ކުލަ ލަމުން މިހިރަ ކިޔާލާ ރީތި ލަވަތަކެއް
ކުލަ ލަމުން މިހިރަ ކިޔާލާ ރީތި ލަވަތަކެއް

ސޯޝަލް މީޑިއާގެ ޒަމާނާއެކު މީހުން އޭގެ ތެރެއިން މަޝްހޫރުވަނީ ކުއްލިއަކަށެވެ. އެ މީހެއްގެ ހުރި ހުނަރެއް މުޅި ދުނިޔެއަށް ފަސޭހައިން ދައްކާލެވޭތީ އެވެ.

ޕާކިސްތާނު މި މީހާ އަކީ ކުލަ ލުމުގެ މަސައްކަތްކުރާ މީހެކެވެ. އެކަމަކު ކުއްލިއަކަށް އޭނާ މި މަޝްހޫރުވީ މުޅިން އެހެން ކަމަކުންނެވެ. މުހައްމަދު އާރިފް ކިޔާ މި މީހާ އޭނާގެ އާންމު މަސައްކަތުގައި އުޅެމުން އޭނާގެ އަޖައިބެއް ފަދަ ރީތި އަޑުން ލަވަކިޔަމުން ދިޔައިރު އެހެން މީހަކު ވީޑިއޯކޮށް ފޭސްބުކްގައި އާންމުކުރުމާ އެކު މުޅި ދުނިޔެއަށް މަޝްހޫރުވީ އެވެ.

ހިންދީ ލަވަތަކެއް އޭނާ ކިޔާލަނީ ވަރަށް ހިތްގައިމުކޮށެވެ. މުހައްމަދު ލަވަ ކިޔަނިކޮށް ފޭސްބުކްގައި ލައިވްކޮށް، ޕޯސްޓްކުރި މީހާ ބުނެފައި ވަނީ މިއީ ވައިރަލްވެ މަޝްހޫރުވާންޖެހޭ މީހެއް ކަމަށެވެ. ވީ ވެސް އެހެންނެވެ. މި މަހު 1 ގައި ޕޯސްޓްކުރި އެ ވީޑިއޯ އެތައް މިލިއަން ފަހަރަކު ބަލައިފި އެވެ. އެތައް ހާސް ރިއެކްޝަނަކާ އެކު އެތައް ހާސް ބަޔަކު ޝެއާ ވެސް ކުރި އެވެ.

ވީޑިއޯގެ ޕޯސްޓަށް އެތައް ހާސް ބަޔަކު މުހައްމަދަށް ތައުރީފުކޮށް ކޮމެންޓްކޮށްފައިވެ އެވެ.

ބައެއް މީހުން ބުނެފައި ވަނީ މުހައްމަދުގެ އަޑު އަހަން ކިތަންމެ އިރަކު ވެސް ތިބެވިދާނެ ކަމަށާއި އެއީ ޖާދުވީ އަޑެއް ކަމަށެވެ. އަނެއް ބަޔަކު ބުނި ގޮތުގައި އެ އަޑުގައިވާ އަސަރުން ހިތް ރޮއްވާލަ އެވެ.

މުހައްމަދަށް މި ލިބުނު މަޝްހޫރުކަމާ އެކު ޕާކިސްތާނުގެ ޓީވީ ޗެނަލްތަކުން ވެސް މިހާރު އޭނާގެ ފަހަތުން ދުވަނީ އެވެ. ހަމަ އެއާ އެކު އޭނާ ވެސް ސޯޝަލް މީޑިއާގައި އިތުރު ލަވަތައް ހިއްސާކޮށް ފުރުސަތުތައް ފަހި ވެސް ކުރަނީ އެވެ.

ވީޑިއޯތައް ޕްލޭކޮށްގެން އަޑު އަހައިލާށެވެ.