މި ތަރުޖަމާނަށް 80 އަށް ވުރެ ގިނަ ބަސް އެނގޭ
މި ތަރުޖަމާނަށް 80 އަށް ވުރެ ގިނަ ބަސް އެނގޭ

ބީރައްޓެހި ގައުމުތަކަށް ދަތުރުކުރުމުގައި އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ބަސް ނޭނގުމެވެ. ހަތަރެސްފައިން ހަރަކާތްކޮށްގެން ދައްކާ ވާހަކައިން ގިނަ ފަހަރަށް ފުރިހަމަ މާނަ ދޭހަނުވެ އެތައް ތަކުލީފުތަކަކާ ކުރިމަތިލާންޖެހެއެވެ. މިހެން ދިމާވެދާނެތީ އެކި ފެންވަރުގެ ޓްރާންސްލޭޓަރުތައް ބާޒާރުގައި ވިއްކަން ހުރެއެވެ. ޓްރެވިސް ޓަޗް ޓްރާންސްލޭޓަ އަކީ މީގެ ތެރޭން އާޓިފިޝަލް އިންޓަލިޖެންސާއެކު މަސައްކަތްކުރާ އާލާތެކެވެ.

އަތަށް ހެޔޮވަރު ކުޑަ ފޯނެއްގެ ބައްޓަމަށް އޮންނަ މި ޓްރާންސްލޭޓަރު ފަރުމާކޮށްފައިވަނީ ޓަޗް ސްކްރީނަކާއެކުއެވެ. މުނިފޫހިފިލުވުމަށް ނުވަތަ ވިޔަފާރި ދަތުރެއްގައި ނުވަތަ ބޭސް ދަތުރެއްގައި ގައުމަކަށް ދަތުރުކުރިޔަސް މިއީ ގެންގުޅެން ފަސޭހަ އެއްޗެކެވެ. ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުން އެ އަޑަށް ރިއާޔާތްކޮށް، އެ ބުނި ޖުމުލައެއް، އިޚުތިޔާރުކުރާ ބަހަކުން ތަރުޖަމާކޮށް އިއްވައިދޭނެއެވެ. މީގެ ޓްރާންސްލޭޓަރުން 80އަށްވުރެ ގިނަ ބަސް ތަރުޖަމާކޮށްދޭ ކަމަށްވެއެވެ. ސްޕެނިޝްއާއި ފަރަންސޭސިއާއި އަރަތްބާއި އިގިރޭސިއާއި ރޫސީ ބަހުން ފެށިގެން އެފްރިކާގެ އެކި ހިސާބުތަކުގައި މީހުން ވާހަކަދައްކާ އުޅޭ ބައެއް ބަސްބަހުގެ ތަރުޖަމާ ވެސް މިއިން ލިބެން ހުރެއެވެ.

ސްމާޓްފޯން އެޕްތަކުގެ އެހީގައި ވެސް ތަރުޖަމާކުރެވެން ހުރެއެވެ. އެކަމަކު ޓްރެވިސް ޓްރާންސްލޭޓަރުގެ ހާއްސަ ކަމަކީ މީގައި އެކުލެވޭ މައިކަށް ވާހަކަދެއްކުމުން އަޑު ނަގައިދީ، މީގައި ހިމެނޭ ސްޕީކަރުން ސާފު ބަހުން އެ އަޑު ތަރުޖަމާކޮށް އިއްވައިދޭ ކަމެވެ. މިއީ މީހުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެކަކު އަނެކަކާ އަނގަބަހުން މުއާމަލާތުކުރުމަށް ހިއްވަރުދޭ އުފެއްދުމެކެވެ.

މިހާތަނަށް ޓްރެވިސް ޓްރާންސްލޭޓަރު ބޭނުންކޮށްފައިވާ މީހުންގެ ތެރޭގައި ވިޔަފާރި ދަތުރުތަކުގައި ގައުމުތަކަށް ދާ ވިޔަފާރިވެރިންނާއި ބީރައްޓެހި ގައުމުތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ތައުލީމުގެ ބޭނުމުގައި ހިޖުރަކުރާ މީހުންނާއި، ބިދޭސީ އާއިލާއަކާ ކާވެނީގެ ގޮތުން ގުޅޭ މީހުންނާއި، ހަގުރާމަ އާއި ދަތި ހާލުގެ ސަބަބުން އެހެން ގައުމުތަކަށް ރެފިޔުޖީންގެ ގޮތުގައި ހިޖުރަކުރާ މީހުންނާއި އެފަދަ މީހުން އުޅޭ ގައުމުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރަންދާ އިޖުތިމާއީ ޚިދުމަތްތެރިން ހިމެނެއެވެ.

ޓްރެވިސް ޓްރާންސްލޭޓަރަކީ ޖީބުގައި ރައްކާކުރެވޭހާ ކުޑަ އާލާތެކެވެ. ތަރުޖަމާކުރަން ބޭނުންވާ ދެ ބަސް ފަސޭހައިން އިޚުތިޔާރުކުރެވެއެވެ. އޮފްލައިންގައި 20 ބަސް ތަރުޖަމާކުރެވެއެވެ. އޮންލައިންވުމުން މުޅި ޖުމުލަ 80 ބަސް ތަރުޖަމާކުރެވެން ހުރެއެވެ. ވައިފައި އާއި ބްލޫޓޫތާއި 3ޖީއިން މިއަށް ގުޅޭތީ މިއީ މިޒަމާނަށް ފެތޭ މުހިއްމު އުފެއްދުމެއްކަމަށް ގަބޫލުކުރެވެއެވެ. މީގެ އިތުރުން ބެޓެރީގެ ބާރު ސްޓޭންޑްބައިގައި ހަފުތާއެއްވަންދެން ހުރެއެވެ. އޮންލައިންކޮށް ބޭނުންކުރާނަމަ ހަ ގަޑިއިރު މެދުކެނޑުމެއްނެތި ބޭނުންކުރެވެއެވެ. އޮފްލައިންކޮށް ނަމަ ބެޓެރީގެ ބާރު، 12 ގަޑިއިރަށް ހުރެއެވެ. ހުޅުވާނިވާކަށް ވެސް މާބޮޑު މަސައްކަތްތަކެއް ކުރަން ނުޖެހޭތީ މިއީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް އެކަށީގެންވާ އުފެއްދުމެކެވެ.