ދަރިންނަށް ހަރަދު ނުދޭ މައްސަލާގައި ބްރެޑް ޕިޓް ގޮވައިގެން އެންޖެލީނާ ޖޮލީ ކޯޓަށް
ދަރިންނަށް ހަރަދު ނުދޭ މައްސަލާގައި ބްރެޑް ޕިޓް ގޮވައިގެން އެންޖެލީނާ ޖޮލީ ކޯޓަށް

ދެހާސް ސޯޅަ ވަނަ އަހަރު އެކްޓަރު ބްރެޑް ޕިޓް ގާތުން ވަރިވާން ބަތަލާ އެންޖެލީނާ ޖޮލީ ކޯޓަށް ހުށަހެޅި ފަހުން، ޕިޓްގެ ފަރާތުން ދަރިންނަށް ލިބެން ޖެހޭ ހަރަދު ނުލިބޭ ކަމަށް ބުނެ އެ މައްސަލަ ލޮސް އެންޖެލިސްގެ ސުޕީރިއާ ކޯޓަށް އަންގާރަ ދުވަހު ހުށަހަޅައިފި އެވެ.

އެންޖެލީނާގެ ވަކީލް ކޯޓަށް ހުށަހެޅި ދެ ސޮފުހާގެ ބަޔާނާ ހަވަލާދީ އެންބީސީ ނިއުސް އިން ބުނީ ދަރިންނަށް ޕިޓްގެ ފަރާތުން ހަރަދު ނުދޭތާ މިހާރު ދޮޅު އަހަރުވެފައިވާ ކަމަށެވެ. އެހެންވެ ދަރިންނަށް ދޭންޖެހޭ ހަރަދު "ޒިންމާދާރު ގޮތުގައި ދެމުން ނުދާތީ" ހަރަދުތައް އޭނާގެ ފަރާތުން ނަގައިދިނުމަށް އެދިފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން އެންޖެލީނާގެ ތަރުޖަމާން މިންޑީ ނީބީ އީ ނިއުސް އަށް ބުނި ގޮތުގައި ޕިޓްގެ ކައިރިން ވަރިވާން ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް އަދިވެސް ގޮތެއް ނިމިފައި ނުވާތީ އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން އަންނަނީ ކުރަމުންނެވެ.

ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އެންޖެލީނާ އާއި ޕިޓްގެ ކައިވެނި ރޫޅައިލަން ކޯޓަށް ވެއްދީ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގެ އެވެ.

އެ ދެ މީހުން ވަކިވާން ނިންމި އިރު، ހަ ކުދިން ލިބިފައިވެ އެވެ. އޭގެ ތެރޭގައި އެޑަޕްޓްކޮށްފައިވާ ކުދިން ވެސް ހިމެނެ އެވެ. ދެ މީހުން ވަކިވި ފަހުން ދަރިން ތިބެނީ އެންޖެލީނާގެ ކައިރީގަ އެވެ. އަދި ދަރިންނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ޕިޓަށް އޮވެ އެވެ.

އެންޖެލީނާ އާއި ޕިޓް ކައިވެނި ކުރީ 2014 ގަ އެވެ. ނަމަވެސް އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން ކައިވެނި ރޫޅައިލަން ނިންމި ސީދާ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕިޓްގެ ކައިރިން ވަރިވާން އެންޖެލީނާ ނިންމީ ބޭވަފާތެރިވުމާއި ދަރިއަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ.

ދަރިންނަށް ހަރަދު ނުދޭ މައްސަލާގައި ޕިޓް ގޮވައިގެން ކޯޓަށް ދާން އެންޖެލީނާ ނިންމި އިރު ދެ މީހުން ވެސް މި ވަގުތު އުޅެނީ ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށެވެ.

ލަންޑަނުގައި އެންޖެލީނާ "މެލަފިޝަންޓް 2" ގެ މަސައްކަތް ކުރަމުން އަންނަ އިރު، ޕިޓް އަންނަނީ އެލްއޭގައި "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ މަސައްކަތް ކުރަމުންނެވެ.