ސެޕްޓެމްބަރު 11 ގެ ހަމަލާ ދިން މީހެއްގެ ދަރިއަކާ ބިން ލާދިންގެ ދަރި ކައިވެނިކޮށްފި
ސެޕްޓެމްބަރު 11 ގެ ހަމަލާ ދިން މީހެއްގެ ދަރިއަކާ ބިން ލާދިންގެ ދަރި ކައިވެނިކޮށްފި

ޖިއްދާ (އޮގަސްޓް 6) - ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރި އިސް މީހެއް ކަމަށްވާ މުހައްމަދު އަތާގެ އަންހެން ދަރިއަކާއި އުސާމާ ބިން ލާދިންގެ ދަރި ހަމްޒާ ބިން ލާދިން ކައިވެނިކޮށްފައިވާ ކަމަށް ބިން ލާދިންގެ އާއިލާގެ ބައެއް މީހުން ބުނެފި އެވެ.

ބިން ލާދިންގެ އާއިލާގެ ބައެއް މެންބަރުން ގާޑިއަން ނޫހަށް ދާދި ފަހުން ބުނެފައި ވަނީ މުހައްމަދު އަތާގެ ދަރިއަކާ ހަމްޒާ ކައިވެނި ކުރި ޚަބަރު ލިބިފައިވާ ކަމަށާއި ހަމްޒާ މިހާރު ދިރިއުޅެނީ އަފްޣާނިސްތާނުގައި ކަމަށް ބެލެވޭ ކަމަށެވެ.

ބިން ލާދިންގެ އާއިލާ އިން ބުނީ މެއި 2، 2001 ގައި ޕާކިސްތާނުގެ އަބޮޓްއާބާދަށް އެމެރިކާގެ ސިފައިން ދިން ހަމަލާގައި ބިން ލާދިން މަރާލި ފަހުން އަލް ގައިދާގެ އިސް މަގާމަކާ ހަމްޒާ ހަވާލުވެފައިވާ ކަމަށެވެ. ބިން ލާދިން މަރާލަން އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހަމަލާ ދިން އިރު ހަމްޒާ ވެސް ހުރީ އަބޮޓްއާބާދުގަ އެވެ.

ބިން ލާދިންގެ މަރަށް ފަހު ހަމްޒާ ވަނީ އޭނާގެ ބައްޕަގެ މަރުގެ ބަދަލު އެމެރިކާ އާއި އިނގިރޭސި ވިލާތާއި ފްރާންސްގެ ކިބައިން ހިފާނެ ކަމަށް ބުނެފަ އެވެ. ހުޅަނގުގެ އެކި ގައުމުތަކުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ވަނީ ހަމްޒާ ހުރި ތަނެއް ހޯދުމުގެ މަސައްކަތްކޮށްފަ އެވެ.

ބިން ލާދިންގެ މަންމަ އާލިއާ ޣާނިމް ވެސް ދާދި ފަހުން ވަނީ ގާޑިއަން އަށް އިންޓަވިއުއެއް ދީފަ އެވެ.