ ހޭދަކުރާ ވަގުތު ގިނަވުމުގެ މައްސަލަ މިހާރު ވަރަށް ބޮޑެވެ. ކުޑަކުދިން މިކަމުން ސަލާމަތްކުރުން މިއީ ބޮޑު މަސައްކަތެކެވެ. ކޮންމެ ކޮންމެ ބެލެނިވެރިޔަކަށް ގޭގައި ހުރެގެން އެކަން ބެލޭނެ ގޮތެއް ނޯވެއެވެ.

އޮސްޓްރޭލިއާގެ ކުންފުންޏަކުން އުފެއްދި ދަ ޑެންއަކީ މިކަމަށް އޮތް އެންމެ ރަގަޅު ހައްލެވެ.

ދެ ދޮރުފަތްލީ ކުޑަ އަލަމާރިއެއްހެން ހުންނަ ދަ ޑެންއަކީ ސްމާޓް ގެޖެޓުތައް ރައްކާކުރަންލާ ކުޑަ ފޮށްޓެކެވެ. މީގެ ކޮންޓްރޯލް އޮންނާނީ ސީދާ ބެލެނިވެރިޔާގެ އަތުގައި އޮންނަ އެޕްގައެވެ. އެޕް މެދުވެރިކޮށް ވަގުތަށް އެދުނަސް ހުއްދަ ދޭނީ ބެލެނިވެރިޔާއެވެ. ދަ ޑެން މަސައްކަތްކުރާނީ ހުއްދަ ދިން ގޮތެއްގެ މައްޗަށް ރިއާޔަތްކޮށްގެންނެވެ. ކަނޑައެޅިފައިވާ ވަގުތަށް ކުޅެ ނިމުމުން ޖެހޭނީ ދަ ޑެންއަށް ފޯނު ލައި، ރައްކާކުރާށެވެ. އެވަގުތު ބެލެނިވެރިޔާއަށް ވެސް އޭނާގެ އެޕުން ދަރިފުޅުގެ ފޯނު ދަ ޑެން އަށް ލައިފިކަން އަންގައިދޭނެއެވެ. ބޭނުންނަމަ ދަ ޑެންގައި ބާއްވައިގެން ފޯނު ޗާޖު ވެސް ކުރެވޭނެއެވެ. އެކަމަށް ބޭނުންވާ ވާތަކާއި ޕޯޓުތައް މީގައި ހުރެއެވެ.

ދަ ޑެން ހުޅުވޭނީ ދޮރުފަތުގެ މަތީގައިވާ ދަ ޑެންގެ ލޯގޯއަށް ފިތާލުމުން ދިއްލޭ ބޮތްކެއްގެ ކުލައަކުންނެވެ. ރަތްބޮކި ދިއްލިއްޖެ ނަމަ ހުންނާނީ ދަ ޑެން ބަންދުވެފައެވެ. ފެހިބޮކި ދިއްލުމުން ހުޅުވޭނެއެވެ. ދަ ޑެންގެ ދޮރުފަތް ހުޅުވުމާއި ބަންދުވެފައި ހުރުމަކީ ވެސް ބެލެނިވެރިޔާގެ ބާރުގެ ދަށުން ހިނގާ ކަމެކެވެ. ދަރިފުޅަށް ފޯނު ކުޅެލަން ލިބޭ ވަގުތު ކަނޑައެޅި، އެ ވަގުތު ހަމަވުމުގެ 10 މިނިޓް ކުރިން ފެށިގެން ގަޑި ޖެހެން އުޅޭ ކަމުގެ އިޝާރާތް، ނޮޓިފިކޭޝަންގެ ގޮތުގައި ކުއްޖާއަށް ލިބެމުންދާނެއެވެ. ގަޑި ހަމަވުމުން ގަޑިޖެހިއްޖެކަން އަންގާނެއެވެ. އަދި ދަ ޑެންއަށް ފޯނު އަނބުރާ ގެންދަންވީކަމަށް ބުނާނެއެވެ. ވަގުތު ހަމަވުމުން ދަ ޑެންގެ ލޯގޯއަށް ފިތާލުމުން ދިއްލޭނީ ފެހި ބޮތްކެވެ. ފޯނު އެއަށްލާ ޗާޖަށް ޖަހާލުމުން، ދަ ޑެންއަށް ލީ ކޮން އާލާތެއްކަން އެނގޭ ގޮތަށް ބެލެނިވެރިޔާގެ އެޕަށް މެސެޖެއް ދާނެއެވެ. ގަޑި ހަމަވުމުން އެއާ އެއްގޮތަށް ކުއްޖާ އަމަލުނުކޮށްފި ނަމަ އެކަންވެސް ބެލެނިވެރިޔާއަށް އަންގާނެއެވެ.

ދަ ޑެންއަށް ފޯނު ލާން އޮންނަ އުސޫލަށް ކުދިން އަހުލުވެރިކުރުވަން ބޭނުންނަމަ، ވަގުތު ފަހަނައަޅާ ނުދާ ގޮތަށް ދަ ޑެންއާ ފޯނު ހަވާލުކުރާ މިންވަރު ބަލައި، ދޭންވާ އިނާމެއް ނުވަތަ އެކަން ބަލައިގަންނާނެ ގޮތެއް ހަމަޖެއްސިދާނެއެވެ. މިސާލަކަށް 20ފަހަރު ވަގުތު އިތުރުނުކޮށް، ބަރާބަރަށް އަމަލުކުރިކަން އެނގެން ބޭނުންނަމަ އެކަން ދަ ޑެން ގެ އެޕްގައި ފަހިކޮށްދީފައިވެއެވެ. މިގޮތުން ކުދިން "ބަސްއެހި" މިންވަރު ވަޒަން ވެސް ކުރެވޭނެ އެވެ.

ދަ ޑެން އަކީ މިހާރު ބާޒާރަށް ނެރެން ތައްޔާރުވަމުންދާ އުފެއްދުމެކެވެ. މި ވަގުތު މިއަށް ދުރާލާ އޯޑަރު ދެވިދާނެއެވެ. ގެއާ ހަމައަށް ފޯރާނީ އެންމެ އަވަހަށް ވެސް މިއަހަރު ނިމޭހާތާނގައެވެ. މީގެ އަގަކީ 119 އެމެރިކާ ޑޮލަރެވެ.