ބިންހެލުމުގައި ފާރުގައި ހިފަހައްޓައިގެން ނަމާދު ކުރި އިމާމަށް ތައުރީފް
ބިންހެލުމުގައި ފާރުގައި ހިފަހައްޓައިގެން ނަމާދު ކުރި އިމާމަށް ތައުރީފް

ބާލީ (އޮގަސްޓް 6) - އިންޑޮނީޝިއާ އަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި ބާލީގެ މިސްކިތެއް ވަރަށް ބޮޑަށް ތެޅެމުން ދިޔަ ނަމަވެސް ނަމާދު ދޫކޮށް ނުލައި ފާރުގައި އެއް އަތުން ހިފަހައްޓައިގެން ހުރެ ވެސް ނަމާދު ފުރިހަމަ ކުރި އިމާމަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ތައުރީފް ކުރަން ފަށައިފި އެވެ.

މޯބައިލް ފޯނަކުން ނަގާފައިވާ ކަމަށް ބެލެވޭ ވީޑިއޯ އިން ފެންނަ ގޮތުގައި ބާލީގެ ޑެންޕަސާރަށް އައި ބިންހެލުމުގައި މިސްކިތް ވަރަށް ބޮޑަށް ތެޅެން ފެށި އިރު، ހުދު ޖުއްބާގައި ހުރި އިމާމް ހުރީ އިޝާ ނަމާދު ކުރާށެވެ. އޭނާ ގުރުއާން ކިޔަވަމުން ދިޔަ އިރު މިސްކިތް ހެލެން ފެށުމުން، ކޮޅަށް ނުހުރެވިދާނެހެން ހީވުމުން އެއް އަތުން ފާރުގައި ހިފަހައްޓަ އެވެ. އެ ވަގުތު ފަހަތުގައި ނަމާދަށް ތިބި ބައެއް މީހުން ނަމާދު ދޫކޮށްލާފައި ދުވެފައި ދާތަން ފެނެ އެވެ. މިސްކިތް ދެ ފަރާތަށް ހެލެމުން ދިޔަ އިރު ވެސް ބައެއް މީހުން އިމާމުގެ ފަހަތުގައި ނަމާދަށް ތިބި ތަން ވެސް ފެނެ އެވެ.

އިމާމުގެ ވީޑީއޯ ފޭސްކުގައި ޕޯސްޓްކުރީ މިސްކިތުގެ ފަރާތުންނެވެ.

އިންޑޮނީޝިއާގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ޔޫސުފް މަންސޫރު ބުނީ ބިންހެލުމުގައި ނަމާދު ކުރަމުން ދިޔަ އިމާމުގެ އިމާންތެރިކަމާ މެދު އޭނާ ހައިރާންވެ ރޮވުނު ކަމަށެވެ.

"ބިންހެލުން އައުމުން ނަމާދު ދޫކޮށްލާފައި ރައްކާތެރި ތަނަކަށް ދިއުން ހުއްދަ ނަމަވެސް އިމާމުގެ މޫނުމަތިން ކުޑަ ނަމަވެސް ޖެހިލުންވުމެއް ފެނުމެއް ނެތި ނަމާދު ކުރިއަށް ގެންގޮސްފައި ވަނީ. އެއީ އީމާންތެރިކަން،" ދެ މިލިއަން މީހުން ފޮލޯކުރާ އިންސްޓަގްރާމުގައި ވީޑީއޯ ޝެއާ ކުރަމުން ޝެއިޚް ބުނެފައިވެ އެވެ.

"މިއިން ދައްކައިދީފައި ވަނީ އިމާމުގެ އިމާންތެރިކަން ވަރުގަދަ މިންވަރު،" އެހެން މީހަކު ޓްވީޓާގައި ބުނެފައިވެ އެވެ.

ރިކްޓާ މިންގަނޑުން ހަތެއްގެ ބާރު މިނުގައި ބިންހެލުން އައީ ލޮމްބޮކް އައިލެންޑަށެވެ. ނަމަވެސް އެ ބިންހެލުމުގެ އަސަރު ބާލީ އަށް ވެސް ވަރަށް ބޮޑަށް ކުރި އެވެ. ބިންހެލުމުގައި ލޮމްބޮކުން ވަނީ 91 މީހުން މަރުވެފަ އެވެ. ލޮމްބޮކްގައި ވެސް ބައެއް މީހުން ނަމާދަށް ތިއްބާ ބައެއް މިސްކިތްތައް ވެއްޓިފައިވެ އެވެ.