އާސެނަލްގެ މިލްކުވެރިކަން ކްރޮއެންކާ އަށް
އާސެނަލްގެ މިލްކުވެރިކަން ކްރޮއެންކާ އަށް

ލަންޑަން (އޮގަސްޓް 8) – އާސެނަލްގެ މައިނޯރިޓީ ހިއްސާދާރު ރަޝިއާގެ އަލީޝާ އުސްމަނޯފްގެ 30 ޕަސެންޓް ހިއްސާ ގަނެ، އާސެނަލްގެ 100 ޕަސެންޓް މިލްކުވެރިކަން މެޖޯރިޓީ ހިއްސާދާރު އެމެރިކާގެ ސްޓަން ކްރޮއެންކާ ހޯއްދަވައިފި އެވެ.

އުސްމަނޯފްގެ ހިއްސާ ބައްލަވައިގަންނަން ކްރޮއެންކާ ހުށަހެޅުއްވީ އިއްޔެ އެވެ. އެއާ އެކު އުސްމަނޯފް ވަނީ އެ ހުށަހެޅުން ގަބޫލުކުރިކަން އިއްޔެ އިއުލާންކުރައްވައިފަ އެވެ.

"އާސެނަލްގައި ހުރި އަހަރެންގެ ހިއްސާތައް ވިއްކާލަން ނިންމައިފިން،" އުސްމަނޯފް ވިދާޅުވި އެވެ.

އާސެނަލްގެ އަގު 1.8 ބިލިއަން ޕައުންޑަށް އަރާއިރު ކްރޮއެންކާ ބާކީ ހިއްސާތައް ބައްލަވައިގަތީ 550 މިލިއަން ޕައުންޑަށެވެ. އެއާ އެކު، ބާކީ ތިން ޕަސެންޓް ހިއްސާދާރުންނަށް ވެސް ކްރޮއެންކާ އަށް ހިއްސާ ވިއްކާލަން ގާނޫނީ ގޮތުން މަޖުބޫރުވާނެ އެވެ.

އުސްމަނޯފްގެ އަތުގައި 30 ޕަސެންޓް ހިއްސާ އޮތް ނަމަވެސް މިހާތަނަށް ވެސް ބޯޑުން ފުރުސަތެއް ނޯވެ އެވެ. އަދި ކްލަބުގެ އެއްވެސް ނިންމުމެއްގައި ބަސްކިޔުމުގެ ފުރުސަތެއް ނުލިބެ އެވެ.

އުސްމަނޯފް ވެސް އާސެނަލްގެ މިލްކުވެރިކަން ހޯދަން މަސައްކަތްކުރެއްވި އެވެ. އެގޮތުން މިދިޔަ އަހަރުގެ މޭ މަހު އޭނާ ހުށަހެޅުއްވި އެއް ބިލިއަން ޕައުންޑުގެ އޮފާއަށް ކްރޮއެންކާ ދެކޮޅު ހެއްދެވި އެވެ.

ކްރޮއެންކާގެ ކުންފުނިން ބުނީ މި ނިންމުމުގެ ސަބަބުން އާސެނަލްގެ އުސޫލްތަކާއި އަމާޒުތައް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ކުންފުނިން ކްލަބަށް ކަނޑައަޅާ އަމާޒަކީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގާއި އަންހެނުންގެ ބޮޑެތި މުބާރާތްތަކާއި ޔޫތު މުބާރާތްތަކުގެ ތަށްޓަށް އަބަދުވެސް ވާދަކުރާ ޓީމަކަށް އާސެނަލް ހެދުން ކަމަށެވެ.

އެކަމަކު ކްރޮއެންކާ 100 ޕަސެންޓް ހިއްސާ ނެންގެވުމާ އެކު އާސެނަލް ސަޕޯޓާސް ޓްރަސްޓުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެންމެ ބޮޑު މައްސަލައަކީ ސަޕޯޓަރުންގެ އަތުގައި އޮތް ތިން ޕަސެންޓް ހިއްސާ ގެއްލުމެވެ. އަދި ކްރޮއެންކާ ހިއްސާ ގަތީ ލޯނެއް ނަގައިގެން ކަމަށް ވުމަކީ ވެސް އެ ގްރޫޕުގެ އޮތް ކަންބޮޑުވުމެކެވެ.

"އާސެނަލް ސަޕޯޓާސް ޓްރަސްޓުން، ހުރިހާ ގޮތަކުން ވެސް މިކަމާ ދެކޮޅު، މިއަދު މި ފާހަގަކުރެވެނީ އާސެނަލަށް ވަރަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައި،" އެ ގްރޫޕުން ބުނެފައިވެ އެވެ.