08 އޯގަސްޓް 2018 - 09:20

ލަންޑަން (އޮގަސްޓް 8) - ޗެލްސީގެ ބެލްޖިއަމް ގޯލްކީޕަރު ތިބައޫ ކޯޓުއާ އެ ޓީމު ދޫކޮށްލާނެތީ އެ މަގާމަށް އެތުލެޓިކް ބިލްބާއޯ އަށް ކުޅޭ ސްޕެއިނުގެ ޒުވާން ކީޕަރު ކެޕާ އަރިއްޒަބަލާގާ ގެންނަން ދުނިޔޭގެ ރެކޯޑް ބިޑެއް ކުރަން ޗެލްސީން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ކުރިން އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ހުރީ 2001 ވަނަ އަހަރު ޕާމާ އިން ޔުވެންޓަސް އަށް 53 މިލިއަން ޔޫރޯ (61 މިލިއަން ޑޮލަރު) އަށް ބަދަލުވި އިޓަލީގެ ޖިއަންލުއިޖީ ބުފޮން އެވެ. އެކަން ބަދަލުވީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ރޯމާ އަށް ކުޅޭ ބްރެޒިލްގެ ގޯލްކީޕަރު ގޯލްކީޕަރު އެލިސަން ބެކާ 72.5 މިލިއަން ޔޫރޯ (84.4 މިލިއަން ޑޮލަރު) އަށް ގެނައުމުންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީ އަށް އުމުރުން 23 އަހަރުގެ ކެޕާ ވިއްކާލަން ބިލްބާއޯ އިން ކިޔަނީ 91 މިލިއަން ޑޮލަރަށެވެ. މި ޑީލް ކާމިޔާބުވެއްޖެނަމަ ކެޕާ ވެގެންދާނީ ދުނިޔޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ އަގުބޮޑު ގޯލްކީޕަރަށެވެ.
ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ލިވަޕޫލަށް ބަދަލުވުމުގެ ކުރިން އެލިސަން ގެންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެ މަސައްކަތް ކާމިޔާބު ނުވުމުން ދެން ސާރީ މަސައްކަތްކުރީ ކޯޓުއާ އެ ޓީމުގައި މަޑުކުރުވުމަށެވެ. އެހެން ނަމަވެސް ވޯލްޑް ކަޕްގެ ޗުއްޓީ އަށް ފަހު ޓީމާ އަލުން ގުޅެން ކޯޓުއާ ދަނީ ދެކޮޅު ހަދަމުންނެވެ. އާއިލީ ސަބަބުތަކަކާ ހުރެ ކޯޓުއާ ރެއާލަށް ބަދަލުވާން ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓް ކްރިސްޓޮފް ހެންރަޓޭ ވަނީ ބުނެފަ އެވެ.
ކޯޓުއާ މަޑުނުކުރާނެކަން ޔަގީންވުމުން ޗެލްސީން ފުރަތަމަ މަސައްކަތްކުރީ އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ޔެން އޮބްލަކް ގެންނާށެވެ. އެކަމަކު އޭނާ އެއްވެސް އަގެއްގައި ވިއްކާލަން އެތުލެޓިކޯ އިން ބޭނުންނުވާކަން އެނގުމުން ޗެލްސީން މިސްރާބު ޖެހީ ކެޕާ ގެންނާށެވެ. ޗެލްސީގެ ބޯޑުން ސްޓޯކް ސިޓީ އަށް ކުޅޭ އިންގްލެންޑްގެ ގޯލްކީޕަރު ޖެކް ބަޓްލަންޑް ގެންނަން ލަފާދިން ނަމަވެސް ސާރީ އެ ގޮތެއް ބޭނުމެއްނުވި އެވެ.
ރިޕޯޓްތައް ބުނާގޮތުން ރެއާލުން ކޯޓުއާ ގަންނަން ކިޔާ އަގާ މެދު ޗެލްސީ ހިތްހަމަ ނުޖެހެ އެވެ. ކޯޓުއާގެ ކޮންޓްރެކްޓްގައި އެއް އަހަރު ބާކީ އޮތްއިރު ޗެލްސީން އޭނާ ވިއްކާލަން ކިޔަނީ 50 މިލިއަން ޑޮލަަރަށެވެ. އެކަމަކު ރެއާލުން ބޭނުންވަނީ 34 މިލިއަން ޑޮލަރު ދިނުމަށް ފަހު ކޯޓުއާ ގެންނާށެވެ. އެކަމަކު އެ ހިސާބުން މަޝްވަރާތައް ކުރިއަށް ނުދާތީ ރެއާލުން މިހާރު ބޭނުންވަނީ އަގުހެޔޮކޮށް ކޯޓުއާ ގެނައުމަށް ފަހު ޗެލްސީ އަށް ލޯން އެއްބަސްވުމެއްގެ ދަށުން ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް ދިނުމަށެވެ. އެ ޑީލާ މެދު ޗެލްސީން އަދި ވަކިގޮތެއް ނުނިންމަ އެވެ. އޭގެ ކުރިން ޗެލްސީން ބޭނުންވަނީ ކެޕާގެ ޓްރާންސްފާ ކަންތައް ނިންމާލާށެވެ.