07 އޯގަސްޓް 2018 - 23:34

ތަރައްގީގެ މަޝްރޫއުތަކަށް ވުރެ ކުރިން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އަދުލް އިންސާފު ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ލ. ގަމުގައި މިރޭ ވިދާޅުވެއްޖެ އެވެ.
އެ ރަށުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އަންނަ މަހުގެ 23 ގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރަށްރަށަށް ކުރަމުން އަންނަ ދަތުރުތަކުން ރައްޔިތުންގެ ހަގީގީ ހާލަތު އެނގިގެންދާ ކަމަށެވެ. އެހެންވެ އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަމުން އަންނަނީ ދަތިތަކާއި އުނދަގޫތައް ފިލުވައިދިނުމަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަރައްގީގެ މަޝްރޫއުތަކަށް ވުރެ ކުރިން އަދުލް އިންސާފާއި މިނިވަންކަން ބޭނުންވާކަން ރައްޔިތުންގެ މެސެޖުތަކުން އެނގިގެން ގޮސްފައިވާ ކަމަށެވެ.
"..މަސައްކަތް މި ކުރަނީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ދިމާވެފައި ހުރި ތަފާތު އެކި ދަތިތަކާއި އުނދަގޫތައް ފިލުވައިދޭން. ކޮންމެ ބަޔަކަށް ވެސް އެ ބަޔަކަށް ހައްގުވާ މިންވަރު ހޯދައިދިނުމަށް. މިހުރިހާ ކަމެއްގެ ކުރިން އަޅުގަނޑުމެން ރަށްތަކަށް އަތޮޅުތަކަށް ރައްޔިތުންނާ ބައްދަލުކުރުމުން ލިބިގެންދާ މެސެޖަކީ ތަރައްގީގެ މަޝްރޫއުތަކާ މިހުރިހާ ކަމަކަށް ވުރެ ކުރިން ހުރިހާ އެންމެން ވެސް ބޭނުންވަނީ އަދުލު އިންސާފުކަން، މިނިވަންކަން، ހަމަހަމަކަން،" އަލީ ޒާހިރު ވިދާޅުވި އެވެ.
ރައްޔިތުންގެ ހިތްތަކުގައި ސަރުކާރުން ބިރުވެރިކަން އުފައްދާފައިވާ ކަމަށާއި ތަރައްގީ ބޭނުންވަނީ، އެ މައްސަލަތައް ހައްލުކޮށްދިނުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެވޭނެ ބޭފުޅަކީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އަދުލް އިންސާފު ހޯދައިދީ ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމަކީ، އިދިކޮޅު ކޯލިޝަންގެ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަފާތު އެކި ގޮތްގޮތުން ރައްޔިތުންގެ ހިތްތަކާއި ސިކުނޑިތަކާ ކުޅުމަށް ވާދަވެރިން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އަމިއްލަ ޒަމީރު ގަބޫލުކުރާ ގޮތް ބަދަލުނުކުރުމަށް އަލީ ޒާހިރު ވަނީ އެދިވަޑައިގެންފަ އެވެ.
"އެއްވެސް މީހަކު ދިއްކުރާ ސިޓީ އުރައަކަށް ނުވަތަ ދިއްކޮށްލާ ޓިކެޓަކަށް ނުވަތަ ހުށަހަޅާ ވަޒީފާއަކަށް، ތިބޭފުޅުން ޒަމީރު ގަބޫލުކުރާ ގޮތް ބަދަލުނުކުރާށޭ. ޒަމީރު ގަބޫލުނުކުރާ ކަމެއް ނުކުރާށޭ މާދިއްޔަތަށް ހެއްލިގެން މުސްތަގުބަލު ދޫކޮށްނުލާށޭ،" އަލީ ޒާހިރު ވިދާޅުވި އެވެ،