ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބައޮގްރަފިކަލް ޑްރާމާތަކަށް ބެލުންތެރިން ދޭ ތަރުހީބު ބޮޑެވެ. އޭގެ ފިލްމްތައް ބޮލީވުޑްގައި ހަދާ މިންވަރު ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ވެސް އެންމެ ރަނގަޅު ވިޔަފާރިއެއް ކުރި އެއް ފިލްމަކީ ބައޮޕިކެކެވެ. އެއީ އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ ވާހަކަ ކިޔައި ދިން "ސަންޖޫ" އެވެ.

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރަންބީރު ކަޕޫރް ސަންޖޭގެ ރޯލް ކުޅުނު ފިލްމަށް ބޮކްސް އޮފީހުގައި 579.59 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ. ރާޖްކުމާރް ހިރާނީ ޑައިރެކްޓް ކުރި "ސަންޖޫ" ހަދަން ހަރަދު ކުރީ 100 ކްރޯޑް ރުޕީސް އެވެ.

އަންނަ އަހަރަކީ ވެސް ހިންދީ ސިނަމާ އަށް ބައޮޕިކްތައް އަންނާނެ އަހެރެކެވެ.

އަނިލް ކަޕޫރްގެ ބައޮޕިކަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ދިން ޖަވާބަކީ މިއެވެ؛ އަހަރެންގެ ވަރަށް ފޫހި ވާނެ އެވެ. ބަޔަކު ޝައުގުވެރިކަމާ އެކު ބަލާނެ އެއްޗެއް އެއަކު ނުހުންނާނެ އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި "ފަނޭ ހާން" ގެ އެކްޓަރު ބުނި ގޮތުގައި އޭނާގެ ހަޔާތަށް ބަލާ އިރު، ޑައިރެކްޓަރުން/ޕްރޮޑިއުސަރުން ޝައުގުވެރިވެގެން ކިޔައިދޭ ކަހަލަ ހާދިސާއެއް ވެސް ހަޔާތުގައި ހިނގައިފައެއް ނެތެވެ.

"އަހަރެންގެ ހަޔާތުގައި ނެތް ކޮންޓްރަވަސީތަކެއް ވެސް. އެހެންވެ ބަޔަކު އަހަރެންގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދާކަށް ވެސް ބޭނުމެއް ނުވާނެ،" އުމުރުން 61 އަހަރުގެ އެކްޓަރު ބުންޏެވެ.

އަނިލްއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނާ ބޮޑަށް މަޝްހޫރު އަބަދަށް ޒުވާން އެކްޓަރެއްގެ ގޮތުގަ އެވެ. އުމުރުން ދުވަސް ވިޔަސް އަނިލްގެ ސިފައަކުން އެކަމެއް ނުދައްކަ އެވެ.

ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރްމާ ބޮޑަށް ނެރޭ ފިލްމް "ލަވްރާތުރީ" ގެ ޓްރެއިލާ މިހާރު ވަނީ ބެކުންތެރިންނަށް ދައްކާލައިފަ އެވެ. އަބިރާޖް މިނަވާލް ޑައިރެކްޓްކޮށްފައިވާ މި ލޯބީގެ ފިލްމްގައި އާޔޫޝްއާ އެކު ބަތަލާއެއްގެ ގޮތުން ފެނިގެން ދާނީ އަލަށް ތައާރަފުވަ ވަރީނާ ހުސައިނެވެ.

ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި މަޝްހޫރު ޓީވީ އެކްޓަރުން ކަމަށްވާ ރޯނިތު (ބަޖާޖް) ރޯއި އާއި ރާމް ކަޕޫރް ހިމެނެ އެވެ. އަދި ފިލްމްގެ ހާއްސަ ފެނިލުންތަކުން ސަލްމާނާއި އޭނާގެ ދެބޭން ކަމަށްވާ އަރްބާޒާއި ސޮހައިލް ހާން ވެސް ފެނިގެން ދާނެ އެވެ.

ސަލްމާން ހާން ފިލްމް (އެސްކޭއެފް) އިން ގެނެސްދޭ "ލަވްރާތުރީ" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު މަހުގެ 5 ގަ އެވެ.

ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ބަތަލާ ކިއާރާ އަދްވާނީ ޝާހިދު ކަޕޫރާ އެކު ވީޑިއީ ލަވައެއް ކުޅެފި އެވބެ. މި ލަވައަކީ މީގެ ކުރިން ވެސް ހިތްގައިމު އެތައް ވީޑިއޯ ލަވައެއް ބެލުންތެރިންނަށް ގެނެސް ދީފައިވާ ޓި ސީރީޒުން ގެނެސްދޭ ލަވައެކެވެ.

ދާދި ފަހުން ޝޫޓްކޮށް ނިންމައިލި ލަވައަކީ 1994 ގައި ރިލީޒް ކުރި ތަމަޅަ ފިލްމް "ކަދަލަން" ގައި ހިމެނޭ "އުރްވަޝީ އުރުވަޝީ" ލަވައިގެ އާ ވާޝަނެކެވެ. އެއީ އޭއާރް ރަހްމާންގެ މިއުޒިކަށް ހަދާފައިވާ ލަވައެކެވެ.

ލަވައިން ކުރިން ފެނިފައި ވާނީ ޕްރަބޫދޭވާ އާއި ނަގްމާ އެވެ.

ޔޯ ޔޯ ހަނީ ސިންގްގެ ފަހުގެ މިއުޒިކަށް ހަދާފައިވާ އާ ލަވައިން ޝާހިދާއި ކިއާރާގެ ވަރަށް ވެސް ހިތްގައިމު ސްޓެޕްތަކެއް ފެނިގެން ދާނެ އެވެ.

ޝާހިދަކީ ބޮލީވުޑްގައި ތިބި ކުޅަދާނަ ނެށުންތެރިންގެ ތެރެއިން އެކެކެވެ.

އާ ލަވައިން އޭނާ އާއި ކިއާރާގެ ކެމިސްޓްރީ ވެސް ބަލައިލަން މިހާރު ފޭނުން ވެސް ތިބީ ކެތްމަދުވެފަ އެވެ. ކިއާރާ ދާދި ފަހުން ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ "ގުޑް ނިއުސް" އަށް ސޮއިކޮށްފަ އެވެ. އަންނަ އަހަރުގެ އެޕްރީލް 19 ގައި ރިލީޒް ކުރާ "ކަލަންކް" އިން ވެސް ކިއާރާ ފެނިގެން ދާނެ އެވެ.

ޝާހިދުގެ "ބައްތީ ގުލް މީޓަރު ޗާލޫ" އަންނަ މަހުގެ 21 ގައި ސިނަމާތަކަށް އަންނާނެ އެވެ.

މަޝްހޫރު ޒީ ނެޓްވޯކްގެ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 އިން ދާދި ފަހުން ސްޓްރީމް ކުރަން ފެށި ބަތަލާ ސަނީ ލިއޯނީގެ ވާހަކަ ކިޔައިދޭ "ކަރެންޖީތު ކޯރް: ދި އަންޓޯލްޑް ސްޓޯރީ އޮފް ސަނީ ލިއޯނީ" އަށް ވަނީ ބޮޑު ތަރުހީބެއް ލިބެން ފަށައިފަ އެވެ.

ކްރިޓިކުންނާއި ބެލުންތެރިން ވެސް ވަނީ އެ ގެނެސްދީފައިވާލެއް ވަރަށް ފުރިހަމަ ކަމަށާއި ބައޮޕިކެއް ހަދާ ނަމަ މިއީ ނަމޫނާއަކަށް ބަލަންޖެހޭ ކަހަލަ މަސައްކަތެއް ކަމަށް ބުނެފަ އެވެ.

"ކަރެންޖީތު ކޯރް: ދި އަންޓޯލްޑް ސްޓޯރީ އޮފް ސަނީ ލިއޯނީ" ގައި ސަނީގެ ޓީނޭޖް ދުވަސްވަރާއި އޭނާ ބޮލީވުޑްގެ ނަން ހިނގާ ބަތަލާއަކަށް ބަދަލުވެގެންދާ ގޮތް ކިޔައި ދީފަ އެވެ. މީގައި ސަނީގެ ރޯލް ވެސް ކުޅެފައި ވަނީ އޭނަ އެވެ. އަދި ސަނީގެ އިންޓަވިއުތައް ވެސް ހިމަނާފައިވެ އެވެ.

ކެނެޑާ އަށް އުފަން ސަނީގެ އަސްލު ނަމަކީ ކަރެންޖީތު އެވެ.