އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް ޔޫރަޕް އީރާނާ އެކު
އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް ޔޫރަޕް އީރާނާ އެކު

ބްރެސަލްސް (އޮގަސްޓް 7) - އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އެ ގައުމާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން ދަމަހައްޓާނެ ކަމަށް ޔޫރަޕުގެ އިސް ޑިޕްލޮމެޓުން ބުނެފި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ފެޑެރިކާ މޮގެރިނީ ވިދާޅުވީ ޖަރުމަން، ފްރާންސް އަދި އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރުން ތިއްބެވީ 2015 ވަނަ އަހަރު އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން ދަމަހައްޓަން ތައްޔާރަށް ކަމަށެވެ.

"ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ހިތާމަކުރަން،" އީޔޫގެ ގުޅިފައިވާ ބަޔާނުގައި ބުނެފައިވެ އެވެ. "އީރާނުގެ ނިއުކްލިއާ އެއްބަސްވުން ދެމެހެއްޓުމަކީ ބައިނަލްއަގުވާމީ އެއްބަސްވުންތަކަށް އިހްތިރާމް ކުރުމާއި ބައިނަލްއަގުވާމީ ސަލާމަތާ ގުޅިފައިވާ ކަމެއް."

އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ފަހު ޓްރަމްޕް ވަނީ އެއްވެސް ގައުމަކުން ތެހެރާނާ އެކު ވިޔަފާރި ނުކުރަން އިންޒާރު ދެއްވައިފަ އެވެ.

އެމެރިކާ އިން މިއަދު އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް ޓާގެޓްކޮށްފައި ވަނީ އީރާނުގެ މަރުކަޒީ ބޭންކަށާއި ކާރާއި ކާޕެޓް ފަދަ އިންޑަސްޓްރީ ތަކަށެވެ. ނޮވެމްބަރު 5 ވަނަ ދުވަހު އަޅާ ދެ ވަނަ ފިޔަވަހި ޓާގެޓް ކުރާނީ އީރާނުގެ ތެލުގެ އިންޑަސްޓްރީއަށެވެ.