09 އޯގަސްޓް 2018 - 07:36

ކައިވެންޏަކީ ކުރާ މަސައްކަތެއް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ހަމައެކަނި ބަދަލުވާ ކަމަކީ މީހާގެ ސްޓޭޓަސް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.
އުމުރުން 25 އަހަރުގެ ބަތަލާ ބުނި ގޮތުގައި އޭނާއަކީ ކައިވެނި ކުރިޔަސް މަސައްކަތެއް ނުކޮށް ގޭގައި ހުންނާނެ މީހެއް ނޫނެވެ. އަދި މަސައްކަތް ކުރެވޭ ހާލަތެއްގައި ހުރި ހުރިހާ ދުވަހަކު އެކްޓްކުރުން ހުއްޓައިނުލާނެ ކަމަށް ބުންޏެވެ.
އަޑުތައް އަރާފައިވާ ގޮތުން އާލިއާ އާއި ރަންބީރު ކަޕޫރް އަންނަނީ 2020 ގައި ކައިވެނި ކުރަން ތައްޔާރުވަމުންނެވެ. އަދި ދެ މީހުންގެ ގުޅުމަށް ދެ ފަރާތުގެ އާއިލާ ވެސް ރުހޭކަން މީޑިއާތަކުން ފެންނަ ވާހަކަތަކާއި މަންޒަރުތަކުން ހާމަވެ އެވެ.
ދާދި ފަހުން ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ރާޒީ" ގެ ބަތަލާ ދާދި ފަހުން ބުނި ގޮތުގައި އުމުރުން 30 އަހަރުވުމުގެ ކުރިން ކައިވެނި ކުރާނެ އެވެ. އަނެއްކޮޅުން ރަންބީރަށް މިހާރު 35 އަހަރުވެފައިވާތީ، އޭނާގެ ބައްޕަ އަދި އެކްޓަރު ރިޝީ ކަޕޫރް އަންނަނީ މިއީ ރަންބީރު ކައިވެންޏާ ދޭތެރޭ ސީރިއަސްކޮށް ވިސްނަންވީ ވަގުތު ކަމަށް ބުނަމުންނެވެ.
ރިޝީ ބުނި ގޮތުގައި އޭނާ މަރުވުމުގެ ކުރިން، ރަންބީރުގެ ފަރާތުން ލިބޭ ކާފަދަރިންނާ އެކު ކުޅެ، މަޖާކޮށްލަން ބޭނުންވެ އެވެ.
އާލިއާ އާއި ރަންބީރު މިހާރު އަންނަނީ އެކުގައި ފިލްމެއް ވެސް ކުޅެމުންނެވެ. އެއީ އަންނަ އަހަރުގެ އޮގަސްޓް 15 ގައި ރިލީޒް ކުރާ "ބުރައްމަސްތުރާ" އެވެ. ދެ މީހުންގެ ލޯބީގެ ވާހަކަތައް މީޑިއާތަކުން ދެއްކި ނަމަވެސް، ރައްޓެހިވެގެން އުޅޭ ކަމަކަށް ރަސްމީކޮށް މިހާތަނަށް އެއްބަހެއް ނުވެ އެވެ.
އެކަމަކު ދުރުދުރުން އެކަހަލަ އިޝާރާތްތަކެއް ދީފައިވެ އެވެ.
އާލިއާގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި "ގަލީ ބޯއީ" އާއި "ކަލަންކް" ހިމެނެ އެވެ. މި ދެ ފިލްމް އަންނަ އަހަރުގެ ކުރީކޮޅު ސިނަމާތަކަށް އަންނާނެ އެވެ.