06 އޯގަސްޓް 2018 - 13:08

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ން އިތުރު އޭޓީއެމް އައުޓްލެޓެއް މާލޭގައި މިއަދު ހުޅުވައިފި އެވެ.

އެ ބޭންކުން ހެދި އާ އޭޓީއެމް އައުޓްލެޓް ހުޅުވައި ދެއްވީ އެމްއައިބީގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާ އެވެ.
އަމީނީމަގުގައި ހުންނަ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ތިރީގައި ހެދި އާ އައުޓްލެޓްގައި ދެ އޭޓީއެމް ހުރެ އެވެ. މިއީ އެ ބޭންކުން މާލޭގައި ހުޅުވި ހަތަރުވަނަ އައުޓްލެޓެވެ. އެމްއައިބީން މިދިޔަ މެއި މަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގައި ވެސް އޭޓީއެމް ބަހައްޓައި، ހިދުމަތް ދޭން ފަށާފައިވެ އެވެ.
އިސްލާާމިކް ބޭންކުން ބުނީ އެއާޕޯޓުގައި ހުޅުވި އޭޓީއެމްގައި އިނގިރޭސި ބަހާއި ދިވެހި ބަހުގެ އިތުރުން ބަންގްލަދޭޝް ބަސް ވެސް ހިމަނާފައިވާނެ ކަމަށެވެ. އަދި އެ އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ނެގުމާއި އެކައުންޓް ބެލެންސް ބެލުމާއި އަމިއްލަ އެކައުންޓް ޓްރާންސްފާގެ އިތުރުން މިނީ ސްޓޭޓްމަންޓް ނެގުމާއި ފައިސާ ކާޑުގެ ޕިން ނަންބަރު ބަދަލު ކުރެވޭނެ އެވެ.
ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އަދި އައިސީޑީގެ 75 ޕަސެންޓް ހިއްސާވާ ބޭންކު ހުޅުވީ 2011 ވަނަ އަހަރު އެވެ. އެ ބޭންކުގެ ހިއްސާ މިހާރު ބެހިފައި ވަނީ ސަރުކާރުގެ އިތުރުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އައިސީޑީގެ 70 ޕަސެންޓް އަދި އަމާނާތަކަފުލްގެ ފަސް ޕަސެންޓް ހިމެނޭ ގޮތަށެވެ.