06 އޯގަސްޓް 2018 - 14:04

ކޮލަމްބޯ (އޮގަސްޓް 6) - ސްރީ ލަންކާގެ ޕާލަމެންޓުގެ މެންބަރުންނާއި ވަޒީރުންގެ މުސާރަ އިން ސެންޓެއްގެ މިންވަރު ވެސް ބޮޑު ނުކުރާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
"ޕާލަމެންޓުގެ މެންބަރުންނާއި ވަޒީރުންގެ މުސާރަ ބޮޑު ކުރަން ޕާޓީތަކުގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް އަޑު އިވޭ. އެކަމަކު އެފަދަ ކަމެއް ކުރެވޭނީ ކެބިނެޓުން ފާސްކޮށްގެން. އެކަމަށް އަޅުގަނޑު ހުއްދައެއް ނުދޭނަން. އެންމެ ފަސް ސެންޓް ވެސް ބޮޑު ކުރިޔަ ނުދޭނަން،" ޕޮލޮނަރުވާ މާކެޓް ކޮމްޕްލެކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ސިރިސޭނާ ވިދާޅުވި އެވެ
އެމަނިކުފާން ވިދާޅުވީ ޕާލަމެންޓް މެންބަރުންނާއި ވަޒީރުންގެ މުސާރަތަކަށާއި އެލަވަންސްތަކަށް ހެޔޮ ބަދަލުތައް ގެނައުމަށް ވޭތުވެދިޔަ ތިން އަހަރު ތެރޭ ވަރަށް ގިނަ މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އަދި ރައީސްގެ މުސާރަ ބޮޑު ކުރަން ހުށަހެޅި ހުރިހާ ހުށަހެޅުމަކާ ދެކޮޅު ހައްދަވާފައިވާ ކަމަށް ވިދާޅުވި އެވެ.
"ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގައި އަދި ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައްް ބޮޑުވަމުންދާ އިރު ޕާލަމެންޓް މެންބަރުންނާއި ވަޒީރުންގެ މުސާރަ ބޮޑު ކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ،" ސިރިސޭނާ ވިދާޅުވި އެވެ.