ޕީޕީއެމާ ދެކޮޅަށް ހުށަހެޅި މައްސަަލަ ބޭރުކޮށްލުމުން އަނެއްކާ ވެސް ކޯޓަށް
ޕީޕީއެމާ ދެކޮޅަށް ހުށަހެޅި މައްސަަލަ ބޭރުކޮށްލުމުން އަނެއްކާ ވެސް ކޯޓަށް

ޕީޕީއެމްގެ ހުރިހާ ބާރުތަކެއް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނަންގަވާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ޕީޕީއެމާ ދެކޮޅަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލުމުން ދެ ވަނަ ފަހަރަށް އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

އެ ޕާޓީ އަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅި އެ މައްސަލަ ސިވިލް ކޯޓުން އާދިއްތަ ދުވަހު ބޭރު ކޮށްލީ އެ ދެ ބޭފުޅުންގެ ފަރާތުން ބަދަލުގައި ކޯޓަށް އަންނަ މީހާ ކޯޓަށް ހާޒިރު ނުވުމުންނެވެ. މަދަނީ މައްސަލައެއްގައި ދައުވާ ކުރާ ފަރާތުން މަގްބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ މައްސަލަ ބޭރު ކޮށްލުމުގެ ބާރު ކޯޓަށް އޮވެ އެވެ.

ދެ ވަނަ ފަހަރަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަން ވެސް ހަމަޖައްސާފައިވެ އެވެ. އެކަމަކު މިއަދުގެ އަޑުއެހުމަކީ ޝަރީއަތަށް މައްސަލަ ދިއުމުގެ ކުރިން ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލަކަށް އާދޭތޯ ބަލަން ބާއްވާ ޑިސްޕިއުޓް ރިޒޮލިއުޝަންގެ އަޑުއެހުމެކެވެ.

އެ މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅީ މައުމޫން ރާއްޖެ އިން ބޭރުގައި ހުންނެވުމުން އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ނުބާއްވަން މައުމޫން އަންގަވާފައި ވަނިކޮށެވެ. އަދި ބޭރުގައި ހުންނަވައިގެން ވެސް ޕާޓީ ހިންގާނީ ސީދާ މައުމޫން ކަމަށް ޕީޕީއެމުން ބުނެ އެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ މައުމޫންގެ ހުއްދަ ނެތި ކައުންސިލްގެ ބައްދަލުވުންތަކާއި ކޮމެޓީތަކުގެ ބައްދަލުވުންތައް ނުބާއްވަން މައުމޫން އެންގެވުމުންނެވެ. އެކަމަކު އެ ޕާޓީގެ ސުލޫކީ ކޮމެޓީން އޭރު ވަނީ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި އިތުރު މީހަކު ޕާޓީން ވަކި ކުރަން ނިންމައިފަ އެވެ. އެކަމަކު މައުމޫން ވިދާޅުވަނީ އެ ދެ ބޭފުޅުން ޕާޓީން ވަކިނުވާ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުން ވެސް ހޫނުވެގެން ހުއްޓާލީ އެ ދެ ބޭފުޅުން އެ ބައްދަލުވުމުގައި ތިބުމުން އެކަމާ ޚިޔާލު ތަފާތުވެގެންނެވެ.