07 އޯގަސްޓް 2018 - 12:45

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫ ސިޓީގައި ކުރިއަށްގެންދާ ކޮކާކޯލާ "ރަން އިން އައްޑޫ" އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ އެކްސްޕޯ ބުރާސްފަތި އަދި ހުކުރު ދުވަހު އޮންނާނެ އެވެ.

އެކްސްޕޯ އޮންނާނީ ބުރާސްފަތި ދުވަހު މެންދުރުފަހު 3 އިން 6 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3 އިން ރޭގަނޑު 12 އަށް އައްޑޫ ސިޓީ ކައުންސިލްގަ އެވެ. ކުރިއާ ހިލާފާށް ދެ ދުވަހަށް މި ފަހަރު އެކްސްޕޯ ކުރިއަށްގެންދާއިރު ބިބާއި ރޭސް ކިޓް ދޫކުރުމުގެ އިތުރުން ހާއްސަ ކަންތައްތަކެއް އޮންނާނެ އެވެ. އެގޮތުން އައްޑޫ އަންހެނުންގެ ކޮމިޓީއާ ގުޅިގެން ރޭހުގެ ބައިވެރިންނަށް އައްޑޫއާ ގުޅުން ހުރި ދިވެހި އުފެއްދުންތައް ގަންނަން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
މި ފަހަރުގެ އިވެންޓުގައި 400 އެއްހާ ދުވުންތެރިން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން 42 ކިލޯމީޓަރު ދުވަން ޖެހޭ މެރެތަންގައި 20 ދުވުންތެރިން ބައިވެރިވެފައިވާއިރު ހާފް މެރެރަންގައި ދުވާނީ 70 ދުވުންތެރިންނެވެ. އަދި 10 ކިލޯމީޓަރު އިވެންޓުގައި 100 އަށް ވުރެ ގިނަ ދުވުންތެރިން އަދި ފަސް ކިލޯމީޓަރު އިވެންޓުގައި 200 އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފަ އެވެ.
ކުރިއާ ހިލާފަށް މި ފަހަރު ހުރިހާ އިވެންޓެއްގެ ސްޓާޓް ޕޮއިންޓާއި ފިނިޝިން ޕޮއިންޓް ގާއިމްކުރަން ހަމަޖެހިފައިވަނީ ހިތަދޫގައި ހުންނަ ސިޓީ ކައުންސިލް އިދާރާ ކުރިމަތިންނެވެ. މެރެތަން ރޭސް ފަށާނީ މެންދަމު 2 ޖަހާއިރެވެ. ހާފް މެރެތަން ރޭސް ފަތިހު 5 ޖަހާއިރު ފަށާއިރު 10 ކިލޯމީޓަރު ރޭސް ފަށާނީ ހެނދުނު 6 ޖަހާއިރެވެ. އަދި ފަހު އިވެންޓް ނުވަތަ ފަސް ކިލޯމީޓަރު ރޭސް ފަށާނީ ހެނދުނު 7 ޖަހާއިރެވެ. އޭގެ ކުރިން 10 ވަނަ ދުވަހު ހަވީރު އޮންނާނީ ކުޑަކުދިންގެ ދުވުމާއި އުމުރުންދުވަސްވީ މީހުންގެ ހިނގުމެވެ.
ޓީއެފްޖީން ރޭހުގެ ރަޖިސްޓްރޭޝަން ކުރިއަށްގެންދިޔައީ ގޯޓުރޭސް ވެބްސައިޓް މެދުވެރިކޮށެވެ. އެކަމަކު އައްޑޫ ސިޓީގައި ފަލަކް ސްޕޯޓްސްގެ އެހީތެރިކަމާ އެކު މެނުއަލީ ވެސް ރަޖިސްޓްރޭޝަން ކުރިއަށްގެންދިޔަ އެވެ. ޓީއެފްޖީން ވަނީ ފަލަކް ސްޕޯޓްސް އާއި އައްޑޫ ލައިވް އިން ލިބުނު އެހީތެރިކަން ފާހަގަކޮށްފަ އެވެ.
ހުޅުމާލޭ ލޯންގް ރަންއެކޭ އެއްގޮތަށް މި ފަހަރު ވެސް ޓައިމިން ބަލާނީ ބިބުގައި ހަރުކުރާ އިލެކްޓްރޯނިޗް ޗިޕް މެދުވެރިކޮށެވެ. ރޭސް ނިންމާ ދުވުންތެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފާއިރު މެރެތަން ފުރިހަމަކުރާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ލިބޭނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް ހިންގާ ކުންފުނިން ދުވުމުގެ އިވެންޓްތައް ބާއްވަން ފެށީ 2013 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގަ އެވެ. އެކަމަކު ރަން އިން މޯލްޑިވްސްގެ ނަމުގެ މި އިވެންޓްތައް މިދިޔަ އަހަރު އަތޮޅުތެރެއަށް ފުޅާކުރި އެވެ. އެގޮތުން އައްޑޫ ސިޓީގެ އިތުރުން ލ. އަތޮޅުގައި ވެސް ވަނީ ބާއްވައިފަ އެވެ.