06 އޯގަސްޓް 2018 - 11:36

މިލާން (އޮގަސްޓް 6) – އޭސީ މިލާނަށް 25 އަހަރު ކުޅެދިނުމަށް ފަހު 2009 ވަނަ އަހަރު ރިޓަޔާކުރި ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ ނުވަ އަހަރަށް ފަހު ޑިރެކްޓަރެއްގެ ގޮތުގައި އެ ކްލަބަށް އެނބުރި އަތުވެއްޖެ އެވެ.
މީގެ ކުރިން ސިލްވިއޯ ބާލުސްކޯނީގެ ދައުރުގައި އަދި އެންމެ ފަހު ޗައިނާ އިންވެސްޓަރުން ކްލަބް ހިންގިއިރު ވެސް އޭނާ ގެންނަން މަސައްކަތްކުރި އެވެ. އޭނާ އަލުން މި ގުޅުނީ އެމެރިކާގެ އެލިއޮޓް ގްރޫޕުން މިލާނާ ހަވާލުވެ، ޖެނެރަލް ޑިރެކްޓަރަކަށް މަލްޑިނީއާ އެކު ކުޅުނު ބްރެޒިލްގެ ލެއޮނާޑޯ ގެނެސް ކްލަބުގެ ހިންގުން ވަރުގަދަކޮށްފައިވަނިކޮށެވެ.
މަލްޑިނީ ހަވާލުވާނީ ކްލަބުން އަލަށް އުފެއްދި ސްޕޯޓިން ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓް ޑިރެކްޓަރުގެ މަގާމާ އެވެ. މިއަދު އޭނާ ރަސްމީކޮށް މީޑިއާ އަށް ތައާރަފްކުރާނެ އެވެ.
މިލާނުގެ ރައީސް ޕައޮލޯ ސްކަރޮނީ ވިދާޅުވީ މިލާނަށް މަލްޑިނީ މުހިއްމުވާ މިންވަރަކީ ސިފަކޮށްދިނުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އޭނާ ގެނައުމަކީ ދިގު މުއްދަތުގެ ކާމިޔާބެއް ހޯދަން ވަރުގަދަ ބިންގަލެއް އެޅުމަށް އެލިއޮޓުން ކުރާ މަސައްކަތް ދައްކައިދޭ ކަމެއް ކަމަށެވެ.
"އެއީ ފަސޭހަ ކަމެއް ނޫން އަދި އެކަމަށް ވަގުތު ވެސް ނަގާނެ. އެކަމަކު އަހަރެމެންގެ ހުރީ ވަރަށް މުހިއްމު އަމާޒުތަކެއް. މަލްޑިނީ ހަމަޖެއްސުމަކީ އޭސީ މިލާންގެ ހަގީގީ މަގާމަށް ކްލަބް ގެންދިއުމާ ދިމާލަށް އެޅި މުހިއްމު ފިޔަވަޅެއް،" ސްކަރޮނީ ވިދާޅުވި އެވެ.
މިލާނުގެ ޔޫތު ޓީމުން 1978 ވަނަ އަހަރު އެ ކްލަބުގެ ކެރިއަރު ފެށި މަލްޑިނީ ވަނީ މިލާނުގެ ސީނިއާ ޓީމަށް 1985 އިން 2009 އަށް 902 މެޗު ކުޅެދީފަ އެވެ. އެއީ އިޓާލިއަން ލީގުގެ ރެކޯޑެކެވެ. އޭނާ ވަނީ އެ ކްލަބާ އެކު އިޓާލިއަން ލީގު ހަތް ފަހަރު، ޗެމްޕިއަންސް ލީގު ފަސް ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ހޯދައިފަ އެވެ.
އިޓަލީ ގައުމީ ޓީމަށް 126 މެޗު ކުޅެދީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް ގެންގޮސްދިން މަލްޑިނީ އަކީ މޮޅު ޑިފެންޑަރެއްގެ އިތުރުން ވަރުގަދަ ލީޑަރެކެވެ.
އުމުރުން 50 އަހަރުގެ މަލްޑިނީގެ ބައްޕަ ސެޒާ މަލްޑިނީ ވެސް ވަނީ މިލާނުގެ ކެޕްޓަންކަމާއި ކޯޗުކަންކޮށްފަ އެވެ. އަދި މަލްޑިނީގެ ދެ ދަރިން ކަމަށްވާ ޑެނިއަލް މަލްޑިނީ އާއި ކްރިސްޓިއަން މަލްޑިނީ ވެސް ވަނީ މިލާނުގެ ޔޫތު ޓީމަށް ކުޅެފަ އެވެ. މިލާނުން ވަނީ އޭނާ ބޭނުންކުރި ތިން ނަމްބަރު ޖާޒީ ރިޓަޔާކޮށްފަ އެވެ.