ކަނޑުއަޑިން ޚަޒާނާ ނެގި ކަމަށް ބުނާ ކުންފުނީގެ އޮފީސް ބަލާ ފާސްކޮށްފި
ކަނޑުއަޑިން ޚަޒާނާ ނެގި ކަމަށް ބުނާ ކުންފުނީގެ އޮފީސް ބަލާ ފާސްކޮށްފި

ސޯލް (އޮގަސްޓް 8) - ބޮޑު ޚަޒާނާއެއް ހުރި ބޯޓެއް ކަނޑު އަޑިން ހޯދައިފި ކަމަށް ބުނި ސައުތު ކޮރެއާގެ ޝިނިލް ގްރޫޕުގެ އޮފީސް ފުލުހުން ބަލާ ފާސްކޮށްފި އެވެ.

ކަނޑުއަޑިން ޚަޒާނާ ނެގި ކަމަށް ބުނާ ކުންފުނީގެ އޮފީސް ބަލާ ފާސްކޮށްފި
ކަނޑުއަޑިން ޚަޒާނާ ނެގި ކަމަށް ބުނާ ކުންފުނީގެ އޮފީސް ބަލާ ފާސްކޮށްފި

ޝިނިލް ގްރޫޕުން މިދިޔަ މަހު ބުނެފައި ވަނީ 1905 ވަނަ އަހަރު ފައްތާލި ރަޝިޔާގެ ދިމިތުރީ ޑޮންސްކޮއި ނަމަނަކަށް ކިޔާ މަނަވަރު ސައުތު ކޮރެއާގެ ޔުލެއުންގްޑޯ އައިލެންޑުގެ ބޭރުން ކަނޑު އަޑިން ހޯދާފައިވާ ކަމަށެވެ. އެ ބޯޓުގައި ބިލިއަން ޑޮލަރުގެ ރަން ހުރި ކަމަށްވެ އެވެ. ނަމަވެސް ފަހުން އަޑު ފެތުރުނު ގޮތުގައި އެ މަނަވަރު ހޯދައިފި ކަމަށް ޝިނިލް ގްރޫޕުން ބުނެފައި ވަނީ އިންވެސްޓަރުންނަށް އޮޅުވާލައި ކުންފުނީގެ ހިއްސާގެ އަގު މަތިކުރަން ކަމަށެވެ. ޝިނިލް ކުންފުނީގެ ސީއީއޯ ޗޮއި ޔޮންގް-ސިއޯކް ސައުތު ކޮރެއާ އިން ފުރުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ޝިނިލް ގްރޫޕުން ވަނީ ޖަޕާނާއި ސައުތު ކޮރެއާއާ ދެމެދު އޮންނަ ޔުލެއުންގްޑޯގެ ބޭރުން ކަނޑު އަޑީގައި އޮތް ޑޯންސްކޮއިގެ ފޮޓޯތަކެއް ވެސް އާއްމުކޮށްފަ އެވެ.

ދިމިތުރި ޑޮންސްކޮއި ނަމަކަށް ކިޔާ ބޯޓު ހޯދައިފި ކަމަށް މީގެ ކުރިން ވެސް ބައެއް ކުންފުނިތަކުން ބުނެފައިވެ އެވެ. ނަމަވެސް އެ ބޯޓު ފެންމައްޗަށް ނެގިފައެއް ނުވެ އެވެ. އެ ބޯޓުގައި ޚާޒާނާއެއް ހުރި ކަމުގެ ވާހަކަތަކާ އެކު ބޯޓު ހޯދުމުގެ މަސައްކަތް އެތައް ކުންފުންޏަކުން ކޮށްފައިވެ އެވެ.

ޝުޝިމާ ހަނގުރާމަ އިން ޖަޕާން ކާމިޔާބު ހޯދުމާ ގުޅިގެން ދިމިތުރި ޑޮންސްކޮއިގެ ފަޅުވެރިން އެ ބޯޓު ފައްތާލީ 1905 ވަނަ އަހަރު އެވެ. އަޑު ފެތުރިފައިވާ ގޮތުގައި އެ ބޯޓު ދަތުރު ކުރީ ޕެސިފިކުގައިވާ ރަޝިޔާގެ ފްލީޓަށް ރަން ހިފައިގެންނެވެ. އެއީ އެ ފްލީޓުގެ ފަޅުވެރިންނަށް މުސާރައިގެ ގޮތުގައި ރަން ދިނުމަށާއި ޑޮކިން ފީގެ ގޮތުގައި ވެސް ރަން ދިނުމަށެވެ. އެ ބޯޓުގައި 200 ޓަނުގެ ރަން ހުރި ކަމަށްވެ އެވެ. ބޯޓުގައިވާ ރަން ފެނިއްޖެ ނަމަ އެއީ މިހާރުގެ އަގުން ބަލާ ނަމަ އެތައް ބިލިއަން ޑޮލަރެވެ. ނަމަވެސް އެ ބޯޓުން ރަން އުފުލި ކަމުގެ ސާބިތު ހެއްކެއް ނެތެވެ. ހަނގުރާމަ މަތީ ބޯޓަކަށް ރަން އަރުވައިގެން ދަތުރުކޮށްފާނެތޯ އެތައް ބަޔަކު މިހާރު ވެސް ސުވާލު އުފައްދަ އެވެ.

ޖަޕާނާއި ސައުތު ކޮރެއާގެ އެތައް ކުންފުންޏަކުން ވެސް ވަނީ ވޭތުވެދިޔަ ގަރުނެއްހާ ދުވަހު އެ ބޯޓު ހޯދަން މަސައްކަތް ކޮށްފަ އެވެ.