08 އޯގަސްޓް 2018 - 16:05

ހަރާރޭ (އޮގަސްޓް 8) - ޒިމްބާބުވޭގައި މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގެ ނަތީޖާ ގަބޫލްނުކޮށް އިދިކޮޅު އިއްތިހާދުން ކޯޓަށް ދާން ނިންމައިފި އެވެ.
އިދިކޮޅު އެމްޑީސީން ބުނެފައި ވަނީ ރައީސް އެމާސަން ނަންގަގްވާ ކުޑަ ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ވަރަށް ބޮޑަށް މަކަރު ހަދައި އޮޅުވާލައިގެން ކަމަށެވެ.
"އިންތިޚާބުގެ ނަތީޖާ އައިސްފައި ވަނީ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީސީގެ ވަކީލް ތަބަނި ޕޮފޫ ވިދާޅުވި އެވެ.
މައްސަލަ ކޯޓަށް ވައްދާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ. މައްސަލަ ކޯޓަށް ވައްދައިފި ނަމަ ރައީސްކަމުގެ ހުވާ އެމާސަން ކުރެއްވުން ފަސްކުރާނެ އެވެ.
ޒިމްބާބުވޭގެ ގާނޫނު ބުނާ ގޮތުން އިންތިޚާބާ ގުޅޭ ޝަކުވާ ކޯޓަށް ހުށަހެޅުމުގެ ފަހުގެ ތާރީޚަކީ ހުކުރު ދުވަހު އެވެ. އެ ގައުމުގެ ދުސްތޫރީ ކޯޓަށް މައްސަލަ ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އެމްޑީސީގެ ހެޑްކުއާޓަރަށް ފުލުހުން ވަދެ ބައެއް ތަކެތި ވަނީ ގެންގޮސްފަ އެވެ. ޕޮފޫ ވިދާޅުވީ އެއީ އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށް އެމްޑީސީން ހޯދާފައިވާ ހެކި ނައްތާލަން ފުލުހުން ކުރި ކަމެއް ކަމަށެވެ.