"ޝޮޕިން އެޑިކްޝަން" އަކީ ނަފުސާނީ ބައްޔަކަށް ވެދާނެ
"ޝޮޕިން އެޑިކްޝަން" އަކީ ނަފުސާނީ ބައްޔަކަށް ވެދާނެ

އެންމެ ކުރާ ހިތްވާ ކަންކަމުގެ ލިސްޓުގައި "ޝޮޕިން" ހިމެނޭ މީހުން ވަރަށް ގިނަވާނެ އެވެ. އެކަމަކު އެއީ ދެވި ހިފާފައިވާ ކަމެއް ނަމަ، ސީރިއަސްކޮށް ވިސްނާލަން ޖެހެ އެވެ.

"ޝޮޕިން އެޑިކްޝަން" އަކީ ނަފުސާނީ ބައްޔަކަށް ވެދާނެ
"ޝޮޕިން އެޑިކްޝަން" އަކީ ނަފުސާނީ ބައްޔަކަށް ވެދާނެ

ތަޖުރިބާކާރުން މިހާރު ބުނާ ގޮތުގައި ޝޮޕިން އެޑިކްޝަނަކީ "ނަފުސާނީ ބައްޔެއް" ގެ ގޮތުގައި ކަނޑައަޅަން ޖެހޭ ހާލަތަށް އެ މައްސަލަ މިހާރު ދަނީ ބޮޑުވަމުންނެވެ.

ޖަރުމަންގެ ހެނޯވާ މެޑިކަލް ސްކޫލުން ހެދި ދިރާސާއެއްގައި ބުނި ގޮތުގައި ޝޮޕިން އެޑިކްޝަން ނުވަތަ ކޮމްޕަލްސިވް ބާއިން ޑިސްއޯޑާ (ސީބީޑީ) އަކީ ވަރަށް ވެސް ނުރައްކާތެރި ހާލަތަކަށް މީހާ ވައްޓައިލާނެ ކަމެކެވެ. އެހެންވެ ފައިސާ މެނޭޖް ކުރުމާއި ބޭކާރު ހަރަދުތައް ނުކުރުމާއި ފަހަށް ރައްކާކުރުން ފަދަ ކަންކަން ދަސްކުރަން ޖެހެ އެވެ.

ދިރާސާ ޓީމްގައި ހިމެނުނު ޕްރޮފެސަރު އަދި ކްލިނިކަލް ސައިކޮލޮޖިސްޓް އެސްޓްރިޑް މުއެލާ ވިދާޅުވި ގޮތުގައި ޝޮޕިން އެޑިކްޝަނަކީ ހަމަ ހަގީގަތުގައި ވެސް ނަފުސާނީ މައްސަލައެއްގެ ގޮތުގައި މިހާރު ދެކެން ވެއްޖެ އެވެ. އަދި މީގެ ސަބަބުން ދިމާވާ ނަފުސާނީ މައްސަލަތައް މިހާރު ގައުމުތަކުގައި ގިނަވަމުންދާކަން ފާހަގަ ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ވެސް ނުރައްކާތެރި ކަމެއް. ޝޮޕިން އެޑިކްޝަނަކީ ނަފުސާނީ ވަކި ބައްޔެއް ކަމަށް ދެކިގެން އެކަމަށް ފަރުވާ ވެސް ހޯދުމަކީ ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ. "އެހެން ނޫން ކަމަށްވާ ނަމަ މީގެ ސަބަބުން ވަރަށް ބޮޑެތި ސިިއްހީ މައްސަލަތަކެއް ކުރިމަތި ވެދާނެ."

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޝޮޕިން އެޑިކްޝަނުގެ ސަބަބުން މީހާ އަށް ނޭދެވޭ އިތުރު ކަންތައްތައް ކުރިމަތި ވާނެ އެވެ. އެގޮތުން ފައިސާ އަށް ހަދާ ގޮތެއް ސާފުކޮށް ނުދެވުމާއި އޮޅުވައިލުމާއި ބޭކާރު ގޮތުގައި ފައިސާ ހަރަދު ކުރުން އާދަވުމުން، ދިރިއުޅުމުގެ އެހެން ކަންތައްތަކަށް މާލީ ގޮތުން ދަތިތައް ކުރިމަތިވުން ހިމެނެ އެވެ.

މި ދިސާރާ އަށް ތާއީދު ކުރި އިނގިރޭސިވިލާތުގެ ނޮޓިންހަމް ޓްރެންޓް ޔުނިވަސިޓީގެ ޕްރޮފެސަރު މާކް ގްރިފިތުސް ވެސް ވިދާޅުވި ގޮތުގައި ޝޮޕިން އެޑިކްޝަނަކީ ހަގީގަތެއް ކަމަށް ގަބޫލު ކުރަން ޖެހެ އެވެ. އަދި ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކާ އެކު ފައިސާ މެނެޖް ކުރަން ދަސްކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

"ހަމައެއާ މިކަމާ ގުޅޭ ގޮތުން އެބަ ޖެހޭ އިތުރު ހޯދުންތަކެއް ވެސް ހޯދަން. ޝޮޕިން އެޑިކްޝަނަކީ ރަސްމީކޮށް ނަފުސާނީ މައްސަލައެއް ކަމަށް ނިންމުމުގެ ކުރިން އިތުރަށް މިކަމާ ބެހޭ ގޮތުން ދިރާސާކޮށް، މީގެ އިތުރު ފުންމިނަށް ދާން ޖެހޭ." މާކް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ދާދި ފަހުން ވަނީ ވީޑިއޯ ގޭމް ކުޅެން ދެވި ހިފުމަކީ ވެސް ނަފުސާނީ ބައްޔެއް ކަމަށް ކަނޑައަޅައިފަ އެވެ. އެހެންވެ މުސްތަގުބަލުގައި ޝޮޕިން އެޑިކްޝަނަކީ ވެސް އެ ދަރަޖަ ރަސްމީކޮށް ދޭން ޖެހިދާނެ ކަމެއް ގަބޫލު ކުރެވޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.