06 އޯގަސްޓް 2018 - 11:02

ޖަކާޓާ (އޮގަސްޓް 6) - އިންޑޮނީޝިއާގެ ލޮމްބޮކް އައިލެންޑަށް އިއްޔެ ހަވީރު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 91 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ރިކްޓާ މިންގަނޑުން 7 ގެ ބާރު މިނުގައި އައި ބިންހެލުމުގައި ލޮމްބޮކުން އެތައް އިމާރާތެއް ވެއްޓި، ބޮޑު ބަޔަކުން ވަނީ ކަރަންޓް ވެސް ކެނޑިފަ އެވެ. ބިންހެލުމަށް ފަހު ވަނީ 130 އަށް ވުރެ ގިނަ ލޮޅުން އަރައިފަ އެވެ.

ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.

ލޮމްބޮކް އަކީ އިންޑޮނީޝިއާގައި ޓޫރިސްޓުން ޒިޔާރަތް ކުރުމަށް މަޝްހޫރު ބާލީގެ ހުޅަނގުން އޮންނަ 4،500 އަކަ ކިލޯ މީޓަރު (1،700 އަކަ މޭލު) ގެ ރަށެކެވެ. ލޮމްބޮކްގެ އާބާދީގައި ތިން މިލިއަނެއްހާ މީހުން ހިމެނުނު ނަމަވެސް ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ޓޫރިސްޓުންނެއް އެ ރަށަށް ޒިޔާރަތް ކުރެ އެވެ. ބާލީގެ ހުޅަނގުން 40 ކިލޯ މީޓަރު (25 މޭލު) ދުރުގައި އޮންނަ ލޮމްބޮކަށް ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ.
ބިންހެލުން އައުމާ އެކު ލޮމްބޮކުގެ ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުން ވެސް ވަނީ މަގުތަކަށް ނެރެފަ އެވެ.
ބިންހެލުމުގެ އަސަރު ވަނީ ބާލީ އަށް ވެސް ކޮށްފަ އެވެ.
ބިންހެލުން އައި އިރު ސެކިއުރިޓީ ކޮންފަރެންސަކަށް ވަޑައިގެން ސިންގަޕޫރުގެ ހޯމް މިނިސްޓަރު ކޭ. ޝަންމުގަމް ހުންނެވީ ލޮމްބޮކްގަ އެވެ. އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި ހޮޓަލުގެ 10 ވަނަ ބުރީގެ ކޮޓަރިއެއްގައި ލެޕްޓޮޕުން މަސައްކަތެއް ކުރައްވަން އިންނަވަނިކޮށް ބިންހެލުމުގެ އޮޅުމާ އެކު ފާރުތަކުގައި ރެނދު އަޅަން ފެށި ކަމަށް ވިދާޅުވި އެވެ. އަދި ކޮޅަށް ހުންނަން ދަތިވި ކަމަށް ވެސް ލިޔުއްވާފައިވެ އެވެ. ސިޑިން ތިރިއަށް ފޭބި އިރު ވެސް އިމާރާތް ހެލޭ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
އޮސްޓްރޭލިއާގެ ހޯމް މިނިސްޓަރު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އިންޑޮނީޝިއާގެ ޑިޒާސްޓާ އެޖެންސީން ބުނީ 1،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ލޮމްބޮކް އައިލެންޑަށް މި ބިންހެލުން އައިސްފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ވެސް އެ ސަރަހައްދަށް ބިންހެލުމެއް އައިސްފައި ވަނިކޮށެވެ. އެފަހަރު އައި 6.4 ގެ ބާރުމިނުގެ ބިންހެލުމުގައި ވަނީ 17 މީހުން މަރުވެފަ އެވެ.