"ސިމްބާ" އަކީ ކެރިއަރުގެ އެންމެ ބޮޑު ފިލްމަށް ވާނެ: ރަންވީރު
"ސިމްބާ" އަކީ ކެރިއަރުގެ އެންމެ ބޮޑު ފިލްމަށް ވާނެ: ރަންވީރު

އަންނަ ޑިސެމްބަރު މަހު ރިލީޒް ކުރާ ރޯހިތު ޝެޓީގެ މަސާލާ ފިލްމް "ސިމްބާ" އަކީ ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ ބޮޑު ފިލްމް ކަމަށާއި އެ ފިލްމަކީ ބެލުންތެރިން ވަރަށް ވެސް ގަޔާވާނެ ފިލްމަކަށް ވާނެ ކަމަށް އެކްޓަރު ރަންވީރް ސިންގް ބުނެފި އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ސާރާ އަލީ ހާން ބަތަލާގެ ރޯލް ކުޅޭ ފިލްމްގެ ޝޫޓިން ޖޫން މަހު ފެށުމަށް ފަހު، ފިލްމްގެ ފުރަތަމަ ޝެޑިއުލް ވެސް ވަނީ ހައިދަރުއާބާދުގައި ނިންމާލައިފަ އެވެ.

ރޯހިތު މި ވަގުތު ހުރީ "ސިމްބާ" ގެ މަސައްކަތްތަކާ ދުރަށް ޖެހިލައި، އޭނާ ހޯސްޓް ކުރާ ކަލާޒްގެ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ނުވަ ވަނަ ސީޒަނުގެ ޝޫޓިން އަށް ޕޯޗްގަލްގަ އެވެ.

"ސިމްބާ"އާ ބެހޭ ގޮތުން ރަންވީރް، 33، ބުނީ އެ ފިލްމަކީ ބެލުންތެރިން ސިނަމާގައި ވަރަށް ގަދައަށް "އެންޖޯއިކޮށްލާނެ" ހުރިހާ ރަހައެއް ހެޔޮވަރު "މަސާލާ އެންޓަޓައިނާއަކަށް" ވާނެ ކަމަށެވެ. މި ފިލްމްގައި އޭނާ ކުޅެނީ ވަރަށް "ކޫލް" އަދި ވަރަށް ގަދަފަދަ ފުލުހެއްގެ ރޯލެވެ. މި ރޯލް ކުޅެން ރަންވީރު ވަނީ ހަށިގަނޑު ވެސް ބިޔަކޮށްފަ އެވެ.

"އަހަންނަށް މިހާރު ވެސް ޔަގީންކަން ދެވިދާނެ މިއީ ސްކްރީން ފަޅައިލާ ވަރުގެ ފިލްމަކަށް ވާނެކަން. ސިނަމާގައި ބެލުންތެރިން ވަރަށް ފޯރި ނަގާނެ މި ފިލްމް ބަލާ އިރު،" މި އަހަރުގެ ފެބުރުއަރީ މަހު ރިލީޒް ކުރި "ޕަދްމާވަތު" ގައި ނެގަޓިވް ރޯލެއް ކުޅުނު އެކްޓަރު ބުންޏެވެ.

ރަންބީރު ބުނި ގޮތުގައި ރޯހިތުގެ ފިލްމެއް ނަމަ، އެއީ ބޮޑު ބްލޮކްބަސްޓާއަކަށްވާނެކަމީ މިހާރު ގެރެންޓީ ކަމެކެވެ. އަނެއްކޮޅުން "ސިމްބާ" އަކީ އޭނާގެ ރަހަގަނޑާއި ވައްޓަފާޅި ވަރަށް ވެސް ފުރިހަމަ އަށް ފެނިގެން ދާނެ ވަރަށް ކުލަގަދަ ފިލްމެއް ކަމަށް ބުންޏެވެ.

"މީގައި ކުޅެން މި ލިބުނީ އަސްލު މިހާރު އަހަރެން ކުޅެން ބޭނުންވާ ކަހަލަ ރޯލެއް. މާސް އޯޑިއަންސަކަށް އަހަރެން ބޭނުން އަހަންނަކީ ވަރަށް އެންޓަޓައިނިނިން ފިލްމްތަކެއް ވެސް ކުޅެދިވާނެ އެކްޓަރެއްކަން ސާބިތުކޮށް ދޭން. ރޯހިތު އަހަރެން ލައްވައި ކުރުވާފައި ހުރި މަސައްކަތް ފެނުނީމަ ބެލުންތެރިން ވެސް އެކަން ގަބޫލު ކުރާނެ." ބަޖިރާއޯ މަސްތާނީ ކަހަލަ އިންޓެންސް ސީރިއަސް ފިލްމްތައް ކުޅެފައިވާ ރަންވީރް ބުންޏެވެ. "ރޯހިތާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ވެސް ސަޅި އަދި އެހާމެ މަޖާ ތަޖުރިބާއެއް."

އޭނާ ބުނި ގޮތުގައި މިހާރު ކެތްމަދުވެފައި ހުރީ ފިލްމްގެ ފަހު ޝޫޓިން ޝެޑިއުލް ފެށޭނެ އިރަކަށެވެ. ރޯހިތު ބިޒީވެގެން، "ސިމްބާ" ގެ މަސައްކަތް މެދުކަނޑައިލުމުން، ރަންވީރު ވަނީ ލޯބިވެރިޔާ އަދި މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯނާ އެކު އެމެރިކާގައި ޗުއްޓީއެއް ވެސް ހޭދަކޮށްފަ އެވެ.

އެ ދަތުރު ނިންމާލައި އަނެއްކާ ވެސް ރަންވީރް ޖިމަށް ފޯކަސްކޮށްފައިވާ އިރު، މި އަހަރުގެ ނޮވެމްބަރުގައި އޭނާ އާއި ދީޕިކާ ކައިވެނި ކުރަން ތައުޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.