ޕޮގްބާއަށް ބާސާއިން ކުރި އޮފާ އަށް ޔުނައިޓެޑުން ނޫނެކޭ ބުނެފި
ޕޮގްބާއަށް ބާސާއިން ކުރި އޮފާ އަށް ޔުނައިޓެޑުން ނޫނެކޭ ބުނެފި

މެންޗެސްޓާ (އޮގަސްޓް 7) – މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަތުމަށް ބާސެލޯނާ އިން ބޮޑު އޮފާއަށް އެ ކްލަބުން ނޫނެކޭ ބުނެފި އެވެ.

ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާސެލޯނާ އިން ހުށަހެޅީ 50 މިލިއަން ޔޫރޯ އާއި އެ ޓީމުގެ ކޮލަމްބިއާ ޑިފެންޑަރު ޔެރީ މިނާ އަދި ޕޯޗުގަލް މިޑްފީލްޑަރު އަންދްރޭ ގޯމޭސް އެވެ. މިނާގެ މާކެޓް ވެލިއުކަމަށްވާ 20 މިލިއަން ޔޫރޯ އަދި ގޯމޭސްގެ 15 މިލިއަން ޔޫރޯގެ އަގާ ބަލާއިރު އެއީ 85 މިލިއަން ޔޫރޯ އެވެ. ޔުނައިޓެޑުން މީގެ ދެ އަހަރު ކުރިން ޕޮގްބާ ގަތީ 105 މިލިއަން ޔޫރޯ އަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ޑީލު ނިންމަން ޕޮގްބާގެ އޭޖެންޓް މިނޯ ރިއޯލާ މެންޗެސްޓާ އަށް ވެސް ދިޔަ އެވެ. އެކަމަކު އޭނާ ވިއްކުމުގެ އެއްވެސް ވިސްނުމެއް ޔުނައިޓެޑުގެ ނެތް ކަމަށްވެ އެވެ. އަނެއްކޮޅުން ކޯޗު ހޯސޭ މޮރީނިއޯ ބޭނުންވާ ކުޅުންތެރިން ނުލިބި އޮއްވާ ޓްރާންސްފާ ބާޒާރު ބަންދުވާން ތިން ދުވަހަކަށް ވެފައިވަނިކޮށް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ވިއްކާލުމަކީ ޔުނައިޓެޑުގެ އަގު ވެއްޓިދާނެ ކަމެކެވެ.

ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ ވިދާލީ ހިލޭ ޓްރާންސްފާއެއްގެ ދަށުން 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި ހިސާބުންނެވެ. އެ ކްލަބުގައި ދެއްކި މޮޅު ކުޅުމާ އެކު ބޮޑު އަގުގައި ޔުނައިޓެޑުން އޭނާ އަނބުރާ ގެނައި ނަމަވެސް، އޭނާގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ނުހިފެ އެވެ. ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ އާއި ޕޮގްބާއާ މެދު މައްސަލަތަކެއް އުޅޭ ކަމަށް ވެސް ވާހަކަދެކެވެ އެވެ. ފްރާންސާ އެކު މި އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ ހޯދަން ޔުވެންޓަސް އިން އަލުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ބާސެލޯނާ އިން ޕޮގްބާ ގަތުމަށް އޭނާ ޔުވެންޓަސްގައި ހުރިއިރު ވެސް މަސައްކަތްކުރި އެވެ. އެ ޓީމުން ހުނަރުވެރި މިޑްފީލްޑަރު ގަތުމުގެ މަސައްކަތް އަލުން މި ފެށީ އަންދްރެސް އިނިއެސްޓާ ކްލަބް ދޫކޮށް ދިއުމުން ހެދުނު ބާގަނޑު ފޫބެއްދުމުގެ ޕްލޭނުގެ ދަށުންނެވެ. އެ ޓީމުން ވަނީ ޕޮގްބާއާ އެކު ޔުވެންޓަސް އަށް ކުޅުނު އާޓޫރޯ ވިޑާލް ވެސް ގެނެސްފަ އެވެ.