"ކްއަންޓިކޯ" ގައި ކުޅުނީ ފިރިހެން ކެރެކްޓާއެއް: ޕްރިޔަންކާ ޗޯޕްޅާ
"ކްއަންޓިކޯ" ގައި ކުޅުނީ ފިރިހެން ކެރެކްޓާއެއް: ޕްރިޔަންކާ ޗޯޕްޅާ

ތިން ވަނަ ސީޒަނާ އެކު ނިންމައިލި އޭބީސީގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގައި ކުޅުނީ ވަރުގަދަ ފިރިހެން އެކްޓަރުން ކުޅޭ ކަހަލަ ކެރެކްޓާއެއް ކަމަށާއި އެ ސިލްސިލާގައި "ފިރިހެނެއްގެ ރޯލް" ކުޅެން ލިބުމަކީ ވަރަށް ވެސް ބޮޑު ތަޖުރިބާއެއް ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ސެޕްޓެމްބަރު 27 ގައި ދައްކަން ފެށި "ކްއަންޓިކޯ" ގެ ފަހު އެޕިސޯޑް ބެލުންތެރިންނަށް ގެނެސް ދިނީ މި މަހުގެ 3 ގަ އެވެ. އެ މުއްދަތުގެ ތެރޭގައި އެ ސިލްސިލާގެ ޖުމްލަ 57 އެޕިސޯޑް ގެނެސް ދިނެވެ.

ޕްރިޔަންކާ ހޮލީވުޑަށް ހިޖުރަ ކުރި ސިލްސިލާގައި އޭނާ ކުޅުނީ އެލެކްޝް ޕެރިޝް ކިޔާ އެފްބީއައި އެޖެންޓެއްގެ ރޯލެވެ.

"ކްއަންޓިކޯ" ނިމުމަކަށް އައުމާ ގުޅިގެން ނިއު ދިއްލީގައި އޮތް އިވެންޓެއްގައި އެ ތަޖުރިބާއާ ބެހޭ ގޮތުން ޕްރިޔަންކާ ބުނީ އެލެކްސްގެ ކެރެޓާއަކީ އެއްވެސް ގޮތަކުން "އަންހެނެއް ނޫން" ނޫން ކަމަށެވެ.

"ކުރުކޮށް ބުނަންޏާ ހަގީގަތުގައި އަހަރެން އޭގައި ކުޅުނީ ފިރިހެން ކެރެކްޓާއެއް. އާންމުކޮށް ބަތަލާ އިން ނުފެންނަ ކަހަލަ ވަރަށް ވެސް އުނދަގޫ ރޯލެއް ކުޅުނީ،" އޭނާ ބުންޏެވެ. "ވަރަށް އުފާ ވެސް ކުރަން އެ ރޯލް ކުޅެން ލިބުނީމަ. އަދި ބެލުންތެރިން ކްއަންޓިކޯއަށާއި އަހަންނަށް ދިން ލޯތްބަށް ޝުކުރު ވެސް އަދާ ކުރަން."

"ކްއަންޓިކޯ" ބެލުންތެރިންނާ އަލްވަދާއު ކިޔުމާ އެކު، ޕްރިޔަންކާ ވަނީ އިންސްޓަގްރާމްގައި ވެސް އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލައިފަ އެވެ. ހިންދީ ފިލްމް "ފެޝަން" ކުޅެގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ ބުނި ގޮތުގައި "ކްއަންޓިކޯ" އަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި އެއްޗެކެވެ. އެހެންވެ އެ ތަޖުރިބާ އަބަދު ވެސް ވަަރަށް މުހިއްމު އެއްޗަކަށް ވާނެ ކަމަށެވެ.

ޕްރިޔަންކާ، 37، ބުނި ގޮތުގައި "ކްއަންޓިކޯ" އަކީ ޖިސްމާނީ ގޮތުންނާއި ޖަޒުބާތީ ގޮތުން ވެސް އޭނާ މުޅިން އެހެން ހަރުފަތަކަށް ގެންގޮސް ދިން އެއްޗެކެވެ. އެހެންވެ އޭގެ ޑައިރެކްޓަރު ޖޯޝުއާ ސަފްރާންއަށާއި މުޅި ޓީމަށް ޝުކުރު އަދާ ކުރާ ކަމަށް ބުންޏެވެ.

"ކްއަންޓިކޯ" އިން ލިބުނު ބޮޑު މަޝްހޫރުކަމާ އެކު، ޕްރިޔަންކާ މިހާރު އަންނަނީ ހޮލީވުޑްގެ ފިލްމްތަކުގައި ވެސް މަސައްކަތް ކުރަމުންނެވެ. އޭނާގެ ދެ ފިލްމެއް މިހާތަނަށް ރިލީޒްވެފައިވާ އިރު، ދެން އެންމެ އަވަހަށް ގެނިގެން ދާނީ ފެބްރުއަރީ، 14، 2019 ގައި ރިލީޒް ކުރާ "އިޒިންޓް އިޓް ރޮމޭންޓިކް" އިންނެވެ.

ހިންދީ ފިލްމް "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން މި މަހު ފަށަން ތައްޔާރުވަމުން އަންނަ އިރު، ޕްރިޔަންކާ ވަނީ "ގޭމް އޮފް ތުރޯންސް" ގެ ޑައިރެކްޓަރު ކްރިސް ޕްރެޓާ އެކު ގެނެސްދޭ "ކައުބޯއި ނިންޖާ ވައިކިން" އަށް ވެސް ސޮއިކޮށްފަ އެވެ.

"ކްއަންޓިކޯ" އިން ހަމައެކަނި ޕްރިޔަންކާގެ ޕްރޮފެޝަނަލް ކެރިއަރު އާ އުސްމިނަށް ގެންގޮސް ދިނީކީ ނޫނެވެ. އޭނާ އަށް ވަނީ އެމެރިކާ އިން ލޯބިވެރިޔަކު ވެސް ލިބިފަ އެވެ. ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ޕްރިޔަންކާ އަންނަ މަހުގެ 16 ގައި ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރިފައިވެ އެވެ.