ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި އައިޝްވާރިޔާ ރާއީ އާއި އަނިލް ކަޕޫރް އަދި ރާޖްކުމާރް ރާއޯގެ "ފަނޭ ޚާން" އަށް ހީކުރި ވަރުގެ ތަރުހީބެއް ލިބެމުން ނުދާ ކަމަށް ކްރިޓިކުން ބުނެފި އެވެ. ގިނަ ކްރިޓިކުން ބުނި ގޮތުގައި ފިލްމްގައި ވަރުގަދަ ކާސްޓެއް ހިމެނުނަސް، ފިލްމްގެ ވާހަކައިގައި މާ ގަޔާވާ ކަހަލަ ގޮތެއް ނެތެވެ.

އެހެންވެ ބޮކްސް އޮފީހުގައި ފިލްމްގެ ދުވެލި ވަރަށް މަޑުކަމަށާއި ބެލުންތެރިންގެ ފަރާތުން ފިލްމަށް ފިނި ތަރުހީބެއް ލިބިފައިވާތީ "ފަނޭ ހާން" އަކީ އުންމީދު ކުރި ކަހަލަ ފިލްމަކަށް ނުވި ކަމަށް ކްރިޓިކުން ބުނެފައިވެ އެވެ. މި ސަބަބާ ހުރެ މި ފިލްމަކީ ހިޓަކަށް ވާނެ ކަމުގެ އުންމީދެއް ވެސް މިހާރަކު ނެތެވެ.

މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި "ފަނޭ ހާން" ގެ ފެށުން ވެސް ވަރަށް ވަނދުކޮށް ދިއުމާ އެކު، މިއީ މިހާރު މާ ބޮޑު އުންމީދެއް ކުރެވޭ ފިލްމެއް ނޫނެވެ.

"ޗީޓް އިންޑިއާ" ގެ މަސައްކަތް ކުރަމުން އަންނަ އިމްރާން ހާޝިމީ އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އޭނާ މި ފަހަރު ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާ ނަގާ ފިލްމަކީ ޕްރިޔާ ގުޕްތާ އާއި ކަލްޕަނާ އުދޭވަރްއާ ގުޅިގެން ހަދާ "ފާދާޒް ޑޭ" އެވެ.

އަންނަ އަހަރު ޝޫޓިން ފަށާ މި ފިލްމަކީ ކިޑްނެޕްކޮށްފައިވާ 120 ކުޑަކުއްޖަކު ސަލާމަތް ކުރަން ޑިޓެކްޓިވް ސޫރިއަކާންތު ބަންދޭ ޕަޓިލް ކުރި އާދަޔާހިލާފު މަސައްކަތްތަކަށް ބިނާކޮށް ހަދާ ފިލްމެކެވެ.

"ޕިންކް" އާއި "އެއާލިފްޓް" އަދި "ކަހާނާ" ފަދަ އެތައް ފިލްމެއްގެ ސްކްރީންޕްލޭ ލިޔުނު ރިތޭޝް ޝާހްގެ ސްކްރިޕްޓަކަށް ހަދާ "ފާދާޒް ޑޭ" ޑައިރެކްޓް ކުރަނީ ޓީވީ އިޝްތިހާރުތައް ހަދަން މަޝްހޫރު ޝަންތަނޫ ބާގްޗީ އެވެ.

މި ފިލްމްގައި އިމްރާނާ އެކު ކާސްޓްގައި ދެން ހިމެނޭނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. "ފާދާޒް" ޑޭ" އަށް ސޮއި ކުރި އޭނާ ވަނީ ދާދި ފަހުން ނެޓްފްލިކްސް އާއި ޝާހްރުކް ހާން ގުޅިގެން ގެނެސްދޭ ވެބް ސީރީޒް "ދަ ބާޑް އޮފް ބްލަޑް" އަށް ވެސް ސޮއިކޮށްފަ އެވެ.

ދާދި ފަހުން ރިލީޒްކޮށް 100 ކްރޯޑް ކުލަބުން ވެސް ޖާފަ ހޯދި "ރާޒީ" އަށް ފަހު މެގްނާ ސިލްސިލާއެއް ޑައިރެކްޓް ކުރަން ނިންމައިފަ އެވެ. އޭނާ މި ފަހަރު ވެސް ގެނެސް ދޭނީ ހަގީގީ ހާދިސާއެކެވެ.

ރިލަޔަންސް އެންޓަޓައިންމަންޓާއި ފެންޓަމް ފިލްމްސް ގުޅިގެން ހަދާ ސީރީޒަކީ މުމްބާއީގެ ކުރީގެ ޕޮލިސް ކޮމިޝަނަރު ރާކޭޝް މާރިއާގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.

"ތަލްވާރް" އާއި "ފިލްހާން" ފަދަ ފިލްމްތައް ގެނެސް ދިން މެގްނާއަކީ މަޝްހޫރު ޅެންވެރިޔާ ގުލްޒާރާއި ކުރީގެ މަޝްހޫރު ބަތަލާ ރާކީގެ އަންހެން ދަރިފުޅެވެ. އޭނާ އާލިއާ ބަޓް އާއި ވިކީ ކޯޝަލްއާ އެކު ގެނެސް ދިން "ރާޒީ" އަކީ ވަރަށް މޮޅުޔ ފުރިހަމަ ފިލްމެއް ކަމަށް ކްރިޓިކުން ސިފަކޮށްފައިވެ އެވެ.

ސީބީއެސް އިން ގެނެސް ދިން މަޝްހޫރު ޓީވީ ސިލްސިލާ "ދަ ގުދް ވައިފް" ގެ ހިންދީ އެޑަޕްޓޭޝަނެއް ގެނެސް ދޭން ނިންމައިފި އެވެ. އެ ސިލްސިލާގެ ރައިޓްސް ހޯދައިގެން އިންޑިއާގެ އޯޑިއަންސަށް އޭތި ހެޔޮވަރުކޮށްލައިގެން ގެނެސް ދޭން ނިންމާފައި ވަނީ "މާޑާ" އާއި "ޑާޓީ ޕޮލިޓިކްސް" ފަދަ ފިލްމްތައް ކުޅެފައިވާ މަލިޝާ ޝެރާވަތު އެވެ.

އާންމުކޮށް މިހާރު ޕެރިހުގައި ދިރިއުޅެމުން އަންނަ ބަތަލާ ބުނި ގޮތުގައި ހުޅަނގުގެ ސިލްސިލާތަކުގެ ތެރެއިން "ދަ ގުޑް ވައިފް" އަކީ އޭގެ ކޮންޓެންޓަށް ބަލާ އިރު، އިންޑިއާ މީހުންނާ ވަރަށް ގުޅޭ އެއްޗަކަށް ވާނެ އެވެ. މިއީ ސިޔާސީ ކަންތައްގަނޑެއްގެ ތެރެއިން ހިނގާ ތަފާތު އެކި ކަހަލަ ހާދިސާތައް ކިޔައިދޭ ގާނޫނީ ޑްރާމާއެކެވެ.

މަލިކާ ބުނި ގޮތުގައި "ގުޑް ވައިފް" އިންޑިއާގެ އޯޑިއަންސަށް ގެނެސް ދިނުމަށް އޭނާ މިހާރު އަންނަނީ ގާނޫނީ ވަކީލަކާ ވާހަކަ ދައްކައިގެން، ހާދިސާތައް އިންޑިއާގެ ގާނޫނުތަކުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ގޮތަރަށް ރާވަމުންނެވެ.

ޖޫލިއަން މާގިއުލިސް ލީޑް ރޯލް ކުޅުނު "ދަ ގުޑް ވައިފް" ގެނެސް ދިނީ 2009-2016 އަށެވެ. އެ މުއްދަތުގެ ތެރޭގައި މި ސިލްސިލާގެ 7 ސީޒަން ޖުމްލަ 156 އެޕިސޯޑާ އެކު ގެނެސް ދިނެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޝޫޓިން ފެށި ސަލްމާން ހާންގެ "ބާރަތު" ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމްގެ މަންޒަރުތައް މުމްބާއީގައި ނަގައި ނިންމައިލުމަށް ފަހު، ކާސްޓާއި ކްރޫ ދެން މިސްރާބު ޖަހަން ނިންމާފައި ވަނީ މޯލްޓާ އާއި އަބޫބާދީއަށެވެ.

އަލީ ކުރި ޓްވީޓެއްގައި ބުނީ ދެން ޝޫޓިން ކުރިއަށް ދާނީ މޯލްޓާގައި ކަމަށެވެ. ސަލްމާނާ އެކު "ބާރަތު" ގެ ކާސްޓްގައި ކެޓްރީނާ ކެއިފް، ތައްބޫ، ޑިޝާ ޕަޓްނީ، ނޯރާ ފަތެހީ، ޖެކީ ޝްރޮފް އަދި ސުނިލް ގްރޯވާ ހިމެނެ އެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.