ކްރެޑިޓް ނުދެވުނު މައްސަލާގައި އަޖޭ ދޭވްގަން މާފަށް އެދިއްޖެ
ކްރެޑިޓް ނުދެވުނު މައްސަލާގައި އަޖޭ ދޭވްގަން މާފަށް އެދިއްޖެ

ބަތަލާ ކާޖޮލްގެ 44 ވަނަ އުފަން ދުވަހާ ދިމާކޮށް އާދީއްތަ ދުވަހު ރިލީޒް ކުރި، އޭނާގެ އާ ފިލްމް "ހެލިކޮޕްޓާ އީލާ" ގެ ޓްރެއިލާގައި ފިލްމުގެ ލަވަތަކުގެ ޅެންތައް ހަދައިދިން ސްވަނަންދު ކިރްކިރޭ އަށް ކްރެޑިޓް ނުދެވި ހުރި މައްސަލާގައި ފާޑުކިޔުންތައް އަމާޒުވުމުން ޕްރޮޑިއުސަރު އަދި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން މާފަށް އެދިއްޖެ އެވެ.

އަޖޭ ކުރި ޓްވީޓެއްގައި ބުނީ ސްވަނަންދުގެ ނަން ޓްރެއިލާގައި ނުހިމެނުނީ އޮޅުމަކުން ކަމަށާއި އެކަން މިހާރު ރަނގަޅުކޮށްފައިވާ ކަމަށެވެ. ސްވަނަދްނަކީ "3 އިޑިއަޓްސް" އާއި "ޕަރިނީތާ" އަދި "ޕެޑްމޭން" ފަދަ އެތައް ފިލްމަކަށް ލަވަތައް ހަދައި ދީފައިވާ މަޝްހޫރު ޅެންވެރިއެކެވެ.

އޭނާ އަށް "ހެލިކޮޕްޓާ އީލާ" ގެ ޓްރެއިލާގައި ކްރެޑިޓް ނުދިން މައްސަލަ އެންމެ ފުރަތަމަ ފެންމަތިކުރީ ދާދި ފަހުން ނެޓްފްލިކްސް އިން ސްޓްރީމް ކުރި ސައިފް އަލީ ހާންގެ ކާމިޔާބު ވެބް ސީރީޒްގެ "ސެކްރެޑް ގޭމްސް" އާއި "މަސާން" ފަދަ ފިލްމްތަކުގެ ސްކްރީންޕްލޭ ލިޔުނު ވަރުން ގްރޯވާ އެވެ.

އޭނާ ކުރި ޓްވީޓެއް ބުނީ ފިލްމްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރި އެންމެންނަށް ކްރެޑިޓް ދިން އިރު ޅެންވެރިޔާގެ އަށް ކްރެޑިޓް ނުދި އިހުމާލުވުމަކީ ބަޔަކު ކުރި މަސައްކަތްތަކުގެ އަގުވަޒަން ނުކުރުން ކަމަށާއި އެއީ ލަދުވެތި ކަމެއް ކަމަށެވެ.

ބޮލީވުޑަކީ އަބަދުވެސް ލިޔުންތެރިންނަށް ހައްގުވާ މަގާމު ނުދޭ ކަމުގެ ތުހުމަތު އެޅުވިފައިވާ އިންޑަސްޓްރީއެކެވެ. އެގޮތުން މިފަދަ މައްސަލަތަކުގައި ކޯޓަށް ދިއުމަކީ ވެސް އާންމު ކަމެކެވެ.

ނަމަވެސް ކްރެޑިޓް ނުދެވުނު މައްސަލާގައި އަޖޭ މައާފަށް އަދި މައްސަލަ ހައްލުކޮށް ދިނުމުން ސްވަނަންދު ވަނީ އަޖޭކޮށް ދިން މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

އަންނަ މަހުގެ 7 ގައި ރިލީޒް ކުރާ "ހެލިކޮޕްޓާ އީލާ" އަކީ އަޖޭ އާއި ޖަޔަންތިލާލް ގާޅާ ޕްރޮޑިއުސްކޮށްފައިވާ ފެމިލީ ޑްރާމާއެކެވެ.

ޕްރަދީޕް ސަރްކާރު ޑައިރެކްޓްކޮށްފައިވާ ފިލްމްގައި ކިޔައި ދޭނި އޯވަ-ޕްރޮޓެކްޓިވް އެކަނިވެރި މަޔަކާއި އޭނާގެ ޒުވާން ފިރިހެން ދަރިއެއްގެ ވާހަކަ އެވެ. މި ފިލްމްގައި ކާޖޮލްގެ ދަރިފުޅުގެ ރޯލް އަދާކޮށްފައި ވަނީ މި އަހަރު އެންމެ މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ހޯދި ރިދީ ސެން އެވެ.