09 އޯގަސްޓް 2018 - 07:39

ރިލީޒް ކުރަން މަހަކަށް ވެފައި ވަނިކޮށް ޖޮނީ ޑެޕްގެ އާ ފިލްމް "ސިޓީ އޮފް ލައިސް" ސިނަމާތަކަށް ނުގެންނަން ނިންމައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ މަހުގެ 7 އަށް ތާވަލުކޮށްފައި އޮތް ފިލްމް އެ ތާރީހުގައި ސިނަމާތަކަށް ނުގެންނަން ނިންމީ، ޑެޕްގެ މައްޗަށް މި ފަހުން ފެންމަތިވެފައިވާ އެކި ކަހަލަ މައްސަލަތަކާ ހެދި އޭނާ އަށް ފިލްމްގެ ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީން ކަމެއް ނެތުމުންނެވެ.
ޑެޕްގެ މައްޗަށް، ގެވެށި އަނިޔާއި އާއި ކުރީގެ މެނޭޖަރަށް މަކަރާއި ހީލަތް ހެދުން ފަދަ ތުހުމަތުތައް ކޮށްފައިވެ އެވެ.
ގްލޯބަލް ރޯޑް އެންޓައިންމަންޓުން ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ "ސިޓީ އޮފް ލައިސް" ދެން ސިނަމާތަކަށް ގެންނާނެ ތާރީހެއް ވެސް އިއުލާންކޮށްފައެއް ނުވެ އެވެ.
ދަ ލިންކަން ލޯޔާ (2013) އާއި ދި އިންފިލްޓްރޭޓާ (2016) ފަދަ ފިލްމްތައް ގެނެސް ދިން ބްރެޑް ފާމަން ޑައިރެކްޓްކޮށްފައިވާ "ސިޓީ އޮފް ލައިސް" އަކީ ކްރައިމް ތުރިލާއެކެވެ.
މީގައި ކިޔައި ދެނީ ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓް (އެލްއޭޕީޑީ) ގެ ކުރީގެ ޑިޓެކްޓިވް ރަސެލް ޕޫލް މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތެވެ.
މި ފިލްމް ސިނަމާތަކަށް ގެނައުން މަޑުޖައްސާލި ނަމަވެސް ވާނާ ބްރަދާޒް އިން ވަނީ ޑެޕް މުހިއްމު ރޯލަކުން ފެނިގެންދާ ފިލްމް "ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޑެލްވަލްޑް" ނޮވެމްބަރު މަހުގެ 16 ގައި ސިނަމާތަކަށް ގެންނަން ނިންމައިފަ އެވެ.
"ޕައިރޭޓްސް" ފްރެންޗައިޒްގެ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "މާޑާ އޮން ދި އޮރިއެންޓް އެކްސްޕްރެސް" އިންނެވެ.