07 އޯގަސްޓް 2018 - 14:34

ލޯންޗް ފަހަރު ދުއްވާ ކެޕްޓަނުންނަށް ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އެލިއާ އިންވެސްޓްމަންޓާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެން ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ކުރިޔަށް ގެންދާ "ބޯޓު އޮޕަރޭޓާސް ޓްރެއިނިން 2018" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަމުން އެލިއާގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަލާއު މިއަދު ވިދާޅުވީ ތަމްރީންތަކުގެ މައިގަނޑު މަގުސަދަކީ ކަނޑު އުޅަނދުތައް ދުއްވާ ކެޕްޓަނުން ހޭލުންތެރިކޮށް، ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މައުލޫމާތު ދިނުން ކަމަށެވެ.

"ބޯޓުގައި ދަތުރު ކުރާ ޕެސެންޖަރުންގެ ސަލާމަތަކީ އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭ ކަމެއް. މި ތަމްރީންތަކުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް މިއީ،" އަލާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަނޑު އުޅަނދުފަހަރުން ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބި ބަޔަކީ އުޅަނދު ދުއްވާ މީހުން ކަމަށެވެ. އަދި އެ މީހުންނަކީ ފުރިހަމަ މައުލޫމާތާއި ތަމްރީން ލިބިފައި ތިބި ބަޔަކަށް ވާން ޖެހޭނެ ކަމަށް ވެސް އަލާއު ވިދާޅުވި އެވެ.
ރާއްޖޭގައި ޔަމަހާގެ އުފެއްދުންތައް ވިއްކާ އެލިއާ އިން ފަސް ވަނަ ފަހަރަށް ބާއްވާ މި ތަމްރީން ޕްރޮގްރާމުގައި މި އަހަރު 43 މީހުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވެ އެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ތަމްރީން ދެނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީސް އާއި ކޯސްޓް ގާޑުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔަމަހާގެ ގްރޫޕް މެނޭޖަރު އޮޓްސުކީ ކެންޖީ ވިދާޅުވީ ދިހަ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ ޓްރެއިނިން ޕްރޮގްރާމްގެ ސަބަބުން ވަރަށް ގިނަ މައުލޫމާތު އުޅަނދުފަހަރު ދުއްވާ މީހުންނަށް ލިބޭނެ ކަމަށެވެ.
"މުޅި ދުނިޔޭގައި ޔަމަހާ އިންޖީނު އަންނަނީ ޑޮމިނޭޓްކުރަމުން. ޔަމަހާ ރާއްޖޭގެ ބްރާންޗުން ހޯދަމުން އަންނަ ކުރިއެރުންތަކަށް ޔަމަހާ ކުންފުނިން ވަރަށް އުފާކުރަން. އަދި ކަސްޓަމަރުންގެ އިތުރުވަމުން އަންނަ މިންވަރާއެއް ވަރަކަށް މަގުބޫލްކަން ވެސް އިތުރުވަމުން އަންނީ. އެލިއާއަކީ ޔަމަހާގެ އުފެއްދުންތައް ވިއްކާ މި ސަރަހައްދުގެ އެންމެ ރަނގަޅު އެއް ޑިސްޓްރިބިއުޓަރު،" އޭނާ ވިދާޅުވި އެވެ.
އޮޓްސުކީ ވިދާޅުވީ އައުޓްބޯޑު އިންޖީންތަކަށް ސާވިސްދޭ ތަނާއި ވަސީލަތްތައް ވެސް އެލިއާ އިން ގާއިމުކޮށްފައި ވަނީ ވަރަށް މަތީ ފެންވަރެއްގައި ކަމަށެވެ.
ޔަމަހާގެ އުފެއްދުންތައް ވިއްކާ އެލިއާ އަށް 54 އަހަރު ފުރުނުއިރު، އެ ކުންފުނިން ޔަމަހާގެ އުފެއްދުންތައް ވިއްކާތާ 44 އަހަރު ވަނީ ވެފަ އެވެ.