08 އޯގަސްޓް 2018 - 17:32

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
ރޭޑިއޯ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއައި ރަސްމީކޮށް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރެވެ.
އެއްއެމްއައި އަކީ 2015 ވަނަ އަހަރުން ފެށިގެން މީޑިއާގެ ދާއިރާއަށާއި ކްރިއޭޓިވް އިންޑަސްޓްރީން މީހުން ބިނާކުރުމަށް ޕަބްލިކް ސާވިސް މީޑިއާ އިން ގާއިމްކޮށް ހިންގަމުން އަންނަ މީޑިޔާ އިންސްޓިޓިއުޓެކެވެ.
އެމްއެމްއައިގެ ޑައިރެކްޓަރު ޖިނާހް މުހައްމަދު ވިދާޅުވި ގޮތުގައި މީޑިއާގެ ދާއިރާ އިން ތަމްރީނާއި ތައުލީމު އުނގަންނައިދިނުމަށް އެމްއެމްއައިގަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތައް ވަނީ މިހާރު ވެސް ފަށައިފަ އެވެ. އޭގެ އިތުރުން މި އިންސްޓިޓިއުޓް މިއަދު ހުޅުވާފައިވަނީ ކޯސްތަކާއި ތަމްރީނުތައް ހިންގުމަށް ހާއްސަކޮށްގެން ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގައި ގާއިމްކުރި ކެމްޕަހަކާ އެކުގަ އެވެ.
އަދި ކްރިއޭޓިވް އިންޑަސްޓްރީގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޔުނިވަސިޓީ ކަމަށްވާ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަސިޓީ އެކު 2017 ވަނަ އަހަރު އެއްބަސްވުމެއް ގާއިމު ކުރުމަށް ފަހު، އެ ޔުނިވާސިޓީގެ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގުމަށް އެމްއެމްއައި އިން އަންނަނީ ތައްޔާރުވަމުންނެވެ.