ބުރުގާއާ ގުޅޭ ގޮތުން ކުރި ކޮމެންޓަށް ޖޯންސަން މައާފަށް ނޭދޭނެ
ބުރުގާއާ ގުޅޭ ގޮތުން ކުރި ކޮމެންޓަށް ޖޯންސަން މައާފަށް ނޭދޭނެ

ލަންޑަން (އޮގަސްޓް 8) - ބުރުގާއާ ގުޅޭ ގޮތުން ކުރި ކޮމެންޓަށް މައާފަށް ނޭދޭނެ ކަމަށް އިނގިރޭސި ވިލާތުގެ ކުރީގެ ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

މޫނުބުރުގާ އަޅައިގެން ތިބޭ އަންހެނުން ތިބެނީ "ސިޓީ ލާ ފޮށިތަކެއް" ހެން ކަމަށާއި އަދި އެއީ "ބޭންކް ވަގުން" ފަދަ ބައެއްގެ ގޮތުގައި ޖޯންސަން ވަނީ ސިފަ ކުރައްވައިފަ އެވެ. އޭނާގެ ކޮމަންޓާ ގުޅިގެން މައާފަށް އެދުމަށް ކޮންޒަވެޓިވް ޕާޓީގެ ޗެއާމަން ވެސް ވަނީ ގޮވާލައްވައިފަ އެވެ.

ބޮޑު ވަޒީރު ތެރޭސާ މެއި ވެސް ވަނީ މައާފަށް އެދުމަށް ޖޯންސަންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް ޖޯންސަންއާ ގުޅުން ހުރި ފަރާތްތަކުން ބުނެފައި ވަނީ އޭނާ މައާފަށް ނޭދޭނެ ކަމަށެވެ. އަދި އޭނާ ފާޅުކުރި ޚިޔާލަށް ފާޑުކިޔުމަކީ މޮޔަކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"އުނދަގޫ މައްސަލަތަކުގެ ބަހުސް ހުއްޓުވަން އުޅުން ރަނގަޅެއް ނޫން،" ޖޯންސަންއާ ގުޅުން ހުރި ފަރާތްތަކުން ބުނެފައިވެ އެވެ.

ޑެއިލީ ޓެލެގްރާފްގައި ބުރުގުއާ ގުޅޭ ގޮތުން ލަންޑަންގެ ކުރީގެ މޭޔަރު ޖޯންސަން ލިޔުއްވާފައިވާ އާޓިކަލްއާ ގުޅިގެން މުސްލިމް ޖަމާއަތްތަކުން ވެސް ދަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

ކޮންޒަވެޓިވް ކުރީގެ ޗެއާވުމަން އަދި އިނގިރޭސި ކެބިނެޓުގެ ފުރަތަމަ މުސްލިމް ވަޒީރު ބަރޮނެސް ވަރްސީ ވަނީ ޖޯންސަން މައާފަށް އެދިވަޑައިނުގެންފި ނަމަ އޭނާއާ ދެކޮޅަށް ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ.