ޕޮގްބާ މުސާރަ ބޮޑުކުރަން ޑިމާންޑްކޮށްފި
ޕޮގްބާ މުސާރަ ބޮޑުކުރަން ޑިމާންޑްކޮށްފި

މެންޗެސްޓާ (އޮގަސްޓް 8) - މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެ ޓީމުގައި މަޑުކުރަން ބޮޑު މުސާރައެއް ހޯދަން ޑިމާންޑްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބީ އަށް ފަހު ޕޮގްބާ މިހާރު ވަނީ އާ ސީޒަނަށް ޓީމާ ގުޅިފަ އެވެ. އެކަމަކު ޕޮގްބާގެ މުސްތަގުބަލާ މެދު ވަނީ މިހާރު ސުވާލުތަކެއް އުފެދިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޕޮގްބާގެ އޭޖެންޓް މިނޯ ރިއޯލާ ވަނީ އޭނާގެ ޓްރާންސްފާއާ ބެހޭ ވާހަކަތަކެއް ޔުވެންޓަސް އާއި ބާސެލޯނާއާ އެކު ކުރިއަށް ގެންގޮސްފަ އެވެ.

ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާސެލޯނާ އިން ޕޮގްބާ ހޯދަން ހުށަހެޅި 50 މިލިއަން ޔޫރޯ އާއި އެ ޓީމުގެ ކޮލަމްބިއާ ޑިފެންޑަރު ޔެރީ މިނާ އަދި ޕޯޗުގަލް މިޑްފީލްޑަރު އަންދްރޭ ގޯމޭސްގެ އޮފާ އަށް ޔުނައިޓެޑުން ވަނީ ނޫނެކޭ ބުނެފަ އެވެ. މިނާގެ މާކެޓް ވެލިއުކަމަށްވާ 20 މިލިއަން ޔޫރޯ އަދި ގޯމޭސްގެ 15 މިލިއަން ޔޫރޯގެ އަގާ ބަލާއިރު އެއީ 85 މިލިއަން ޔޫރޯ އެވެ. ޔުނައިޓެޑުން މީގެ ދެ އަހަރު ކުރިން ޕޮގްބާ ގަތީ 105 މިލިއަން ޔޫރޯ އަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ޗީފް އެގްޒެކްޓިވް އެޑް ވުޑްވާޑާއި ރިއޯލާ އަދި ޕޮގްބާ ވަނީ އިއްޔެ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ޕޮގްބާ ވަނީ ޔުނައިޓެޑުގައި އޭނާ މަޑުކުރުވާނަމަ ބޮޑު މުސާރައެއް ހޯދަން ޑިމާންޑްކޮށްފަ އެެވެ. އެ ގޮތުން ޕޮގްބާ ޑިމާންޑްކުރީ އަލެކްސިސް ސަންޗޭޒަށް ދޭވަރާ ގާތްކުރާ ވަރެއްގެ މުސާރަ އަކަށެވެ.

ޕޮގްބާ ޔުނައިޓެޑުގައި ހުރީ ހަފްތާ އަކު 290،000 ޕައުންޑުގެ މުސާރަ އަކަށެވެ. ސަންޗޭޒަށް ހަފްތާ އަކު 500،000 ޕައުންޑް ލިބެ އެވެ. ޕޮގްބާ ޑިމާންޑްކޮށްފައިވަނީ އޭނާގެ ކޮންޓްރެކްޓް އަލުން ބަދަލުކޮށް ހަފްތާ އަކު އޭނާ އަށް 400،000 ޕައުންޑް ލިބޭ މުސާރަ އަކަށެވެ.

ޔުނައިޓެޑަށް އެގޮތަށް އެއްބަސްނުވެވޭނަމަ އޭނާ ވިއްކާލަދޭން ވެސް ޕޮގްބާ ވަނީ އެދިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މިހާރު އަންނަނީ ޕޮގްބާ ހޯދަން ޔެރީ މިނާ އާއި އޮސްމާނޭ ޑެމްބެލޭ އަދި 40 މިލިއަން ޔޫރޯ ހުށަހަޅަން ތައްޔާރުވަމުންނެވެ. ބާސެލޯނާގެ އިތުރުން ޔުވެންޓަސް އިން ވެސް ޕޮގްބާ ހޯދަން ޝައުގުވެރިވެ އެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޕޮގްބާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ އެއް ސަބަބަކީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯއާ އެކު މަސައްކަތްކުރަން ބޭނުންނުވުމެވެ. މިދިޔަ ސީޒަނުގެ ތެރޭގައި ޕޮގްބާ އާއި މޮރީނިއޯއާ ދެމެދު މައްސަލަތަކެއް ޖެހުނު ކަމަށް އިނގިރޭސި މީޑިއާގައި ވާހަކަ ދެކެވުނުއިރު، ވޯލްޑް ކަޕްގެ ތެރެއިން ޕޮގްބާ ވަނީ މޮރީނިއޯ އާއި އޭނާއާ ދެމެދު ދެބަސްވުންތަކެއް އޮތް ކަމަށް ބުނެފަ އެވެ.

ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ވަނީ ޕޮގްބާ ވިއްކާލުމަކީ އެ ޓީމުން ހަދާނެ ވަރަށް ބޮޑު ގޯހެއް ކަމަށް ބުނެފަ އެވެ. އަދި މާދަމާ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އިތުރު ޑިފެންޑަަރަކު ގެންނަން ޖެހޭ ކަމަށް ވެސް ފާޑިނަންޑް ވަނީ ބުނެފަ އެވެ.