07 އޯގަސްޓް 2018 - 11:31

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ކޮށްދޭނެ ކަންކަން ހާމަކުރަނީ އެ ވައުދުތައް ފުއްދާނެ ގޮތް ވެސް ރާވާފައި ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯހިލް (އިބޫ) މިއަދު ލ. އިސްދޫގައި ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގެ ނުވަ ރަށަކަށް ދަތުރު ކުރެއްވުމަށް ފަހު ލ. އަތޮޅަށް ފެއްޓެވި ދަތުރުގެ ފުރަތަމަ ރަށް ކަމަށް ވާ އިސްދޫގައި ހުރި އިއްތިހާދު ޖަގަހާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އޭނާ ވެވަޑައިގަންނަވަމުން ގެންދަވަނީ ހުސް ވައުދުތަކެއް ނޫން ކަމަށެވެ. އެ ވައުދުތައް ފުއްދާނެ ގޮތާއި ފައިސާ ހޯދާނެ ގޮތް ވެސް ދިރާސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރަސްރަސްކަލުން ހިއްޗަށް ވަޑައިގަންނަވާ ގޮތަށް ރާވާފައި އޮތް މަރުހަބާ ދެންނެވުމެއްގެ ތެރެއަށް ރަށަށް އަރާވަޑައިގެން ވާހަކަ ދައްކަވަމުން އިބޫ ވަނީ އިސްދު އާއި ކަލައިދުއާ ގުޅިފައިވާ 2.5 ކިލޯމީޓަރުގެ މަގު ހަދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން ނުވަ މަސް ދޯންޏާއި މާލެ ދަތުރުކުރާ ހަތަރު އުޅަނދު އޮންނަ ރަށުގެ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ރަށަށް ވެސް ކޮށްދޭން ބުނާ ކަންތައްތަކަކީ ކޯލިޝަންގެ ވެރިކަމުގައި އަޅުގަނޑުމެން ކޮށްދޭނެ ކަންކަން،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް ދަނޑުވެރިކަމުގެ ބާވަތްތަކަށް ހަމަ އަގެއް ހޯދައިދޭނެ އެވެ. އޭގެ އިތުރުން ދަނޑުވެރިކަން ފުޅާކޮށް ރާއްޖޭގައި ހައްދާތަކެތި އެކްސްޕޯޓް ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ މާކެޓުގައި ދަނޑުވެރިކަމަށް ލިބޭނެ ރަނގަޅު އަގެއް. ހާއްސަކޮށް ރިސޯޓްތަކަށް ލޯކަލް ޕްރޮޑަކްޓް ބޭނުންވޭ. ބޭނުންވަނީ ހައި ކޮލެޓީ އާއި ކުއަންޓިޓީ،" އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި ދަނޑުވެރިކަމާއި މަސްވެރިކަން ރަނގަޅު ކުރުމަށް އެބަހުރި ކަންތައްތަކެއް ރޭވިފައި."