ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ބާރަތު" އަށް ސޮއި ކުރުމަށް ފަހު، އެ އެ ފިލްމް ދޫކޮށްލި ނަމަވެސް، ޕްރިޔަންކާ ޗޯޕްޅާގެ މަސައްކަތްތައް ކުރިއަށް އޮތް ދެ ފިލްމެއް އެބަ އޮތެވެ. އޭގެ ތެރާގައި ސޮނާލީ ބޯސް ޑައިރެކްޓް ކުރާ ފިލްމް ހިންދީ "ދަ ސްކައި އިޒް" ޕިންކާއި ހޮލީވުޑްގެ ފިލްމް "ކައުބޯއި ނިންޖާ ވައިކިން" ހިމެނެ އެވެ.

"ދަ ސްކައި އިޒް ޕިންކް" ވެގެން ދާނީ 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އަށް ފަހު ޕްރިޔަންކާ ފެނިގެންދާ ފުރަތަމަ ހިންދީ ފިލްމަށެވެ. އޭނާ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުބން ފެނިގެން ދާނީ ފެބްރުއަރީމ 14، 2019 ގައި ރިލީޒް ކުރާ ހޮލީވުޑްގެ "އިޒިންޓް އިޓް ރޮމޭންޓިކް" އިންނެވެ. ޕްރިޔަންކާ އެންމެ ފަހުގެ ފިލްމަކީ ޖޫން މަހު ރިލީޒް ކުރި "އަ ކިޑް ލައިކް ޖޭކް" އެވެ.

ސޮނާލީ ޑައިރެކްޓް ކުރާ "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން ބުދަ ދުވަހު ފަށާފައިވާ އިރު، މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ޕްރިޔަންކާއާ އެކުގައި ފެނިގެން ދާނީ ފަރްހާން އަހްތަރާއި "ޑަންގަލް" އިން ވިދާލި ޅަ ބަތަލާ ޒާއިރާ ވަސީމެވެ.

މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ފިލްމްގެ ނަމަކީ "ދަ ސްކައި އިޒް ޕިންކް" ކަމަށް ބުންޏަސް އެ ފިލްމްގެ ނަން ރަސްމީކޮށް އަދި ނުނިންމާ ކަމަށެވެ. އެކަމަކު ޕްރިޔަންކާ އާއި ފަރްހާން ކުރިން ކުރި އިންސްޓަގްރާމް ޕޯސްޓްތަކެއްގައި "ދަ ސްކައި އިޒް ޕިންކް" ގެ ނަން ދީފައިވާ ސްކްރިޕްޓްގެ ޑްރާފްޓެއް ދައްކާލައިފައިވެ އެވެ.

އެ ދެ ތަރިން ކުރިން ވެސް ވަނީ އެކުގައި ފިލްމްތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާ ފަރްހާން ޑައިރެކްޓް ކުރި "ޑޮން" ގެ ދެ ފިލްމްގެ ބަތަލާގެ ރޯލް ކުޅުމުގެ އިތުރަށް 2015 ގައި ރިލީޒް ކުރި "ދިލް ދަޅަކް ނޭ ދޯ" ގައި ދެ މީހުން ވަނީ އެކުގައި ސްކްރީން ހިއްސާކޮށްފަ އެވެ.

"ދަ ސްކައި އިޒް ޕިންކް" އަކީ ޕްރިޔަންކާ އާއި ފަރްހާން ދެމަފިރިންގެ ރޯލުން ފެނިގެން ދާނެ ފިލްމެކެވެ. ޒާއިރާ މީގައި ކުޅެނީ ދެ މީހުންގެ ދރިފުޅުގެ ޒޯލެވެ. މި ފިލްމަކީ 2015 ގައި މަރުވެފައިވާ އިންޑިއާގެ ޒުވާން މޯޓިވޭޝަނަލް ސްޕީކާ އައިޝާ ޗައުދަރީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ރިލީޒް ކުރާނެ ތާރީހު އިއުލާންކޮށްފައި ނުވާ "ދަ ސްކައި އިޒް ޕިންކް" ގެ ޕްރޮޑިއުސަރަކީ ބަދަލާ ވިދިޔާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރެވެ.

އަނުޝްކާ ޝަރްމާ އާއި ވަރުން ދަވަން ފުރަތަމަ ފަހަރަށް ސްކްރީނުން އެކީގައި ފެނިގެންދާ ފިލްމް "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ގެ ފުރަތަމަ ލޯގޯ ދައްކާލައިފި އެވެ. "ދަމް ލަގާ ކޭ ޙައިޝާ" ބެލުންތެރިންނަށް ގެނެސް ދިން ޑައިރެކްޓަރު ޝަރަތު ކަތަރިޔާ ޑައިރެކްޓް ކުރާ "ސުއީ ދާގާ" އަކީ އިންޑިއާގެ ކޮޓެޖް އިންޑަސްޓްރީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ފިލްމްގައި އަނުޝްނާ ޖަރީ ކުރާ މީހެއްގެ ރޯލުން ފެނިގެންދާ އިރު، ވަރުން ފެނިގެން ދާނީ ފަހާ މީހެއްގެ ރޯލުންނެވެ. މި ފިލްމްގެ ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތާ އެކު ވަނީ ޕްރޮމޯޝަނަލް ހަރަކާތްތައް ވެސް ފަށައިފަ އެވެ.

ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 28 ގަ އެވެ. މިއީ އެ ސްޓޫޑިއޯގެ ފިލްމަކުން ވަރުން ފެނިގެންދާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

މި މަހުގެ 15 ގައި ރިލީޒް ކުރާ "ސަތިޔަމޭވް ޖަޔަތޭ" ގައި ހިމެނޭ ނޯރާ ފަތެހީގެ އައިޓަމް ލަވަ "ދިލްބަރު" ގެ ޖާދޫގައި އެތައް ބަޔަކު ޖައްސުވާލައި، ޗާޓްތަކުގެ ކުރި ވެސް ފަހަތަ ކުރުމަށް ފަހު، އޭނާ އަނެއްކާ ވެސް އައިޓަމް ލަވައަކުން ފެންނަން އޭނާ ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 31 ގައި ރިލީޒް ކުރާ ރާޖްކުމާރް ރާއޯ އާއި ޝްރަދާ ކަޕޫރްގެ ހޮރޯ ކޮމެޑީ "ސްޓްރީ" ގައި ހިމެނޭ "ކަމަރިޔާ" ލަވައިން ނޯރާ ފެނިގެން ދާނެ އެވެ. އޭނާ އެ ލަވައިގެ ޝޫޓިން ވެސް ނިންމާލައިފައިވާ އިރު، ސެންޓުން ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.

ރަށްފުށުގެ އިހުސާސްތައް ގެނުވައިދޭ "ކަމަރިޔާ" ލަވައިގައި ނޯރާ ފެނިގެން ދާނީ ސާޅީ އާއި ސްނިކާޒްގަ އެވެ. ސަލްމާން ހާންގެ "ބާރަތު" ގެ ރޯލަކުން ވެސް އޭނާ ފެނިގެން ދާނެ އެވެ.

"ސްޓްރީ" އަކީ "ރާބްތާ" ގެ ޑައިރެކްޓަރު ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، އަމަރް ކޯޝިކް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.