06 އޯގަސްޓް 2018 - 11:55

ލަންޑަން (އޮގަސްޓް 6) - ޗެލްސީއާ ހަވާލުވެ ޓީމާ އެކު އަދި އޭނާ އަށް އެންމެ އެކަށީގެންވާ ވަރަށް ވަގުތު ނުލިބޭ ކަމަށާއި ވާދަވެރި ޓީމުތައް މި ވަގުތު ކުރީގައި އޮތް ނަމަވެސް ޗެލްސީން އެ ޓީމުތަކާ އަރާހަމަކުރާނެ ކަމަށް ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމަށް ރޭ ކުޅުނު މެޗުން ޗެލްސީ އަތުން މެންޗެސްޓާ ސިޓީ ވަނީ 2-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ޗެލްސީ އަށް ގިނަ މައްސަލަތަކެއް ދިމާވިއިރު، ސާރީގެ ގޭމްޕްލޭނާ އެއްގޮތަށް ގިނަ ކަންތައްތައް ނުދެ އެވެ.
ޗެލްސީގެ ކޯޗަކަށް ސާރީ ހަމަޖެއްސީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ޗެލްސީ އަށް ސާރީ ގެނައުމުގެ ކަންތައްތައް ލަސްވީ ޗެލްސީ ކޯޗުކަމުގައި އޭރު ހުރި އެންޓޯނިއޯ ކޮންޓޭ ދޫކޮށްލުމުގެ ކަންތައްތައް ފުރިހަމަ ކުރުމުގެ ގޮތުންނާއި ސާރީ ކުރިން މަސައްކަތްކުރި ނަޕޯލީއާ އެކު އޭނާ ހަދާފައި އޮތް ކޮންޓްރެކްޓެއް އުވާލަން ދައްކަން ޖެހޭ ފީ ދެއްކުމާ މެދު ކުރި މަޝްވަރާތައް ދިގުލައިދިއުމުންނެވެ.
"އަހަރެން މި ޓީމާ ހަވާލުވިތާ މިވީ ތިން ވަރަކަށް ހަފްތާ. އަހަރެން އައިއިރު އެހެން ޓީމުތަކުން ޕްރީ ސީޒަން ފަށައިގެން ވަރަށް ކުރީގައި އޮތީ. އަހަންނަށް އަދިވެސް އިތުބާރު އެބައޮތް. ވާދަވެރި ޓީމުތަކާ އަހަރެމެން ހަމަކުރާނަން،" ސާރީ ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ޗެލްސީގެ ބައެއް ކުޅުންތެރިން އަދި ޓީމާ ނުގުޅެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްރާންސްގެ އެންގޯލޯ ކޯންޓޭ، އޮލިވިއޭ ޖިރޫ، ބެލްޖިއަމްގެ ތިބައު ކޯޓުއާ، އެޑެން ހަޒާޑް އަދި އިންގްލެންޑްގެ ގެރީ ކޭހިލް އަދި ރުބެން ލޮފްޓަސް ޗީކް އެވެ. އަންނަ ހަފްތާގައި ޕްރިމިއާ ލީގު ފަށާއިރު މި ކުޅުންތެރިން ޓީމާ ގުޅޭނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސާރީ ވަނީ އޭނާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުހިއްމު ކުޅުންތެރިންތަކެއް ނުލައި މަސައްކަތް ކުރަން ޖެހުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"އަހަރެން އައީ ތިން ހަފްތާ ކުރިން. އަދި ޓީމުގެ މުހިއްމު ހަ ކުޅުންތެރިއަކު އަހަންނަކަށް ނުވެސް ފެނޭ. އެއީ ކުޅުންތެރިންގެ ސަބަބުން ކަމެއް އަހަރެންގެ ސަބަބުން ކަމެއް ނޭނގެ. ޓްރެއިނިން އިން ކުޅުންތެރިންނާ އަވަހަށް ބައްދަލުވާނެ ކަމަށް އުއްމީދުކުރަން،" ސާރީ ބުންޏެވެ.
ޗެލްސީގެ ގޯލަށް ކުޅެމުން އަންނަ ކޯޓުއާ އެ ޓީމު ދޫކޮށްލަން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ. ކޯޓުއާގެ މުސްތަގުބަލާ މެދު އެންމެ ރަނގަޅު ގޮތެއް ނިންމަން ވަރަށް އަވަހަށް ސާރީ އޭނާއާ ބައްދަލުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ލީގުގައި ރޭ ޗެލްސީ އަތުން މޮޅުވި ސިޓީ އަކީ މިދިޔަ ފަސް އަހަރު ތެރޭ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ލީގު ޗެމްޕިއަނެވެ. އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އޭގެ ފަހުން ލީގުގެ ޗެމްޕިއަންކަން ހޯދި ގިނަ ކޯޗުންނަށް ވަނީ ހީކުރި ވަރަށް ވުރެން އަވަހަށް ވަޒީފާ ވެސް ގެއްލިފަ އެވެ. އޭގެ ތެރޭގައި ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ އާއި މޮރީނިއޯ އަދި ކޮންޓޭ ހިމެނެ އެވެ.
މިދިޔަ ފަހަރު ގިނަ ރެކޯޑްތަކެއް މުގުރާލައި ޕްރިމިއާ ލީގު ކާމިޔާބުކުރި ސިޓީން މި ފަހަރުގެ ސީޒަނާ ކުރިމަތިލާނީ ނާކާމިޔާބު ވުމުގެ ބިރަށް ވުރެ ބޮޑަށް ކާމިޔާބު ތަކުރާރުކުރަން ފެންބޮވައިގަނެފައި އޮތް ޓީމެއްގެ ގޮތުގައި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.